ޖަމީލް ނައިބު ރައީސްކަމަށް އަލުން އައްޔަން ކުރަން ޖެހޭ: މައުމޫން ހަމީދު
ނައިބު ރައީސްގެ މަގާމުން ޑރ. މުހައްމަދު ޖަމީލް އަހުމަދު ދުރުކޮށްފައި ވަނީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންތަކެއް ރިޝްވަތު ނަންގަވައިގެން ކަމަށް ހޯމް މިނިސްޓަރު އުމަރު ނަސީރު ތުހުމަތުކުރެއްވުމުން އެ މަގާމަށް ޖަމީލް އަލުން އައްޔަންކުރަން ޖެހޭ ކަމަށް ގާނޫނީ ވަކީލު މައުމޫން ހަމީދު ވިދާޅުވެއްޖެ އެވެ.ހޯމް މިނިސްޓަރު ރޭ ވިދާޅުވެފައި ވަނީ ޖަމީލް މަގާމުން ދުރުކުރަން ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީގެ ތިން މެމްބަރަކު ފިޔަވައި އެހެން މެމްބަރުން އަހުމަދު އަދީބު އަތުން ފައިސާ ނެންގެވިކަން ފުލުހުންގެ ތަހުގީގުން އެނގެން އެބަ އޮތް ކަމަށެވެ.ޖަމީލް ވަކިކުރުމުން ނައިބު ރައީސްގެ މަގާމަށް ރައީސް އަބްދުﷲ ޔާމީން ގެންނެވީ އަދީބެވެ. އެކަމަކު އޭގެ ތިން މަސް ފަހުން، ރައީސް އަވަހާރަކޮށްލަން ދިން ހަމަލާގެ ތުހުމަތާއި އެމްއެމްޕީއާރުސީގެ ބޮޑު ހިޔާނާތުގެ ތުހުމަތުގައި އަދީބު ވަނީ ހައްޔަރުކޮށް، މިހާރު ޝަރީއަތް ފަށައިފަ އެވެ. އަދި ރައްޔިތުންގެ މަޖިލިހުން އޭނާއާ މެދު އިތުބާރު ނެތްކަމުގެ ވޯޓު ނަގައި، މަގާމުން ވެސް ވަނީ ވަކިކޮށްފަ އެވެ.ހޯމް މިނިސްޓަރު އުމަރު: އޭނާ ވަނީ އެމްޑީޕީގެ މަޖިލިސް ބައެއް މެމްބަރުން ރިޝްވަތު ނެންގެވި ކަމަށް ވިދާޅުވެފައި ރައީސް ޔާމީނަށް ބޮޑު ބޭބެ ވިދާޅުވާ މައުމޫން އޭނާގެ ފޭސްބުކްގައި ލިއުއްވާފައި ވަނީ ޖަމީލް މަގާމުން ދުރުކުރީ މެމްބަރުން ރިޝްވަތު ނަގައިގެން ކަމަށްވާ ނަމަ އެއީ ގާނޫނާ ހިލާފު ކަމެއް ކަމަށާއި ގާނޫނީ ނިންމުމަކަށް ވެސް އެކަން ނުވާނެ ކަމަށެވެ."ރައްޔިތުން އިންތިހާބު ކުރި ޑރ. ޖަމީލް މަގާމަށް އަލުން ރުޖޫއަކުރަން ކަމާ ބެހޭ އިދާރާތަކުން ވަގުތުން ޖެހޭނެ. ހަމައެއާއެކު ރިޝްވަތު ނެގި މެމްބަރުންނާ މެދު ވެސް ދައުވާ އުފުލަން ޖެހޭ،" މައުމޫން ލިއުއްވާފައިވެ އެވެ. މައުމޫން ވިދާޅުވީ ނައިބު ރައީސްގެ މަގާމަށް ޖަމީލް އަލުން އައްޔަންކުރުމަކީ ދިވެހި ރައްޔިތުން ވެސް އެންމެ އެދޭނެ ގޮތް ކަމަށް ވާނެ ކަމަށެވެ.އިތުބާރު ނެތްކަމުގެ ވޯޓު ރައްޔިތުންގެ މަޖިލިހުން ނެގުމުގެ ކުރިން ޖަމީލް އިނގިރޭސި ވިލާތަށް ވަޑައިގެންނެވި ގޮތަށް މިހާރު ދިރިއުޅުއްވަނީ ލަންޑަންގަ އެވެ. އަދި ރައީސް ޔާމީންއާ ދެކޮޅަށް، އެމްޑީޕީއާ ގުޅިގެން މިހާރު ވަނީ މަސައްކަތް ވެސް ފައްޓަވައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ