އަނެއްކާވެސް ރިކޯޑު އަދަދެއް، މިއަދު 2200 މީހަކު ޕޮޒިޓިވް ވެއްޖެ

މިއަދު ރާއްޖެއިން ކޮވިޑް ބައްޔަށް 2349 މީހަކު ޕޮޒިޓިވް ވެ، މި ވަގުތު ކޮވިޑް ބަލި ޖެހިފައި ތިބި ޖުމްލަ މީހުންގެ އަދަދު 13035 އަށް އަރައިފިއެވެ.
މިއަދު 2000 އިން މަތިން ޕޮޒިޓިވް ކޭސް ރިޕޯޓް ކޮށްފައިވާ އިރު، މީގެ އެއްދުވަސްކުރިން ވެސް ވަނީ 2137 ކޭސް ރިޕޯޓް ކޮށްފައެވެ.
ހެލްތް ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) އިން މިރޭ އާންމު ކުރި ތަފާސްހިސާބުތައް ދައްކާގޮތުގައި، ވޭތުވެ ދިޔަ 24 ގަޑިއިރު ތެރޭ 7574 ސާމްޕަލް ޓެސްޓު ކޮށްފައިވާ އިރު، އޭގެތެރެއިން 2349 މީހަކަށް ވަނީ ކޮވިޑް ޖެހިފައެވެ. ޕޮޒިޓިވް ވި މީހުންގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން 1325 މީހަކާއި، އަތޮޅުތެރެއިން 681 މީހަކާއި ރިސޯޓްތަކުން ޕޮޒިޓިވް ވި 54 މީހެކެވެ. މިއާ އެކު މިހާރު ބަލި ޖެހިފައި ތިބި މީހުންގެ ޖުމްލަ އަދަދަކީ 13035 އެވެ.
މިއަދު ޕޮޒިޓިވްވި މީހުންނާ އެކު ބަލި ޖެހުނު މީހުންގެ އަދަދު މިހާރު ވަނީ 114977 އަށް އަރާފައެވެ. އަދި މި ވަގުތު ބަލި ޖެހިގެން މަރުވެގެން މަދު ބަޔަކު ރިޕޯޓް ކޮށްފައި ވީ ނަމަވެސް މި ބަލީގައި ފަރުވާ ހޯދަމުންދާ މީހުންގެ ތެރެއިން އެނދުމަތިކޮށްގެން ފަރުވާ ދެމުން ދާ މީހުން ވަނީ އިތުރުވެފައެވެ. މި ވަގުތު 48 މީހަކަށް އަންނަނީ ކޮވިޑްގައި އެނދުމަތިކޮށްގެން ފަރުވާ ދެމުންނެވެ.
ރާއްޖެއިން ކޮވިޑް ކޭސްއެއް އެންމެ ފުރަތަމަ ފެނިފައި ވަނީ މާޗް 7، 2020 ގައެވެ. މިހާތަނަށް ކޮވިޑް ބަލި ރާއްޖެއިން ފެނުނުތާ 686 ދުވަސްވެފައި ވާއިރު މިހާތަނަށް މި ބަލީގައި މަރުވި މީހުންގެ ޖުމްލަ އަދަދު ވަނީ 269 އަށް އަރާފައެވެ. 2020 ވަނަ އަހަރުގެ ނިޔަލަށް 49 މީހަކު މަރުވެފައިވާ އިރު، 2021 ވަނަ އަހަރު ނިމުނު އިރު 213 މީހަކު ވަނީ މި ބަލީގައި މަރުވެފައެވެ. މި އަހަރު ފެށިގެން މިއަދާ ހަމައަށް 22 ދުވަސްވީ އިރު މި ބަލީގައި މަރުވެފައި ވަނީ 6 މީހެކެވެ.
ޖެނުއަރީ މަހު ރިޕޯޓް ކުރި ކޭސްތަކުގެ ތަފްސީލަށް ބަލާއިރު އެންމެ ގިނަ ކޭސް ރިޕޯޓް ކޮށްފައި ވަނީ މިއަދާ އެކު މި ވޭތުވެދިޔަ ތިން ދުވަހުއެވެ. އިއްޔެ 1697 މީހަކު ކޮވިޑަށް ޕޮޒިޓިވްވި އިރު، އޭގެ ކުރީ ދެ ދުވަހު 2137، 1594 މީހަކު ޕޮޒިޓިވް ވެފައިވަ ކަމަށް ރިޕޯޓް ކޮށްފައި ވެއެވެ. މިއާއެކު މި މަހު ޖުމްލަ ވަނީ 19277 އަށް އަރާފައެވެ.
ރާއްޖެއިން އޮމިކްރޯން ފެނިފައިވާ ކަމަށާއި މާލެ އާއެކު ދ. ކުޑަހުވަދޫ އާއި ކ. މާފުށިން އޮމިކްރޯން ފެނިފައިވާ ކަމަށް އެޗްޕީއޭއިން ވަނީ މީގެ ކުރިން ބުނެފައެވެ. މިހާތަނަށް އޮމިކްރޯން ފެނުނު ސަރަހއްދުތައް އާންމު ކުރި ފަހުން ކޭސްތަކުގެ އަދަދުތައް ހަލުވި ސްޕީޑެއްގައި މައްޗަށް ދާތަން އަންނަނީ ފެންނަމުންނެވެ، ނަމަވެސް މިހާރު ފެނިފަިއވާ ކޮވިޑް ކޭސްތަކުގެ ތެރެއިން އޮމިކްރީން ޖެހުނީ ކިހާ އަދަދެއްގެ މީހުންނަށް ކަން އެޗްޕީއޭ އިން ހާމައެއް ނުކުރެއެވެ.
މި ވަގުތު ކޮވިޑް ފެތުރެމުން އަންނާތީ 23 ރަށެއް ވަނީ މޮނިޓަރީންގެ ހާލަތަށް ލާފައެެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ