ކަރަންޓު ކެނޑޭ މައްސަލަ މިއަދު ހަވީރަށް ހައްލު ކުރެވޭނެ: ގުރައިދޫ ކައުންސިލް
ތ. ގުރައިދޫގައި ދޭތެރެދޭތެރެ އިން ކަރަންޓު ކެނޑޭ މައްސަލަ މިއަދު ހަވީރަށް ހައްލު ކުރެވޭވަރު ވާނެ ކަމަށް އެ ރަށު ކައުންސިލުން ބުނެފި އެވެ. އެރަށު ކައުންސިލްގެ މެމްބަރު އިބްރާހިމް އަލީ މިއަދު ވިދާޅުވީ ގުރައިދޫގައި ކަރަންޓު ކެނޑޭ މައްސަލަ ކުރިމަތިވާތާ ހަފްތާއެއްހާ ދުވަސް ވެފައިވާ ކަމަށާއި އެ މައްސަލަ އަށް ހައްލެއް ހޯދުމަށް މިހާރު ފެނެކައިގެ ޓީމެއް އައިސް ރަށުގައި ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ. އާބާދީގައި 2000 އެއްހާ މީހުން އުޅޭ ގުރައިދު އަށް ކަރަންޓު ފޯރުކޮށްދިނުމަށް އެރަށު އިންޖީނުގޭގައި ހުންނަނީ ތިން އިންޖީނެވެ. އެއީ 250 ކިލޯވޮޓުގެ ދެ އިންޖީނާއި މިދިޔަ މަހު އެ ރަށަށް ގެނައި 500 ކިލޯވޮޓުގެ އިންޖީނެވެ. އިބްރާހިމް ވިދާޅުވީ 250 ކިލޯވޮޓުގެ އެއް އިންޖީނު ބޭނުން ނުކުރެވޭ ވަރަށް ހަލާކުވެފައިވާއިރު މިދިޔަ މަހު ގެނައި 500 ކިލޯވޮޓުގެ އިންޖީނުގެ ސޮފްޓްވެއަރގައި މައްސަލައެއް ޖެހިފައިވާ ކަމަށް އެ ރަށަށް އައިސް އުޅޭ ފެނަކައިގެ މެއިން ޗީފް އިންޖިނިއަރުން ބުނި ކަމަށެވެ. "ހަލާކުވެފައި ހުރި 250 ކިލޯވޮޓުގެ އިންޖީނު ހެދުމަށް ބޭނުންވާ ސްޕެއާ ޕާޓްސް ގެނެސްގެން އެ އިންޖީނު މިހާރު ހަދަމުން ދަނީ. 500 ކިލޯ ވޯޓުގެ އިންޖީނު ހެދުމުގެ މަސައްކަތް ކުރަމުންދަނީ ރާއްޖެ އަށް އިންޖީނު އެތެރެކުރާ ޑީޓެކް ކުންފުންޏާއެކު،" ކައުންސިލް މެމްބަރު އިބްރާހިމް އަލީ ވިދާޅުވި އެވެ. އިބްރާހިމް ވިދާޅުވީ އިންޖީނުތައް މަރާމާތުކުރުމަށް ފަހު މިއަދު 11:00 ހާއިރު ރަށަށް ކަރަންޓު ދީފައިވާ ކަމަށެވެ. ނަމަވެސް އެއީ ޓެސްޓު ސިގްނަލްތަކެއް ކަމަށާއި ހުރިހާ މަރާމާތަކަށް ފަހު މިއަދު ހަވީރު 4:00 ހާއިރު މުޅި ރަށަށް ކަރަންޓުގެ ހިދުމަތް ދެވޭވަރު ވާނެކަމަށް އޭނާ ވިދާޅުވި އެވެ. އެ ރަށުން ވާހަކަ ދެއްކި މީހަކު "ހަވީރަ"ށް ބުނީ ކަރަންޓު ކެނޑޭ މައްސަލަ ދިމާވެގެން އުޅޭތާ މިހާރު ތިން ހަތަރު މަސް ވެދާނެ ކަމަށެވެ. އަދި ކަރަންޓު ހުންނަ ވަގުތުތަކަށްވުރެ ގިނައީ ކަރަންޓު ނުހުންނަ ވަގުތުތައް ކަމަށް ވެސް އެމީހާ ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ