އަންނަ މަހުގެ 7 ގައި ބާއްވާ ރިޔާސީ އިންތިހާބު ކޮންމެ ކެންޑިޑޭޓަކު ކާމިޔާބުކުރިޔަސް ވެރިކަން ބަދަލުވުމުގެ ކަންތައްތައް އަމާންކަމާ އެކު ކުރިއަށް ގެންގޮސްދެއްވުމަށް ރައީސް މުހަންމަދު ވަހީދު ފުލުހުންގެ ކިބައިން ރޭ އެދިވަޑައިގެންފި އެވެ.
ސޯޝަލް ހައުސިން ސްކީމުގެ ދަށުން ހުޅުމާލޭގައި އިމާރާތް ކޮށްފައިވާ ފްލެޓްތަކުގެ ތެރެއިން 50 ފްލެޓް ފުލުހުންނާ ހަވާލުކުުރުމަށް އިސްކަންދަރު ކޮށީގައި ބޭއްވި ޖަލްސާގައި ރައީސް ވިދާޅުވީ މިހާރުގެ ސަރުކާރުގެ އެންމެ ބޮޑު އުފަލަކަށް ވާނީ މިނިވަން އަދި އޮމާންކަމާ އެކު ކުރިއަށް ދާ އިންތިހާބަކަށްވުމުން ކަމަށެވެ. އަދި އިންތިހާބުގެ ކަންތައްތައް އޮމާންކަމާ އެކު ގާނޫނާ ގަވާއިދުތަކުގެ ތެރެއިން ކުރިއަށް ގެންދިޔުމަށް ޕްރޮފެޝަނަލްކަން މަތީގައި ފުލުހުން މަސައްކަތް ކޮށްދެއްވުމަށް އެމަނިކުފާނު އެދިވަޑައިގަތެވެ.
"އެއްވެސް މީހެއްގެ ބޮލަކަށް ކޮނޑަކަށް ބެލުމެއް ނެތި ގާނޫނު ދަމަހައްޓަވާތި ގަވާއިދުން ކަންތައްތައް ކޮށްދެއްވާތި. އަޅުގަނޑުމެން ބޭނުން ވަނީ އެ އިންތިހާބަކީ މިހާތަނަށް ރާއްޖޭގައި ހިނގި އެންމެ ދެފުށް ފެންނަ، މިނިވަން އިންސާފުވެރި އިންތިހާބަށް ވުން. އެކަމުގައި ތިބޭފުޅުންގެ ދައުރު ވަރަށް ބޮޑު. އަޅުގަނޑު އެކަމަށް ތިބޭފުޅުންގެ އަރިހުން އެދެން،" ރައީސް ވިދާޅުވި އެވެ. "ތިބޭފުޅުންގެ ހިދުމަތް އެކަމުގައި ވަރަށް މުހިންމު. އަޅުގަނޑު ދަންނަވާފައި ވާނީ އަޅުގަނޑުގެ އެންމެ ބޮޑު އުފަލަކަށް ވާނީ ދެން ވެރިކަމަށް އަންނަ ބަދަލު ވެސް އޮމާންކަމާ އެކު ކުރިއަށް ދިޔުމޭ. އެއީ ކޮންމެ ބަދަލަކަށް ވިޔަސް،"
ރައީސް ވަހީދު ވިދާޅުވީ އިންތިހާބަށް ތައްޔާރުވުމުގެ ގޮތުން ފުލުހުން ސާބިތުކަމާ އެކު މަސައްކަތް ކުރަން ޖެހޭ ކަމަށެވެ. އަދި އެކަމަށް ތައްޔާރުވުމަށް ފުލުހުންނަށް ބޭނުންވާ ތަމްރީންތަކާއި އެހެން ވެސް ކަންތައްތަކުގައި ސަރުކާރުގެ ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވި އެވެ.
ރިޔާސީ އިންތިހާބަށް ފަހު ވެސް ކަންތައްތައް އަމާންކަމާ އެކު ކުރިއަށް ގެންގޮސް ދިނުމަށް ފުލުހުންގެ ކިބައިން ރައީސް އެދިވަޑައިގެންފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ