ރައްޔިތުންގެ މަޖިލީހުގެ ރައީސްކަމަށް ގާސިމް ކުރިމަތިލެއްވުމަށް ނިންމަވައިފި

18 ވަނަ ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމުގެ މަގާމަށް ކުރިމަތިލެއްވުމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މެންބަރު ކަމަށް ދެވަނަ ދައުރަކަށް އިންތިހާބުވެވަޑައިގެންނެވި ގާސިމް އިބްރާހިމް ނިންމަވައިފި އެވެ.
ގާސިމްގެ ރަސްމީ ޓުވިޓާ އެކައުންޓުގައި ވެސް ވަނީ މަޖިލީހުގެ ރައީސް ކަމަށް ކުރިމަތިލެއްވިކަން ހާމަކުރައްވާފަ އެވެ.
ގާސިމް އިބްރާހީމް ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމަށް ކުރިމަތިލައްވަން ނިންމެވިއިރު އެމަނިކުފާނު ވަނީ މިހާރު އަމަލުކުރަމުންދާ ގާނޫނު އަސާސީ އެކުލަވާލި ހާއްސަ މަޖިލީހުގެ ރައީސް ކަން ވެސް ކުރައްވާފަ އެވެ. އަދި ބައެއް ކޮމިޓީތަކުގެ މުގައްރިރުކަން ވެސް އޭނާ ކުރެއްވި އެވެ.
ގާސިމް މަޖިލީހަށް ކުރިމަތިލައްވަން ނިންމެވިއިރު އޭނާ ނިސްބަތްވެވަޑައިގަންނަވާ ޖުމްހޫރީ ޕާޓީ15 ގޮނޑި ލިބިފައިވާ ކަމަށް ވަގުތީ ނަތީޖާއިން ދައްކަ އެވެ. އަދި ޖުމްހޫރީ ޕާޓީ ބައިވެރިވާ ސަރުކާރު ކޯލިޝަނަށް 50 އަށް ވުރެ ގިނަ ގޮނޑި ލިބިފައިވާކަން ވަގުތީ ނަތީޖާއިން ދައްކަ އެވެ.
އެގޮތުން ޕީޕީއެމަށް 33 ގޮނޑި ލިބުނުއިރު އެމްޑީއޭ އަށް ފަސް ގޮނޑި އަދި އަލާތު ޕާޓީ އަށް އެއް ގޮނޑި ލިބުނެވެ. އިދިކޮޅު އެމްޑީޕީ އަށް 26 ގޮނޑި ލިބުނުއިރު މިނިވަން ފަސް މެމްބަރަކު މިފަހަރު މަޖިލީހަށް އިންތިހާބުވާނެ އެވެ.
މަޖިލީހުގެ ގަވައިދުގައިވާ ގޮތުން އަލަށް އިންތިހާބުވާ ފުރަތަމަ މަޖިލީހުގެ ޖަލްސާގައި މަޖިލީހުގެ ރައީސަކާއި ނާއިބު ރައީސަކު ސިއްރު ވޯޓަކުން އިންތިހާބު ކުރަންޖެހެ އެވެ. އަދި މަޖިލީހުގެ ރައީސް އާއި ނައިބު ރައީސް އިންތިހާބު ކުރެވެންދެން ޖަލްސާގެ ރިއާސަތު ބަލަހައްޓަވާނީ ގާނޫނު އަސާސީގައި ގޮތުން، މެމްބަރުންގެ ތެރެއިން، މަޖިލީހުގައި މެދު ނުކެނޑި އެންމެ ގިނަ ދުވަސްވީ މެމްބަރެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ