ވެރިކަން ދެމަހައްޓަން މަސައްކަތް ކޮށްދޭން ރައީސް މައުމޫން އެދިވަޑައިގެންފި

ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް)ގެ ވެރިކަން ދެމެހެއްޓުމަށް އެ ޕާޓީގެ އެއްމެހާ މެމްބަރުން މަސައްކަތްކޮށްދެއްވުމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އެދިވަޑައިގެންފިއެވެ. ޕީޕީއެމަށް ހަތަރު އަހަރު ފުރުމުގެ މުނާސަބަތުގައި ފޮނުއްވި ޚިތާބުގައި އެމަނިކުފާނު ވިދާޅުވީ އެ ޕާޓީއަށް ހަތަރު އަހަރު ފުރޭ މުނާސަބަތާއި ކުރިމަތިލާއިރު ޕާޓީގެ މެމްބަރުންނަށް ވަނީ ވަރަށް ބޮޑު ނުތަނަވަސްކަމަކާއި ހިތްދަތިކަމެއް ކުރިމަތިވެފައި ކަމަަށެވެ. އެއީ ރިޔާސީ ލޯންޗުގައި އެއްޗެއް ގޮއްވާލި ހާދިސާގެ ސަބަބުން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އެ ފަދަ ހާދިސާ އެއް ތަކުރާރު ވިޔަނުދިނުމަށް ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމިން އަބްދުލްގައްޔޫމަށް 'ދޭން ޖެހޭ ކޮންމެ އެއްބާރުލުމަކާއި އެހީތެރިކަމެއް ފޯރުކޮށްދިނުމުގައި އަޅުގަނޑާއި މި ޕާޓީ ފަސްނުޖެހޭނެ ކަމުގެ ޔަގީންކަން އަރުވާ" ކަަމަށް ރައީސް މައުމޫން ވިދާޅުވެފައި ވެއެވެ. އަދި އެ ޕާޓީއަކީ ކިތައްމެ ހަގު ޕާޓީއެއް ނަމަވެސް ދިވެހިރާއްޖޭގެ ތާރީޚުގައި އެންމެ ކާމިޔާބު ޕާޓީ އަކީ ޕީޕީއެމް ކަަމަށް މައުމޫނު ވިދާޅުވިއެވެ. އަދި ވޭތުވެދިޔަ އަހަރު 12 ބައި އިލެކްޝަންގައި ވާދަކޮށް 12 އިލެކްޝަން ކާމިޔާބުކޮށްފައިވާ ކަމަށް މައުމޫން ވިދާޅުވިއެވެ. އަދި ޕީޕީއެމްގެ މެމްބަރުންނަކީ ގައުމަށް ވަފާތެރިބައެއް ކަމަށާއި އަދި އެ ޕާޓީން އަބަދުވެސް އިސްކުރާނީ ގައުމު ކަމަށް މައުމޫން ވިދާޅުވިއެވެ. "2018 ގެ ރިޔާސީ އިންތިޚާބު މި ޕާޓީ އަށް ކާމިޔާކޮށްދެއްވުމަށް ތިޔަ އެންމެހާ މެންބަރުން މަސައްކަތްކޮށްދެއްވައި ވީ އެންމެ އަވަހަކަށް މި ޕާޓީގެ މެންބަރުންގެ އަދަދު އެއްލައްކަ އަށް އެރުވުމަށްޓަކައި، މެންބަރުން އިތުރުކުރެއްވުމަށް މަސައްކަތްކޮށްދެއްވުމަށް ގޮވާލަމެވެ،" ކުރީގެ ރައީސް މައުމޫނުގެ ޚިތާބުގައި ވެއެވެ. ޕީޕީއެމްގެ މުސްތަޝާރު، ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމިން އަބްދުލް ގައްޔޫމަށާއި، ޕާޓީގެ ކައުންސިލާއި، ޕާލިމެންޓްރީ ގްރޫޕާއި އެންމެނާ ގުނަވަންތަކާއި، ޕާޓީގެ އެއްމެހާ މެމްބަރުންނަށް ރައީސް މައުމޫނު ވަނި ޕީޕީއެމްގެ އަހަރީ ދުވަހުގެ ތަހްނިޔާ ފޮނުވާފައެވެ. މީގެ އިތުރުން ޕީޕީއެމްގެ އުފެއްދުމުގަ އާއި ޕީޕީއެމަށް ކާމިޔާބު ހޯދާދިނުމަށް މަސައްކަތްކުރި އެއްމެހާ ފަރާތްތަކަށް ޕީޕީއެމްގެ ރައީސް މައުމޫނު ވަނީ ޝުކުުރު ދަންނަވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ