މަގާމުން ވަކިކުރީ ބާރުގަދަ ސިޔާސީ މީހެއްގެ ނުފޫޒުން: މަދަނީ އަބްދުﷲ

ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަމުގައި ހުންނެވި އަބްދުﷲ މުހައްމަދު (މަދަނީ އަބްދުﷲ) އެ މަގާމުން ވަކިކުރެއްވީ "€œބާރުގަދަ ސިޔާސީ މީހެއްގެ ނުފޫޒުން" ކަމަށް އޭނާ މިއަދު ވިދާޅުވެއްޖެ އެވެ. އަބްދުﷲ ވިދާޅުވި ގޮތުގައި އޭނާ ސަރުކާރުން ވަކިކުރެއްވުމަށް "ބާރުގަދަ ސިޔާސީ މީހާ"، ރައީސް އަބްދުﷲ ޔާމީނަށް ޕްރެޝަރު ކުރެއްވީ އޭނާ ރައްޔިތުން މަޖިލީހުގެ ނޮޅިވަރަމް ދާއިރާ އަށް ވާދަކުރެއްވުމުންނެވެ. "€œއަޅުގަނޑަށް އެނގިފައިވާ ގޮތުގައި އަޅުގަނޑު މަގާމުން ވަކިކުރީ ކޮންމެހެން ރައީސް ޔާމީން ބޭނުންފުޅުވެގެނެއް ނޫން. ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނިވަޑައިގަންނަވާ ބާރުގަދަ ސިޔާސީ މީހެއްގެ ނުފޫޒުން، ޕްރެޝަރުން،" އޭނާ ވިދާޅުވި އެވެ. އެކަމަކު އެއީ ކޮން ބޭފުޅެއް ކަމެއް އޭނާ ވިދާޅެއް ނުވެ އެވެ. އަދާލަތު ޕާޓީގެ ޓިކެޓްގައި އަބްދުﷲ ވާދަކުރައްވާ ނޮޅިވަރަމް ދާއިރާ އަށް، ސަރުކާރު ހިންގާ ޕްރޮގްރެސިވް ކޯލިޝަނުން ވާދަކުރައްވަނީ ޖުމްހޫރީ ޕާޓީގެ ހުސައިން އާރިފެވެ. "€œއަޅުގަނޑު މަގާމުން ދެ ފަހަރު ވަކިކުރިއިރު ވެސް، ސިޓީގައި އެއްވެސް ސަބަބެއް ބަޔާންކޮށްފައި ނެތް. މިކަހަލަ ސިޔާސީ އޮއިވަރުގައި ބައެއް ފަހަރު ދަމައިވެސް ގަންނާނެ. ބައެއް ފަހަރު ސަލާމަތްވާނެ. [އެހެންވެ] ސަރުކާރާމެދު އަޅުގަނޑު އެއްވެސް ހިތްބުރަކަމެއް ނެތް،" އަބްދުﷲ ވިދާޅުވި އެވެ. އަބްދުﷲ ސަރުކާރުން ވަކިކުރެއްވީ އިއްޔެ އެވެ. އޭނާ އަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދު ވެރިކަމުގައި ހުންނެވިއިރު، އެ މަނިކުފާނުގެ ސަރުކާރާ ދެކޮޅަށް އޭރުގެ އިދިކޮޅު ފަރާތްތަކުން ކުރި މުޒާހަރާތަކުގައި ވަރަށް އިސް ދައުރެއް އަދާކުރެއްވި ބޭފުޅެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ