ރިޔާސީ ނިޒާމުގެ ދިފާއުގައި މައުމޫން ނުކުންނަވައިފި

ރާއްޖެ އަށް އެންމެ ކަމުދާ ވެރިކަމުގެ ނިޒާމަކީ ރިޔާސީ ނިޒާމު ކަމަށް ވިދާޅުވެ، އެ ނިޒާމުގެ ދިފާއުގައި ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ނުކުންނަވައިފި އެވެ.
ރާއްޖޭގައި ބާއްވަން ފެންނަނީ ވެރިކަމުގެ ކޮން ނިޒާމެއްތޯ ކަނޑައަޅަން މީގެ 13 އަހަރު ކުރިން، މައުމޫންގެ ވެރިކަމުގައި ބޭއްވި ނިޒާމީ ވޯޓުގައި އެ މަނިކުފާނު އޭރު ވެސް ތާއީދު ކުރެއްވީ ރިޔާސީ ނިޒާމަށެވެ. ނަމަވެސް، މިހާރު ވެރިކަމުގައި އޮތް އެމްޑީޕީން ތާއީދުކުރީ ބަރުލަމާނީ ނިޒާމަށެވެ.
ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓުން، ރާއްޖޭގައި ބާއްވަން 2007 ގައި 62 ޕަސެންޓުން ކަނޑައެޅީ ރިޔާސީ ނިޒާމެވެ.
ރިޔާސީ ނިޒާމާ އެއްކޮޅަށް މައުމޫން އަނެއްކާ ވެސް މި ނުކުންނެވީ ބަރުލަމާނީ ނިޒާމަށް ވެރިކަން ހިންގުން ބަދަލުކުރަން ކާށިދޫ ދާއިރާގެ މެމްބަރު އަދި ޑީއާރުޕީގެ ލީޑަރު އަބްދުﷲ ޖާބިރު ރައްޔިތުންގެ މަޖިލިހަށް މިއަދު ހުށަހަޅުއްވާފައި ވަނިކޮށެވެ. އެކަމަކު، މަޖިލީހުން އަދި އެކަމާ މެދު ގޮތެއް ނުނިންމަ އެވެ.
މައުމޫން މިރޭ ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ، ރާއްޖޭގެ ސިޔާސީ، އިޖުތިމާއީ، އިގުތިސާދީ ހާލަތަށް ބަލާއިރު، ރާއްޖެ އަށް އެންމެ ކަމުދަނީ ރިޔާސީ ނިޒާމުކަން ކަށަވަރު ކަމަށެވެ.
"2007 ވަނަ އަހަރު ރާއްޖޭގެ ރައްޔިތުން ވަރަށް ބޮޑު އަޣުލަބިއްޔަތަކުން ނިންމަވާފައި ވަނީ ވެސް ހަމަ އެހެން،" މައުމޫން ވިދާޅުވި އެވެ.
ބަރުލަމާނީ ނިޒާމަށް ރާއްޖޭގެ ވެރިކަން ބަދަލުކުރަން ޖާބިރު ހުށަހެޅުއްވިއިރު، ކުރީގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދަކީ ވަރަށް ބޮޑަށް އެ ނިޒާމަށް ތާއީދު ކުރައްވާ ބޭފުޅެކެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގެ މެދުތެރެއިން ވެސް ބަރުލަމާނީ ނިޒާމަށް ބަދަލުކުރަން ނަޝީދު މަސައްކަތްޕުޅު ކުރައްވާ ކަމުގެ ތުހުމަތު ވެސް ސިޔާސީ ބައެއް ބޭފުޅުން ކުރައްވަ އެވެ.
ރާއްޖޭގައި މިހާރު އަމަލުކުރަމުން އަންނަ ގާނޫނުއަސާސީ އަށް އަމަލުކުރަން ފެށިތާ 12 އަހަރު ފުރުމާ ދިމާކޮށް ވިޝާމް އެންޑް ކޯ ނަމަަކަށް ކިޔާ ލޯފާމަކުން ކުރިއަށް ގެންދިޔަ ޕްރޮގްރާމަށް ދެއްވި އިންޓަވިއުއެއްގައި ނަޝީދު ވިދާޅުވެފައި ވަނީ ގާނޫނުއަސާސީ އަށް މިހާރުން މިހާރަށް ގެންނަން ޖެހޭ އިސްލާހެއް ނެތް ކަމަށާއި ނަމަވެސް ވެރިކަން ކުރަން ހަމަ އެންމެ ރަނގަޅީ ބަރުލަމާނީ ނިޒާމު ކަމަށެވެ. ގާނޫނުއަސާސީ ބިނާވެފައި އޮތީ ވެސް އެ ނިޒާމަށް ފަހިވާ ގޮތަށް ކަމަށް މި މަހުގެ ހަތެއްގައި ދެއްވި އެ އިންޓަވިއުގައި އެ މަނިކުފާނު ވިދާޅުވެފައި ވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ