ދަރަނިވެރިވެގެން ހެދި އާ ޓާމިނަލްގެ ކްރެޑިޓް ނަގަން އުޅުމަކީ އަޖައިބެއް: ނަޝީދު
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުގެ އާ ޓާމިނަލަކީ ބޮޑު ދަރަންޏެއް ބޮލުގައި އެޅިގެން ހެދި ތަނެއް ކަމަށާއި، އެ ތަނުގެ ކްރެޑިޓް ނަގަން އެއްވެސް މީހަކު އުޅެންވީ ސަބަބެއް ނުވިސްނޭކަމަށް ކުރީގެ ރައީސް މުޙައްމަދު ނަޝީދު މިއަދު ވިދާޅުވެއްޖެއެވެ ވީއައިއޭގެ އާ ޓާމިނަލް ހުޅުވަން 18 ދުވަހަށް ވެފައިވަނިކޮށް، މިއަދު ނަޝީދުގެ ނުރަސްމީ އެކައުންޓުގައި ކުރެއްވި ޕޯސްޓުގައި ވިދާޅުވީ، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ހަަދައި ނިމުމުގެ ކްރެޑިޓް ނަގަން އެއްވެސް ބޭފުޅަކު އުޅުއްވުމަކީ ބޮޑު އަޖައިބެއް ކަަމަށެވެ. "ދެ ބިލިއަން ރުފިޔާއިން ރާއްޖެ ދަރައި، އަދި 15 އަހަރު ގެއްލިދިޔަ ކަމަކަށް ކްރެޑިޓް ނަންގަވަން އުޅުއްވާންވީ ސަބަބެއް ނުވިސްނޭ،" ނަޝީދު ނުރަސްމީ އެކައުންޓުގައި ލިޔުއްވައިފައިވެއެވެ. އެ މަނިކުފާނުގެ ވެރިކަމުގައި 2010ވަނަ އަހަރު ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ހިންގުމަށް 25 އަހަރަށް ޖީއެމްއާރާ ހަވާލުކުރިއެވެ. އެ އެއްބަސްވުން ބާތިލް ކުރީ، ރައީސް މުހައްމަދު ވަހީދުގެ ސަރުކާރުގައި ނޮވެމްބަރު، 27، 2012 ގައެވެ. ފަތުރުވެރިކަމުގެ އިސް ބޭފުޅުން ހިމެނޭ ގްރޫޕަކަށް މީގެ ކުރިން ނަޝީދު ކުރެއްވި މެސެޖެއްގައި ވަނީ، ޖީއެމްއާރަށް އެއާޕޯޓު ހިންގަން ދިންނަމަ، މިއަދު ދެ ބިލިއަން އެމެރިކާ ޑޮލަރުގެ ދަރަންޏެއް ރާއްޖެއިން ދައްކަން ނުޖެހޭނެ ކަމަށް ވިދާޅުވެފައެވެ. އޭރުން އައު ޓާމިނަލް އޮޕަރޭޓުކުރާތާ މިހާރު 10 ވަރަކަށް އަހަރުވާނެ ކަމަށާއި، އެ ކަމުން ސަރުކާރަށްވާ ފައިދާ ކުޑަނުވާނެ ކަމަށް ވެސް ވިދާޅުވިއެވެ. https://sun.mv/208280 އާ ޓާމިނަލް ނިންމުމުގެ ކްރެޑިޓް، ސަރުކާރަށް ތާއީދުކުރާ މީހުން ދެނީ ރައީސް ޑރ. މުޙައްމަދު މުއިއްޒަށެވެ. އެއީ އެ މަނިކުފާނު ވެރިކަމާ ހަވާލުވެވަޑައިގެން އަވަސް ދުވެލީގައި މަސައްކަތް ނިންމައިދެއްވީ ކަމަށް ބުނެއެވެ. ނަމަވެސް، މިދިޔަ އެމްޑީޕީ ސަރުކާރުގެ ވެރިންނާއި، ކުރީގެ ރައީސް އިބްރާހިމް މުޙައްމަދު ޞާލިހަށް ތާއީދުކުރާ މީހުން އާ ޓާމިނަލްގެ ކްރެޑިޓް ދެނީ، މިިދިޔަ ސަރުކާރަށެވެ. އެގޮތުން އެ ސަރުކާރުގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު ވިދާޅުވީ، މިހާރު ފެންނަ އާ ޓާމިނަލްގެ އެތެރެއާއި ބޭރުގެ ހުރިހާ ރީތިކަމަކަށް ކްރެޑިޓް ލިބޭނީ ޞާލިހަށް ކަމަށެވެ. ސަބަބަކީ ޔާމީންގެ ވެރިކަމުގައި ޓާމިނަލްގެ ބޭރު ޑިޒައިން ހުރީ 'ކޮންޓެއިނަރެއް' ހެން ކަމަށާއި، ރާއްޖޭގެ މައި އެއް ބިނާގައި އެ ސިފަ ހުރުން ކަމުނުދިޔުމުން ޞާލިހު އެ ޑިޒައިން ބަދަލުކުރެއްވީ ކަމަށެވެ. އެހެންކަމުން ޓާމިނަލްގެ ރީތިކަމަށް ރައީސް މުއިއްޒަށް، އަދި ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ވެސް އެއްވެސް ކްރެޑިޓެއް ހައްގުނުވާކަމަށް އަމީރު ވިދާޅުވިއެވެ. ނަމަވެސް ޔާމީނަށް ތާއީދުކުރާ މީހުން އެ މަސައްކަތް ފެށީ އެ ވެރިކަމުގައިކަމަށް ބުނެ ކްރެޑިޓް ދެނީ ޔާމީނަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ