ޖުލައިމަހުގެ ކަރަންޓު ބިލު ބޮޑުވުމުގައި މައްސަލައެއް ނެތް: ޔޫޓިލިޓީ އޮތޯރިޓީ

މިދިޔަ ޖުލައި މަހުގެ ކަރަންޓު ބިލް ބޮޑުވުމުގައި އެއްވެސް މައްސަލައެއް ނެތްކަމަށް ޔޫޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީން ބުނެފިއެވެ.
ކަރަންޓު ބިލުތައް ބޮޑުވުމުގެ ސަބަބުން، ކަސްޓަމަރުން ވަނީ ސޯޝަލް މީޑިއާގައި އެކަމުގެ ޝަކުވާވެސް ކޮށްފައެވެ.
ސްޓެލްކޯއިން ޖުލައި މަހުގައި ކަސްޓަމަރުންނަށް ފޮނުވާފައިވާ ކަރަންޓު ބިލުތައް ބޮޑުވެފައި ހުރިކަމުގެ ޝަކުވާ ނޫސްތަކާއި މީސްމީޑިއާއިން ސަމާލުކަމަށް އައިސްފައިވާ ކަމަށް ބުނެ ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީން ވަނީ 30 ޖުލައި 2021 ގައި މިމައްސަލަ ބަލަން ފަށާފައެވެ.
މައްސަލަ ބެލުމަށް ކުރި ދިރާސާއިން ހޯދުނު ހޯދުންތަކުން އެނގުނުގޮތުގައި، ބައެއް ކަސްޓަމަރުންނަށް ބިލް ބޮޑުވެފައިވާކަމަށް ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީއަށް ފާހަގަކުރެވުނު މައިގަނޑު އެއް ސަބަބަކީ ސްޓެލްކޯއިން ޖުލައި މަހުގައި ފޮނުވާފައިވާ ބިލަކީ ގާތްގަނޑަކަށް ޖޫން 10 އިން ޖުލައި 10 އާ ދެމެދުގައި ކަރަންޓް ބޭނުންކޮށްފައިވާ ވަރަށް ބިލްކޮށްފައިވާ ބިލުތަކަކަށް ވިޔަސް، ބިލް ފޮނުވާފައިވަނީ ޖުލައި މަހުގެ ފަހުކޮޅުގައިކަމަށްވާތީ، ޢީދު ބަންދުގެ މުއްދަތު (ޖުލައި 19- 30 އަށް) ބިލުކުރި މުއްދަތު ހިމެނިފައި ނެތް ކަމަށެވެ.
އެހެންކަމުން ޢީދު ބަންދުގައި ކަސްޓަމަރުން ބޭނުންކުރި ވަރު ޖުލައި މަހުގައި ލިބުނު ބިލުތަކުގައި ހިމެނިފައިނުވާތީ އެ ބިލުތައް ކުޑަ ނުވީކަމަށް ނޫސްބަޔާނުގައި ވަނީ ބުނެފައެވެ.
ބަޔާނުގައި ބުނެފައިވަނީ ޢީދު ބަންދުގެ މުއްދަތުގައި ކަރަންޓު ބޭނުންކުރެވުނު މިންވަރު ފެންނާނީ އޮގަސްޓު މަހުގައި ލިބުނު ބިލުތަކުން ކަމަށެވެ.
ޖޫން މަހުގައި ކަސްޓަމަރުންނަށް ލިބިފައިވާ ބިލުތަކަށް (މެއި އިން ޖޫން އަށް ކަރަންޓު ބޭނުން ކުރި ވަރު) ސަރުކާރުން %40 ގެ ޑިސްކައުންޓެއް ދީފައިވާ ކަމަށާއި ނަމަވެސް ޖުލައި މަހުގައި ކަސްޓަމަރުންނަށް ލިބިފައިވާ ބިލުތަކުގައި ޑިސްކައުންޓް ހިމެނިފައި ނުވާތީ އެ ތަފާތު ބިލުތަކުން ދެއްކީ ކަމަށްވެސް ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީން ބުނެއެވެ.
ޖުލައި މަހުގެ ކަރަންޓް ބިލު ބޮޑުކަމުގެ ޝަކުވާ އާންމުންގެ ފަރާތުން ފެންމަތިވުމާ ގުޅިގެން، ސްޓެލްކޯގެ ޖެނެރަލް މެނޭޖަރު ހުސައިން ފަހުމީ މީގެކުރިން ވިދާޅުވީ ޖުލައިމަހުގެ ބިލު ބޮޑުކަމަށް ދައްކަނީ ޖޫން މަހުގެ ބިލަށް ޑިސްކައުންޓް ދީފައި ޖުލައި މަހުގެ ބިލުގައި އެ ޑިސްކައުންޓް ނުހިމެނޭތީ ކަމަށެވެ.
މިމައްސަލައާ ގުޅޭ ދިރާސާ ރިޕޯޓް ޔުޓިލިޓީ ރެގިއުލޭޓަރީ އޮތޯރިޓީގެ ވެބްސައިޓްގައި ވަނީ އާއްމު ކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ