ކޯޓު އަމުރެއް އޮއްވައި ފްރީޒްކުރި އަބްދުﷲ އަލީގެ އެކައުންޓް ދޫކޮށްލައިފި

ވިލާގެ އެކައުންޓްތަކާ އެކު މިދިޔަ ހަފުތާގައި ތްރީއޭ ކުންފުނީގެ ޗެއާމަން އަބްދުﷲ އަލީގެ އެކައުންޓް ފްރީޒްކުރިއިރު، އެ މައްސަލައިގައި އެއްވެސް ފިޔަވަޅެއް ނާޅަން އަންގައި ސިވިލް ކޯޓުން ވަގުތީ އަމުރެއް ނެރެފައި ވާތީ އެ އެކައުންޓް ދޫކޮށްލައިފި އެވެ. ރައްޔިތުންގެ މަޖިލީހުގެ ކުރީގެ މެމްބަރު އަހުމަދު ހަމްޒާގެ ބައްޕަ އަބްދުﷲ އަލީގެ އެކައުންޓް ފްރީޒްކުރީ ރިސޯޓު ހަދަން އޭނާ އަށް ދޫކޮށްފައިވާ ހޮނޑާފުށީގެ ލީސް އެގްރިމެންޓް އުވާލުމުން ދައްކަންޖެހޭ ފައިސާ ނުދެއްކުމުންނެވެ. ހޮނޑާފުށީގެ ލީސް އެގްރިމެންޓް އުވާލާފައި ވަނީ، އިދިކޮޅު ޖޭޕީގެ ލީޑަރު އަދި ވިލާ ގްރޫޕުގެ ޗެއާމަން ގާސިމް އިބްރާހީމަށް ދޫކުރި ފަޅުތަކާއި ރަށްތަކުގެ ސެޓްލްމެންޓް އެގްރިމެންޓާ އެކު، މިދިޔަ ފެބްރުއަރީ 5 ގަ އެވެ. އަބްދުﷲ އަލީގެ ފަރާތުން އެ މައްސަލަ ސިވިލް ކޯޓަށް ހުށަހެޅުމުން، މިދިޔަ މަހުގެ 1 ގައި އެ ކޯޓުން ވަނީ ޝަރީއަތުން ވަކި އެއްޗެއް އަންގަން ދެން ނުވަތަ ހުކުމެއް ކުރަން ދެން، ޓޫރިޒަމް މިނިސްޓްރީގެ ނިންމުމަށް އަމަލުކުރުން ފަސްކުރުމަށް ވަގުތީ އަމުރެއް ނެރެފަ އެވެ. އެ އަމުރުގައި، ހޮނޑާފުއްޓާ ގުޅޭ ގޮތުން އެއްވެސް މުއާމަލާތެއް ނުކުރުމަށް ޓޫރިޒަމް މިނިސްޓްރީ އާއި ދައުލަތުގެ ކަމާ ބެހޭ މުއައްސަސާތަކަށް ވެސް އަަންގާފައިވެ އެވެ. އެ އަމުރު އެ ގޮތަށް އޮއްވައި ހޮނޑާފުށީގެ އެގްރިމެންޓާ ގުޅިގެން އަބްދުﷲ އަލީގެ އެކައުންޓް ވަނީ މިދިޔަ ބުދަ ދުވަހު ފްރީޒްކޮށްފަ އެވެ. އަބްދުﷲ އަލީ ތަމްސީލްކުރައްވާ، ތްރީއޭ ކުންފުނީގެ ލީގަލް އޮފިސަރު ޝާތިރު އަބްދުއްރަހުމާން މިއަދު "ހަވީރަ"ށް ވިދާޅުވި ގޮތުގައި އެ އެކައުންޓް ފްރީޒްކުރީ ސިވިލް ކޯޓުގެ އަމުރާ ހިލާފަށްކަން ފާހަގަކޮޮށް، އެކަން ހަމަ އެ ދުވަހު މީރާ އަށް ވަނީ އަންގާފަ އެވެ. އަދި މިދިޔަ ބުރާސްފަތި ދުވަހު މީރާ އިން އެ އެކައުންޓް ދޫކޮށްލާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. "އެ ބޭފުޅުން ބުނީ އަމުރެއް އޮތް ކަމެއް ނޭނގިއޭ އެކައުންޓް ފްރީޒް ކުރެވުނީ. އެކަމަކު އަބްދުﷲ އަލީގެ އަބުރު ގެއްލުމުގެ އިތުރަށް ވަރަށް ބޮޑު ގެއްލުމެއް މިއީ. އެކަން ފާހަގަކުރީމަ އެ ބޭފުޅުން އެކަން ރަނގަޅެއް ނުކުރައްވާ،" ޝާތިރު ވިދާޅުވި އެވެ. އަބްދުﷲ އަލީގެ އެކައުންޓާ އެކު، ތްރީއޭގެ އެކައުންޓް ވެސް ފްރީޒްކުރި އެވެ. އޭގެ އިތުރުން ފްރީޒްކުރި އެހެން އެކައުންޓްތަކުގެ ތެރޭގައި ގާސިމްގެ ވިލާ ޝިޕިން އާއި ވިލާ ހޮލިޑޭސް ޕްރައިވެޓް ލިމިޓެޑާއި ގަޒީރާ ޕްރައިވެޓް ލިމިޓެޑާއި ވިލާ ހޮޓެލްސް އެންޑް ރިސޯޓްސް ޕްރައިވެޓް ލިމިޓެޑާއި މާނެންފުށި ޕްރައިވެޓް ލިމިޓެޑުގެ އެކައުންޓް ހިމެނެ އެވެ. އަދި ޔޮޓް ޓުއާޒް އާއި ޖޭއެޗް ރިސޯޓްސް ޕްރައިވެޓް ލިމިޓެޑާއި އެގްޒޯޓިކް ޕްރޮޕަޓީސް ޕްރައިވެޓް ލިމިޓެޑާއި އެމްޓީޑީސީ އާއި އޭޝިއާ ރިސޯޓްސް ޕްރައިވެޓް ލިމިޓެޑާއި މެދުފުއްޓާއި ބްލޫ ލެގޫން އިންވެސްޓްމަންްޓާއި ކަނިފުށި އިންވެސްޓްމަންޓާއި އަހުމަދު ވަހީދުގެ އެކައުންޓް ވެސް ފްރީޒްކޮށްފައިވެ އެވެ. ކޯޓު އަމުރާ ގުޅިގެން އަބްދުﷲ އަލީގެ އެކައުންޓް ދޫކޮށްލާފައި ވާއިރު، ފްރީޒްކުރި ބައެއް އެހެން އެކައުންޓްތައް މިހާރު ވަނީ ފައިސާ ދެއްކުމުން ނުވަތަ ދައްކަންޖެހޭ ފައިސާގެ އަދަދު ނެގުމަށް ފަހު ދޫކޮށްލާފަ އެވެ. އޭގެ ތެރޭގައި ކަނިފުށި އިންވެސްޓްމަންޓާއި އެމްޓީޑީސީގެ އެކައުންޓް ހިމެނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ