އިންސާނުންގެ ގައިން ކުރިން ފެނިފައި ނުވާ ދޫނި ރޯގާ ބެއިޖިންގުން ވެސް ފެނިއްޖެ

މީގެ ކުރިން އިންސާނުންގެ ގައިން ފެނިފައިނުވާ ދޫނި ރޯގާގެ ވައްތަރެއް ކަމަށްވާ އެޗް7އެން9 ޗައިނާގެ ވެރިރަށް ބެއިޖިންގުންވެސް ފެނިފައިވާ ކަމަށް ދުނިޔޭގެ ސިއްހަތާ ބެހޭ ޖަމިއްޔާ (ޑަބްލިޔުއެޗްއޯ) އިން ބުނެފި އެވެ.
އެޗް7އެން9 އެންމެ ފުރަތަމަ ފެނިފައި ވަނީ ޗައިނާގެ އިރުމަތީގައިވާ ޝަންހާއީ ފަދަ ރަށްތަކުން ނެވެ. އެހެން ނަމަވެސް، ހޮނިހިރު ދުވަހު ބެއިޖިންގެ ކައިރީގައިވާ ހެނާން ޕްރޮވިންސުން އެޗް7އެން9 ޖެހިފައިވާ ބަލި މީހެއް ފެނިފައިވާ ކަމަށް ޗައިނާއިން ވަނީ ބުނެފަ އެވެ.
ޗައިނާގައި ހުންނަ ޑަބްލިޔުއެޗްއޯގެ ރެޕްރެޒެންޓޭޓިވް މައިކަލް އޯލިއަރީ ވިދާޅުވީ އެޗް7އެން9 ފެނިފައިވަނީ ބެއިޖިންގާ ދުރުން ކަމަށާއި ބަލި ފެތުރު ކޮންޓްރޯލްކުރެވޭނެ ކަމަށް ޗައިނާއިން ބުނަމުންދިޔަ ނަމަވެސް، އެގޮތަށް އެކަން ނުކުރެވޭނެ ކަމަށެވެ. އަދި ޗައިނާގައި އެޗް7އެން9 ގެ އިތުރު ކޭސްތައް ފެތުރޭނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ބެއިޖިންގުން އެންމެ ފުރަތަމަ އެޗް7އެން9 ފެނިފައި ވަނީ ކުޑަ ކުއްޖެއްގެ ގައިން ކަމަށް މައުލޫމާތު ލިބެ އެވެ.
އެޗް7އެން9 ޖެހިގެން މިހާތަނަށް 50 މީހެއްގެ ހާލު ސީރިއަސް ވެފައި ވާއިރު، 11 މީހަކު ވަނީ މަރުވެފަ އެވެ.
ސިއްހީ ތަޖުރިބާކާރުން ގަބޫލުކުރައްވާ ގޮތުގައި އެޗް7އެން9 ފެތުރެނީ މިބަލި ޖެހިފައިވާ ކުކުޅު ނުވަތަ އެނޫންވެސް އެހެން ޖަނަވާރުގެ ގައިން އިންސާނުންގެ ގަޔަށެވެ. އަދި މިހާތަނަށް އިންސާނުންގެ ގައިން އިންސާނުންގެ ގަޔަށް މިބަލި ފެތުރޭ ކަމުގެ އެއްވެސް ހެއްކެއް މިހާތަނަށް ލިބިފައި ނުވާ ކަމަށް ޑަބްލިޔުއެޗްއޯ އިން ބުނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ