ހުޅުދުއްފާރަށް ރައީސް ދެއްވީ މަޝްރޫއުތައް ބާރު ސްޕީޑުގައި ނިންމައިދޭނެކަމުގެ ޔަގީންކަން
ރ. ހުޅުދުއްފާރުގެ ކުރިއެރުމަށް ފަށާފައި ހުރި މަސައްކަތްތައް ނިންމައި، އެ މަނިކުފާނު ވެވަޑައިގެންފައިވާ ވައުދުތައް ބާރު ސްޕީޑުގައި ފުއްދަވައިދެއްވާނެ ކަމަށް ރައިސް ޑރ. މުޙައްމަދު މުއިއްޒު މިއަދު ވިދާޅުވެއްޖެއެވެ. ރ. އަތޮޅަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން މިއަދު ހުޅުދުއްފާރުގެ ރައްޔިތުންނާއި ކައުންސިލާ ބައްދަލުކުރައްވައި މަޝްވަރާތައް ކުރެއްވި ކަމަށެވެ. "މިދެންނެވި ކަންކަން މިހާރު ގޮސްފަައިވާ ގޮތް އެކަންކަމުގައި ހަވާލުވެތިއްބެވި ވަޒީރުންނާއި ކުންފުނިތަކުގެ ވެރިން މެދުވެރިކޮށް އެ ބޭފުޅުންނާއި ހިއްސާކޮށް މަޝްވަރާކުރިން އަދި އެކަންކަން ކުރިޔަށް ދާނެގޮތް ސާފުކޮށްދީފައިވާނެ،" ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ ރަށުގެ ގިރާ ސަރަހައްދު ހިމާޔަތް ކުރުމަށްޓަކައި އެމްޓީސީސީއާ ހަވާލުކޮށްފައި އޮތް މަޝްރޫއަކީ މިވަގުތު ނުހިނގާ އޮތް މަޝޫރޫއެއްކަމަށެވެ. އެ މަޝްރޫއު ނުހިނގާ އޮތް ސަބަބަކީ ބޮޑު ހިލަ ސަޕްލައި ކުރުމުގައި ހުރި ދަތިތަކެއް ދިމާވުން ކަމަށާއި ނަމަވެސް މިހާރު އެކަމަށް ހައްލެއް ހޯދާފައިކަމަށް އެ މަނިކުފާނު ވަނީ ވިދާޅުވެފައެވެ. މީގެ އިތުރުން ރައީސް ވިދާޅުވީ މިދިޔަ އަހަރު ތެރޭގައި ދަރަނީގެ މައްސަލަ ފަދަ އިގުތިސާދީ ގިނަ މައްސަލަތަކެއް ދިމާވުމުން، މަޝްރޫއުތައް ޚަރަދު ނުކުރެވޭ ކަމަށެވެ. ނަމަވެސް މި ސަރުކާރުން ފާސްކުރި ބަޖެޓާއެކު މަޝްރޫއުތަކަށް ފައިސާ ހަމަޖެހި، ހުޅުދުއްފާރުގެ ސްކޫލްގެ މަޝްރޫއު ވެސް ކުރިއަށްގެންދެވޭނެ ކަމަށް އެ މަނިކުފާނު ވިދާޅުވިއެވެ. ރައީސް ވިދާޅުވީ އެ މަޝްރޫއާއެކު، ސުކޫލަށް ދިމާވެފައިވާ ޖާގައިގެ މައްސަލައަށް ހައްލެއް ގެނެވޭނެ ކަމަށެވެ. "މި އަހަރުގަ ދެން އޮތް ދުވަސްތަކުގައި މި ރަށާއި ރާއްޖޭގެ ހުރިހާ ރަށެއްގެ ހުރިހާ ސުކޫލެއްގެ ހުރިހާ ކުލާސް ރޫމްތަކެއް އަޅުގަނޑުމެން އިޔާދަކުރަނިވި ހަކަތަ ބޭނުން ކޮށްގެން އޭސީ ކޮށްދީ ފިނިކޮށްދޭނަން،" ރައީސް ވިދާޅުވިއެވެ. އެ މަނިކުފާނު ވިދާޅުވީ މި އަހަރާއި އަންނަ އަހަރަކީ އިމާރަތް ކޮށްގެން ކުރިއަށްގެންދަން ޖެހޭ މަޝްރޫއުތަކާއި ވައުދުތައް ފުއްދައިދޭނެ ދެ އަހަރު ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ