ގާސިމް މަރާލާފައި އޮތް މަގާއެކު ހުޅުމާލޭ އަނދިރި ސަރަހައްދުތަކަށް ސެކިއުރިޓީ ދިނުމަށް އެދިއްޖެ

ހުޅުމާލޭގައި ހަމާލާދީ ރޭ މަރައިލި އދ. މާމިގިލި 59 އަަހަރުގެ ގާސިމް ހަސަން މަރާލުމުގެ ހަދިސާ ހިންގި ގޯޅި އަލިކޮށްދިނުމަށް ރައްޔިތުންގެ މަޖިލީހުގެ ހުޅުމާލެ ދާއިރާގެ މެންބަރު އަލީ ނިޔާޒު ސަރުކާރުގައި އެދިވަޑައިގެންފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ލާމަރުކަޒީ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލް ލާމަރުކަޒީ ކޮމިޓީން ދިރާސާކުރި ގޮތުގެ ރިޕޯޓު މަޖިލީހަށް ހުށަހަޅުއްވަމުން، އެ ކޮމިޓީގެ މުގައްރިރުކަންވެސް ކުރައްވާ އަލީ ނިޔާޒު ވިދާޅުވީ ރޭ އެ ސަރަހައްދުގައި ހިންގި މަރުގެ ހަމަލާއަކީ ދެވަނަ ފަހަރަށް އެ ސަރަހައްދުގައި ހިންގި އެފަދަ ލާއިންސާނީ އަމަލު ކަމަށެވެ.
ގާސިމް ހަސަންގެ ކަރަށާއި އަތަށް ތޫނު އެއްޗަކުން ހަމަލާދީ މަރާލާފައި އޮއްވާ ފެނުނީ ހުޅުމާލެ ސެންޓްރަލް ޕާކްގެ އުތުރުން އޮންނަ ރީތިގަސް މަގުގައެވެ.
އެމަގަކީ މީހުން ދިރިއުޅޭ ތަންތަން ހުންނަ މަގެއް ނޫންކަމުން އެ މަގަކީ އާއްމުކޮށް މީހުން ދަތުރުކުރާ މަގެއްވެސް ނޫނެވެ. އަދި ދުވާލު ގަޑީގައިވެސް އެ މަގުން ފެންނާނީ އެ މަގާ ދިމާލުން އިމާރާތް ކުރަމުން އަންނަ ބިލްޑިންގްތަކުގެ ކޮންކްރީޓް މަސައްކަތްތަކުގައި އުޅޭ ބިދޭސީންނެވެ. ރޭގަނޑު އެ މަގަކީ އަނދިރިކޮށް އޮންނަ މަގެކެވެ.
އަލީ ނިޔާޒު ވިދާޅުވީ އެފަދަ މަގުތައް އަލި ކުރުމުގެ އިތުރުން ހުޅުމާލޭގެ އަނދިރި ސަރަހައްދުތަކަށް ހާއްސަ ސެކިއުރިޓީއެއް ދިނުމަށް ވެސް ކަމާބެހޭ ފަރާތްތަކުގެ ކިބައިން އެދިވަޑައިަންނަވާ ކަމަށެވެ.
ރޭ އެސަރަހައްދުން ގާސިމަށް ހަމަލާދީ މަރާލާފައިވާއިރު 2017 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 29 ވަނަ ދުވަހުވެސް އެ ސަރަހައްދުން މީހަކަށް ހަމަލާދީ ވަނީ މަރާލައިފައެވެ. އެއީ އެ މަގުގެ އަނެއް ފަޅީގައި ހުންނަ، މަސްތުވާތަކެތި ބޭނުންކުރާ މީހުންނަށް ފަރުވާ ދޭ ހާފްވޭ ހައުސް ކައިރީގައެވެ. އެ ހަމަލާ ދިނީ ވެސް ރޭގަނޑެއްގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ