މި ގައުމަށް ޑިމޮކްރަސީގެ ނަމުގައި އިމްޕޯޓްކޮށްފައިވާ ގާނޫނުތައް ކޮށައި، މަށައި މި ގައުމަށް ހެޔޮވަރުކޮށް ގާނޫނުތައް ހަދައިގެން ނޫނީ ޑިމޮކްރަސީގެ ފޮނި މީރު ކަމާއި ދިވެހިންނަށް އަމާންކަން ލިބެން ނެތް ކަމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.
ފުލުހުންގެ 82 ވަނަ އަހަރީ ދުވަސް ފާހަގަކުރުމުގެ ގޮތުން ދަރުބާރުގޭގައި ބޭއްވި ރަސްމީ ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން އުމަރު ވިދާޅުވީ އަމަން ގާއިމު ކުރުމަށް ފުލުހުން ކުރާ މަސައްކަތާ ދޭތެރޭ ދެކެވޭ ގޮތާއި ފުލުހުން އަމާން ގާއިމްކުރުމަށް ގާނޫނު އަދާ ނުކުރެވޭ ކަމަށް ބުނާ އަސްލު ސަބަބު މުޅިން ތަފާތު ކަމަށެވެ.
އުމަރު ވިދާޅުވީ ފުލުހުންނާއި ހަވާލުވެފައިވާ ޒިންމާތަކާއި ވާޖިބުތައް އެންމެ އެކަށީގެންވާ ގޮތެއްގައި އަދާކުރުމަށް އޮތް އެންމެ ބޮޑު ހުރަހަކީ ފުލުހުންގެ މަސްއޫލިއްޔަތު އަދާކުރުމަށް ހެދިފައިވާ ގާނޫނުތަކާއި ގަވާއިދުތައް ކަމަށެވެ. އެގޮތުން 2008 ވަނަ އަހަރުގެ ތެރޭގައި ފާސްކޮށް އަމަލުކުރެވެމުންދާ ގާނޫނު އަސާސީގެ ދަށުން ހެދިފައިވާ ގާނޫނުތަކުގެ ސަބަބުން ފުލުހުންގެ ގާނޫނީ ޒިންމާތައް އަދާކުރުމަށް ދަތިވަމުންދާ ކަމުގައި ވިދާޅުވި އެވެ. އަދި ވިދާޅުވީ ފުލުހުންނަކީ ގާނޫނު ހަދާ ބައެއް ނޫން ކަމަށާއި ފުލުހުންނަށް އަމަލުކުރެވޭނީ ގާނޫނު ހަދާ މަޖިލީހުން ފާސްކުރާ ގާނޫނުތަކެއްގެ މައްޗަށް ކަމަށެވެ.
ފުލުހުންނާއި މެދު ނުރުހުމުގެ ބަސްތައް އަމާޒުކުރަމުންދަނީ އެއްވެސް ހާލެއްގައި ސިޔާސީ މަގުސަދެއް ހާސިލުކުރުމުގެ ބޭނުމުގައި ނޫން ކަމަށާއި، އެފަދަ ބަސްތައް ފުލުހުންނަށް އަމާޒުކުރެވިގެން ދަނީ ފުލުހުންގެ ޒިންމާ އަދާކުރުމުގައި ހުރި ހުރަސްތަކުގެ އަސްލު ސަބަބު އާއްމު ރައްޔިތުންނަށް ނޭނގޭތީ ކަމުގައިވެސް މިނިސްޓަރު ވިދާޅުވި އެވެ.
"ފުލުހުންނަކީ ގާނޫނު ހަދާ ބައެއް ނޫން. ފުލުހުންނަށް އަމަލު ކުރެވޭނީ ގާނޫނު ހެދި ގޮތުގެ މައްޗަށް، 2008 ވަނަ އަހަރު ރާއްޖެ ބަލައިގަތް ގާނޫނު އަސާސީ އާއި ގުޅިގެން ހެދުނު ގާނޫނުތަކުގައި ފުލުހުންނަށް ޒިންމާ އަދާކުރުމަށް ދަތިވޭ. ނިކުމެގެން ދާ ތަން. އޭނާއަށް ނުފެންނަނީ ކުށްވެރިޔާ ދެމިގެން ދާނެ ޖާގަތަށް. އަދި ކުށްވެރިޔާ ގާނޫނީ ވަކީލު އަދާ ކުރާ ނުސިޔާނު ދައުރު. އަމަން ގާއިމު ކުރުމަށް ފުލުހުންނާއި މެދު ދެކެވޭ ގޮތާއި ފުލުހުންނާއި ގާނޫނު އަދާ ނުކުރެވޭ އަސްލު ސަބަބާއި އެއީ މުޅިން ތަފާތު ސަބަބުތައް. ކުށުގެ ބިރުވެރިކަމުގެ ޝިކާރައަކަށްވެފައިވާ އާންމު ރައްޔިތަށް ނޭނގެނީ މި ނުކުތާ، އޭނައަށް ފެންނާނީ ކުށްވެރިޔާ އެއް ދޮރުން ނިކުމެގެން އަނެއް ދޮރުން. ސަރުކާރުން ރައްޔިތުންނަށް ދޭން ޖެހޭ އެންމެ މުހިންމު ހަގީގަތަކީ އަމަން އަމާންކަން ޑިމޮކްރަސީ ދުނިޔެއަށް އުފަންވީ މި މަފްހޫމުގެ ތެރެއަށް. މި ސަބަބަށްޓަކައި ކޮންމެ ބަޔަކު ވެސް އުސޫލު ތައާރަފް ކުރަނީ އެބައެއްގެ ވެއްޓާއި ގުޅޭ ގޮތުން. ރާއްޖޭގެ ގާނޫނު ތަކަކީ ޔޫކޭގެ ގާނޫނު ތަކުގެ ތަރުޖަމާ." މިނިސްޓަރު އުމަރު ވިދާޅުވި އެވެ.
ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވީ ރާއްޖޭގައި ފުލުހުން އަމަލުކުރަމުންދާ ގާނޫނުތަކަކީ އިނގިރޭސިވިލާތުގައި ފުލުހުންގެ މުއައްސަސާ ހިންގުމުގައި އަމަލުކުރަމުންދާ ގާނޫނުތަކުގެ ތަރުޖަމާތަކެއް ކަމަށެވެ. އިނގިރޭސިވިލާތުގެ ގާނޫނުތަކެއް ރާއްޖޭގައި ތަންފީޒުކުރަމުންދާއިރު ދެ ގައުމުގެ އާންމު ރައްޔިތުންގެ އަޤީދާއާއި، އިގްތިސާދީ، އިޖުތިމާއީ އަދި އަދުލު އިންސާފުގެ ދާއިރާ ނުހަނު ތަފާތުކަން އުމަރު ފާހަގަކުރެއްވި އެވެ. އެހެންކަމުން އިނގިރޭސިވިލާތުގައި ކަންކަން ކުރާ އުސޫލުން ކަންކަން ކުރަން އުޅެނިފިނަމަ މި ގައުމުގެ ކަންކަން ދާނީ ގޯހުން ގޯހަށް ކަމުގައިވެސް ވިދާޅުވި އެވެ.
އުމަރު ވިދާޅުވީ ދައުލަތުގެ ފުދުންތެރިކަމާއި ރާއްޖެ އުފެދިފައި އޮތް ގޮތާއި ދައުލަތުގެ ވަސީލަތްތަކާއި ނުބައްދަލު ގާނޫނުތަކެއް ހުރިއިރު އެންމެ ރަނގަޅު ގޮތަކީ ކޮންމެހެން ހައްޔަރު ކުރަން ޖެހިގެން ނޫނީ ހައްޔަރު ނުކުރުުން ކަމަށެވެ. އަދި ވިދާޅުވީ ގާނޫނުތައް ހެދެން ޖެހޭނީ އެގައުމެއްގައި ތޮބީއަތާއި ގުޅޭ ގޮތަށް ކަމަށާއި އެހެން ނޫން ނަމަ ގާނޫނުތަކުން ނެރެން ބޭނުންވާ ހަގީގީ ނަތީޖާ ނުނެރެވޭނެ ކަމަށެވެ.
"ރާއްޖޭގެ އަމާންކަން ގާއިމު ނުކުރެވެނީ ރާއްޖޭގެ ގާނޫނުތަކުގެ ހުރި ލޯވަޅުތަކުގެ ސަބަބުން. މުޅި މުޖުތަމައުގެ ފައިދާއަށްޓަކައި ޑިމޮކްރަސީއިން ދޭ މިނިވަން ކަން ހަނި ކުރުމަކީ ކުށުގެ ތުހުމަތުގައި ހައްޔަރު ކުރެވޭ މީހުންނަށް ހުރިހާ ޑިމޮކްރަސީއެއްގައި ކުރާ ކަމެއް. މުޅި މުޖުތަމައުގެ ފައިދާއަށްޓަކައި ޑިމޮކްރަސީއިން ދޭ މިނިވަން ކަން ހަނި ކުރުމަކީ ކުށުގެ ތުހުމަތުގައި ހައްޔަރު ކުރެވޭ މީހުންނަށް ހުރިހާ ޑިމޮކްރަސީ އެއްގައި ކުރާ ކަމެއް. އެހެން ގައުމުތަކުަގއި މުޒާހަރާތައް ހުއްޓެނީ ރާއްޖޭގައިވާ ގޮތަށް ހުޅު ޖެހުން ނުވަތަ ތެޔޮ ޖަހައިގެނެއް ނޫން، އެއަށް ވުރެ މާ ބޮޑެތި ކަންތައް ވެގެން. ގުއަންޓަނާމޯބޭގެ އެތައް ބަޔަކު ހައްޔަރު ކޮށްފައިވަނީ ޑިމޮކްރަސީގެ އުސޫލުތަކާއި ހިލާފަސް. މިއިން އެނގެނީ ގައުމުތަކުން ބޭނުންވަނީ އަމާންކަން ކަން. މުހިންމީ ޑިމޮކްރަސީގެ ނަމެއް ނޫން، މުހިންމީ ޑިމޮކްރަސީގެ ނަތީޖާ." އުމަރު ވިދާޅުވި އެވެ.
މިނިސްޓަރު ވިދާޅުވީ ގާނޫނު އަސާސީއާ ގާނޫނުތަކުގެ ބޭނުމަކީ ވެސް ރައްޔިތުންނަށް ބާއްޖަވެރި ހަޔާތެއް ހޯދައިދިނުން ކަމަށެވެ. އަދި އަމާންކަމަކީ ރައްޔިތުންނަށް ބޭނުންވާ އެންމެ މުހިއްމު ރުކުން ކަމުގައިވެސް ވިދާޅުވި އެވެ.
ފުލުހުންގެ މުއައްސަސާ ހަރުދަނާ ގޮތެއްގައި ހިންގާ، ފުލުހުންގެ ޒިންމާއާއި ވާޖިބު އެންމެ އެކަށީގެންވާ ގޮތެއްގައި އަދާކުރުމަށް ގާނޫނުތަކަށް ގެންނަން ފެންނަ އިސްލާހުތައް ކަމާއި ބެހޭ އިދާރާތަކަށް ފޮނުވުމުގެ މަސައްކަތް ފަށާފައިވާ ކަމުގައިވެސް މިރޭ މިނިސްޓަރު ވިދާޅުވި އެވެ. އެގޮތުން ހައްޔަރު ކުރެވޭ މީހުން ފަނޑިޔާރުންގެ ކުރިމައްޗަށް ގެނައުމާއި މުއްދަތު ޖެހުމުގެ ގަވާއިދުތަކަށް ގެންނަން ފެންނަ އިސްލާހުތައް ވަނީ ކަމާއި ބެހޭ މުއައްސަސާތަކާއި ހަވާލުކުރެވިފައިވާ ކަމަށާ އަދި މޮނިކޮން ބިލު އަންނަ ހަފުތާ ތެރޭ މަޖިލީހަށް ފޮނުވާނެ ކަމުގައިވެސް އުމަރު ވިދާޅުވި އެވެ.
އިމްޕޯޓުކުރި ގާނޫނުތައް ކޮށާލައިގެން ނޫނީ އަމާން ކަމެއް ނެތް: އުމަރު
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ