ކްރިމިނަލް ކޯޓުގެ އިސް ގާޒީގެ މަޤާމުގައި ކުރީން ހުންނެވި ޢަބްދުލް ބާރީ ޔޫސުފްގެ ނަމުގައި ޓްވިޓާގައި ހިންގަމުން ދަނީ ފޭކް އެކައުންޓެއް ކަމަށް އޭނާ ވިދާޅުވެއްޖެއެވެ.
މިކަން ހާމަކޮށް ގާޒީ ބާރީގެ ރަސްމީ ފޭސްބުކް އެކައުންޓުން ޖަހާފައިވާ ސްޓޭޓަސް އެއްގައި ވަނީ، މި ދުވަސްވަރުގައި އޭނާގެ ނަމުގައި ދައުރުވަނީ އޭނާގެ އަމިއްލަ ޓްވިޓާ އެކައުންޓު ނޫން ކަމަށާއި، އެއީ ބަޔަކު ހަދައިގެން އުޅޭ ފޭކް އެކައުންޓްތަކެއް ކަމަށް ބުނެފައެވެ.
އަދި އެ ސްޓޭޓަސް ޖަހާފައިވާ ފޭސްބުކް އެކައުންޓު ފިޔަވައި އިތުރު ފޭސްބުކް އެކައުންޓެއް ނޯންނާނެ ކަމަށްވެސް ގާޒީ ބާރީ ވިދާޅުވިއެވެ.
ގާޒީ ބާރީގެ ސްޓޭޓަސްގައި އިތުރަށް ވިދާޅުވީ، "ނަސްރާއި ކާމިޔާބަށްޓަކައި ހައްޤު ގޮތުގައި ސޯޝަލް މީޑިއާ ބޭނުންކުރެއްވުމަށް ހުރިހާ ޢަޚުންނާއި އުޚްތުންނަށް ދަންނަވާ ކަމަށެވެ.
ގާޒީ ބާރީގެ ނަމުގައި ފޭކް އެކައުންޓެއް ދައުރުވަމުން ދާކަން އޭނާ ހާމަކުރައްވާފައި ވާއިރު، އެ އެކައުންޓުތަކުން ދަނީ ތަފާތުއެކި ވާހަކަތައް ފަތުރަމުންނެވެ. އެއާއެކު ބައެއް މީޑިއާ ތަކުންވެސް އެ ވާހަކަތައް ގާޒީ ބާރީގެ ނަމުގައި ފަތުރާފައި ވެއެވެ.
ސޯޝަލް މީޑިއާގައި ގާޒީ ބާރީގެ ނަމުގައި ފޭކް އެކައުންޓުތަކެއް ދައުރުވަމުން ދާއިރު، އޭނާ ވަނީ ދާދިފަހުން "އެއީ އަނިޔާވެރި ޖާހިލު ބައެއް. ތަފްސީލް އަންނަނީ" ކަމަށް ވިދާޅުވެ ސްޓޭޓަސް އެއް އަޕްޑޭޓު ކުރައްވާފައެވެ.
ގާޒީ ބާރީގެ ނަމުގައި ފޭކް އެކައުންޓުތައް ހިންގާން ފަށާފައިވަނީ އޭގެ ފަހުން ކަން ފާހަގަ ކޮށްލެވެއެވެ. އެގޮތުން އެއިން އެކައުންޓަކުން ރޭ ކޮށްފައިވާ ޓްވީޓެއްގައި ވަނީ ނުހައްގުން އިންސާފުން ބޭރުން ކުރެވުނު ޙުކުމްތަކަށް މަޢާފަށް އެދޭ ކަމަށާއި އެޙުކުމްތަކުގެ ފަހަތުގައި ވަނީ އާއިލާ ބޭފުޅުންގެ ފުރާނަ ކަމަށެވެ.
ރާއްޖޭގެ ސިޔާސީ މަސްރަހު ހޫނުވެފައިވާ މި ދަނޑިވަޅުގައި، ފިތުނަ ފަސާދަ އުފައްދައިގެން ސިޔާސީ މަންފާތައް ހޯދުމަށް ބައެއް ފަރާތްތަކުން ކެނޑިނޭޅި މަސައްކަތް ކުރަމުންދާކަން ފާހަގަ ކޮށްލެވެއެވެ. ގާޒީ ބާރީގެ ނަމުގައި ފޭކް އެކައުންޓުތައް ދައުރު ކުރުމުގެ ފަހަތުގައިވެސް ވަނީ އެފަދަ ކަމެއް ކަމަށް ގިނަ ބަޔަކު ސޯޝަލްމީޑިއާގައި ބުނަމުންދެއެވެ.
ގާޒީ ބާރީގެ ނަމުގައި ބޭނުން ކުރަމުން ދަނީ ފޭކް ޓްވިޓާ އެކައުންޓެއް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ