"ރައްޔިތުން ނިންމާ ގޮތް އަޅުގަނޑު ޤަބޫލުކުރާނަން"

ޤައުމަށް ކޮށްދެވޭނެ ކަންކަމަކީ ކޮބައިތޯ ބަލާ ޤައުމުގައި ހުރި މައްސަލަތައް ހައްލުކުރުމަށް ހުރިހާ ފަރާތްތަކަކުންވެސް މަސައްކަތް ކޮށްދެއްވުމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި ރިޔާސީ ކެންޑިޑޭޓް ޤާސިމް އިބްރާހިމް އެދިވަޑައިގެންފިއެވެ.
އެމަނިކުފާނު މިކަމަށް އެދިވަޑައިގެންނެވީ ޖުމްހޫރީ ޕާޓީން ރޭ ގއ. ދާންދޫގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުންނެވެ. '
ޤާސިމް އިބްރާހިމް ވިދާޅުވީ ޤައުމުގައި ހުރި މައްސަލަތައް ހައްލުކުރުމަށްޓަކައި ސިޔާސަތުތަކަށް ބަދަލުތަކެއް ގެންނަންޖެހޭ ކަމަށާއި، އެމަނިކުފާނު ރިޔާސީ އިންތިހާބުގައި ވާދަކުރައްވަނީ ޤައުމުގައި ހުރި މައްސަލަތައް ހައްލުކޮށްދެއްވުމަށް ބޭނުންފުޅުވާތީ އެމަޤުސަދުގައި ކަމަށެވެ.
ޤާސިމް އިބްރާހިމް ވިދާޅުވީ ބައެއް ފަރާތްތަކުގެ އަމަލުތައް ހުރި ގޮތުން ޤައުމުގައި ހުރި މައްސަލަތައް ބައެއް ފަރާތްތަކަށް ފެންނަމުން ނުދާ ކަމަށާއި، އެކަމާއި ހިތާމަކުރައްވާ ކަމަށެވެ.
"އަޅުގަނޑު މިހިދުމަތަށް ނިކުމެ މިހުރީ އަޅުގަނޑު މިއަދު މިވާޖިބު އަދާކުރުމަށްޓަކައި އަޅުގަނޑުގެ އަމިއްލަ ނަފްސަށް އަޅުގަނޑުގެ ޒަމީރު ޤަބޫލުކުރާތީ. މިއަދު ޤައުމުގެ ހާލަތު އެހެން ހާލަތަކަށް ގެންދިއުމަށްޓަކައި އަޅުގަނޑަށް ކޮށްދެވެން އޮތް މަސައްކަތެއް ކޮށްދިނުމުގެ މަތިވެރި މަޤުސަދުގައޭ. އެކަން ބަލައިގަތުމާއި ނުގަތުމަކީ މިދިވެހި ލޮބުވެތި ރައްޔިތުންގެ ހައްޤެއް. ތިޔަބޭފުޅުން އެކަން ނިންމަވާ ގޮތަކަށް ނިންމަވާ. އަޅުގަނޑުގެ އެއްވެސް ޝަކުވާއެއް ނޯންނާނެ. އަޅުގަނޑު އެއްވެސް ކަހަލަ އެކަމާމެދު ޝަކުވާއެއް ނުކުރާނަން. އަޅުގަނޑު ހަމަ އަޅުގަނޑުގެ މަސައްކަތަށް އަޅުގަނޑު ކުރާ ކަމެއްގެ ތެރެއަށް އެނބުރި ރުޖޫއަވެ އަޅުގަނޑު ހުންނާނަން މާތް ﷲ އިރާދަކުރެއްވިއްޔާ" ޤާސިމް އިބްރާހިމް ވިދާޅުވިއެވެ.
އެމަނިކުފާނު ވިދާޅުވީ ޖުމްހޫރީ ޕާޓީއަށް ތާއީދު ނެތް ކަމަށް ބުނެ ބައެއް ފަރާތްތަކުން ޕްރޮޕެގަންޑާ ވާހަކަތައް ފަތުރަމުންދާ ކަމަށާއި، އެއީ ހަޤީގަތް ނޫންކަން ހާމަވަމުންދާ ކަމަށެވެ.
ކޮންމެ ކަމެއްވެސް ކުރަންވާނީ ހަމައާއި އުސޫލުގެ ތެރެއިން ކަމަށާއި، ޑިމޮކްރަސީގެ އުސޫލަކީ އެއީ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ޤާސިމް އިބްރާހިމް ވިދާޅުވީ އެމަނިކުފާނު ދާންދޫއަށް ވަޑައިގަތުމުން އެރަށުގެ ރައްޔިތުންގެ ފަރާތުން ޑިމޮކްރަސީގެ ރީތި އުސޫލުން ކަންކަން ކުރެއްވި މަންޒަރު ފެނިގެންދިޔަ ކަމަށާއި، އަތޮޅާއި ޤައުމުގެ ތަރައްޤީއަށް ދާންދޫ ރައްޔިތުން ކުރަމުންދާ މަސައްކަތް ފެނިގެންދިޔަ ކަމަށެވެ.
"ޑިމޮކްރަސީއެއްގެ މާނައަކީ ފިތުނަ ފަސާދަ އުފެއްދުމެއް ނޫން. ހިތަށް އެރިހާ ގޮތަކަށް ކަންތައްތައް ކުރުމެއްވެސް ނުމެ ނޫންމެ. ވިސްނުންތެރިކަމާއެކު ކަންތައްތައްކުރުން. ޑިމޮކްރަސީއިން ލިބިދޭ މިނިވަންކަމުގެ ބޭނުން ނުބައި ގޮތުގައި ހިފުމެއްވެސް ނުމެނޫންމެ. ހެޔޮގޮތުގައި ހިފުން" ޤާސިމް އިބްރާހިމް ވިދާޅުވިއެވެ.
ތަރައްޤީގެ ގިނަ މަޝްރޫއުތަކެއް އަމިއްލަފުޅު ޚަރަދުގައި ކާމިޔާބުކަމާއެކު ކުރިއަށް ގެންދަވާ ޤާސިމް އިބްރާހިމް ވިދާޅުވީ އެމަނިކުފާނު ބޭނުންފުޅުވަނީ ޤައުމަށް ތަރައްޤީ ގެނައުމަށް ކަމަށާއި، އިޚްލާސްތެރިކަމާއެކު ރައްޔިތުންނަށް ހިދުމަތް ކޮށްދެއްވާނެ ކަމަށެވެ.
ދުނިޔޭގައި އުޅޭއިރު އިންސާނަކަށް ވީތީ ވިސްނަންޖެހޭ އަދި ފިކުރުކުރަންޖެހޭ ކަންކަން ހުންނާނެ ކަމަށާއި، އެކަންކަމާއި ވިސްނުމަށްފަހު ރައްޔިތުންނަށް ފެންނަ އެންމެ ރަގަޅުގޮތް ކުރިއަށް އޮތް އިންތިހާބުގައި ރައްޔިތުން ޚިޔާރުކުރާނެ ކަމަށްވެސް ޤާސިމް އިބްރާހިމް ވިދާޅުވިއެވެ.
"އަޅުގަނޑު އެކަމާއި ޝައްކެއް ނުކުރަން. ރައްޔިތުންނަށް މިއަދު ކަންކަން ވަރަށް ރަގަޅަށް ވިސްނިފައިވަނީ" ޤާސިމް އިބްރާހިމް ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ