މާލެއަށް ކަރަންޓް ދޭނެ އިތުރު ކުންފުންޏަކަށް ފުރުސަތު ދިނުމަށް ކައުންސިލުން ނިންމައިފި
ސްޓެލްކޯ ފިޔަވައި މާލެއަށް ކަރަންޓްގެ ހިދުމަތް ދޭނެ އިތުރު ކުންފުންޏަކަށް ފުރުސަތު ދިނުމަށް މާލޭ ސިޓީ ކައުންސިލުން ނިންމައިފި އެވެ. ކައުންސިލުން އެގޮތަށް ނިންމީ މިދިޔަ އަންގާރަދުވަހު ބޭއްވި ކައުންސިލްގެ ބައްދަލުވުމުގަ އެވެ. އެކައުންސިލްގެ މެންބަރު އިބްރާހިމް ސުޖާއު "ހަވީރަ"ށް ވިދާޅުވީ މާލޭގެ ކަރަންޓްގެ ހިދުމަތުގެ އަގު މިހާރަށް ވުރެ ކުޑަކުރުމުގެ ގޮތުން ކަރަންޓްގެ ހިދުމަތް ދޭނެ އިތުރު ކުންފުންޏެއް ބޭނުންވާ ކަމަށެވެ. އަދި މާލެ އަށް ޔުޓިލިޓީޒްގެ ހިދުމަތްތައް ދިނުމުގެ މެންޑޭޓް ގާނޫނީ ގޮތުން ހަވާލުކޮށްފައި ވަނީ ސިޓީ ކައުންސިލާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ."ކަރަންޓްގެ އަގު ކުޑަކުރުމަށް އެންމެން ވެސް ބޭނުންވޭ. އެގޮތުން ސްޓެލްކޯ އެކަނި އޮތީމާ އެކަމެއް ނުވޭ. އެހެންވެ ކޮމްޕެޓިޝަނެއް އުފެއްދުން އަޅުގަނޑުމެންގެ ބޭނުމަކީ. އަޅުގަނޑުމެންގެ ޒިންމާއެއް މި އަދާކުރަނީ،" ސުޖާ ވިދާޅުވި އެވެ. އޭނާ ވިދާޅުވީ މާލެއަށް ކަރަންޓްގެ ހިދުމަތް ދޭނެ އިތުރު ކުންފުންޏެއް ހޯދުމަކީ ސްޓެލްކޯ އަށް ދަތިކުރުމަށް ކުރާ ކަމެއް ނޫން ކަމަށެވެ. އަދި މާލޭގެ ރައްޔިތުންނަށް ހެޔޮ އަގުގައި ކަރަންޓްގެ ހިދުމަތް ފޯރުކޮށް ދިނުމަކީ އެ ކައުންސިލްގެ ޒިންމާއެއް ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ސުޖާ ވިދާޅުވީ މާލެއަށް ކަރަންޓްގެ ހިދުމަތް ދިނުމަށް ސްރީ ލަންކާ އާއި މެލޭޝިޔާ ކުންފުންޏެއް ގުޅިގެން މީގެ ކުރިން ހުށަހެޅި ކަމަށެވެ. "ނަމަވެސް އެންމެ ރަނގަޅު ކުންފުންޏަކަށް އެ މަސައްކަތް ހަވާލުކުރަން އަޅުގަނޑުމެން ވިސްނަނީ. އެހެންވެ މި މަސައްކަތް ވެސް ބިޑަށް ލާން ނިންމީ،" ސުޖާއު ވިދާޅުވި އެވެ. ކަރަންޓުގެ ހިދުމަތް ދޭނެ އިތުރު ކުންފުންޏެއް ހޯދަން ގެޒެޓްގެ އިތުރުން ސިންގަޕޫރާއި އިންޑިއާގެ ނޫސްތަކުގައި އިއުލާންކުރުމަށް މަސައްކަތްކުރާ ކަމަށް ސުޖާއު ވިދާޅުވި އެވެ. ސްޓެލްކޯ އަކީ ސަރުކާރުގެ 100 ޕަސެންޓް ހިއްސާ އޮންނަ، މާލެއަށް ކަރަންޓްގެ ހިދުމަތް ދިނުމަށް އުފައްދާފައިވާ ކުންފުންޏެކެވެ. އަދި މާލެއަށް ދޭ ކަރަންޓްގެ ހިދުމަތުގެ އަގު ހެޔޮކުރުމުގެ ގޮތުން ސްޓެލްކޯ އިން އަންނަނީ މިއަހަރުގެ ތެރޭގައި އިއާދަކުރަނިވި ހަކަތައިގެ މަޝްރޫއުތަކެއް ހިންގަން ތައްޔާރުވަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ