ރިލްވާން މައްސަލާގައި ތުހުމަތު ކުރެވޭ ގާޒީ ހަސަން އަލީ ސުޕްރީމް ކޯޓަށް ކުރިމަތިލައްވައިފި

މަރާލާފައިވާ ނޫސްވެރިޔާ އަހުމަދު ރިލްވާން އަބްދުﷲ ގެ މަރާ ގުޅިގެން، ހައިކޯޓުގެ ފަނޑިޔާރު އަލްއުސްތާޒު ހަސަން އަލީގެ މައްސަލައެއް ޖުޑީޝަލް ސާވިސް ކޮމިޝަނުން ބަލަމުންދަނިކޮށް، ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް އޭނާ ކުރިމަތިލައްވައިފި އެވެ.
ޖުޑީޝަލް ސާވިސް ކޮމިޝަނުން މިއަދު ނެރުނު އިއުލާނުން އެކަން ޔަގީންވެ އެވެ.
ޖުޑީޝަލް ސަވިސް ކޮމިޝަނުން ބުނި ގޮތުގައި ސުޕްރީމް ކޯޓުން ހުސްވެފައިވާ ފަނޑިޔާރެއްގެ މަގާމަށް ކުރިމަތިލުމުގެ މުއްދަތު މިއަދު މެންދުރު ހަމަވިއިރު، އެ މަގާމަށް ކުރިމަތި ލެއްވި ހަ ބޭފުޅުންގެ ތެރޭގައި، ރިލްވާނުގެ މަރުގެ މައްސަލައާ ގުޅިގެން އާއްމުކޮށްފައިވާ ރިޕޯޓުގައި ހިމެނޭ ފަނޑިޔާރު ހަސަން އަލީ ހިމެނިވަޑައިގަންނަވަ އެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް ހަސަން އަލީ ކުރިމަތިލެއްވިއިރު، އޭނާގެ މައްސަލައެއް ބަލަމުންދާކަން ޖޭއެސްސީން އިއްޔެވަނީ އާއްމުކޮށްފަ އެވެ. ޖޭއެސްސީން ކުރިން ވެސް ފަނޑިޔާރު ހަސަން އަލީގެ އެހެން މައްސަލައެއް ބަލަން ފަށާފައި ވެއެވެ.
މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިލްވާން ގެއްލުވާލި މައްސަލަ ތަހުގީގު ކުރުމަށް ފަހު، ރިޔާސީ ކޮމިޝަނުން ނެރުނު ރިޕޯޓުގައި ރިލްވާން ރާއްޖެ އިން ބޭރަށް ދިއުމަށްޓަކައި ޕާސްޕޯޓެއް ހަދަން ހަސަން އަލީ އިރުޝާދު ދިން ކަމަށް ބުނެފައި ވެއެވެ.
މިހާރު ހައިކޯޓުގެ ފަނޑިޔާރެއްގެ މަގާމުގައި ހުންނެވި ނަމަވެސް، އޭރު ހަސަން ހުންނެވީ އިމިގްރޭޝަން ކޮންޓްރޯލަރުގެ މަގާމުގައެވެ.
މަރު ކޮމިޝަންގެ ރިޕޯޓުގައިވާ ގޮތުން، ރިލްވާން ރާއްޖޭން ބޭރަށް ފުރާފައިވާކަން ދެއްކުމަށް ވަގު ޕާސްޕޯޓެއް ހެދުމަށް ދެ ފުލުހަކު ވަނީ އޭރުގެ އިމިގްރޭޝަން ކޮންޓްރޯލަރު ހަސަނާ ބައްދަލުކޮށްފަ އެވެ. އަދި އެ މައްސަލައާ ގުޅިގެން އެ ދެ ފުލުހުން ހައްޔަރުކުރުމަށް އެޓާނީ ޖެނެރަލް ވަނީ ފުލުހުންނަށް މިއަދު އަންގާފަ އެވެ.
ރާއްޖޭގެ އެންމެ މަތީ ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް ހަސަން ކުރިމަތި ލައްވާފައިވާއިރު، މަރު ކޮމިޝަނުގެ ރިޕޯޓުގައި ފާހަގަކޮށްފައިވާ ހުރިހާ ފަނޑިޔާރުންގެ މައްސަލަ ބައްލަވާ އަޅަން ޖެހޭ ފިޔަވަޅުތައް އަޅާނެ ކަމަށް ޖުޑީޝަލް ސަވިސް ކޮމިޝަންގެ މެންބަރުކަން ވެސް ކުރައްވަމުން ގެންދަވާ ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުޙައްމަދު ނަޝީދު މިއަދު ވަނީ ވިދާޅުވެފަ އެވެ.
މީގެ އިތުރުން މަޖިލީހުގެ މެޖޯރިޓީ ލީޑަރު އަލީ އާޒިމް ވަނީ، ކުރީގެ އިމިގްރޭޝަން ކޮންޓްރޯލަރު ހަސަން އަލީ، ހައި ކޯޓުގެ ފަނޑިޔާރުގެ މަގާމުގައި ހުންނެވުމަކީ ދެރަވެ، ލަދުގަންނަން ޖެހޭ ކަމެއް ކަމަށް ވިދާޅުވެފައެވެ.
ހުސްވެފައިވާ ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމަށް ކުރިމަތިލެއްވި ފަނޑިޔާރު އަލްއުސްތާޒް ހަސަން އަލީއަކީ މޯލްޑިވްސް ޕޮލިސް ސަވިސްގެ ލީގަލްގެ މަގާމު 2007 ވަނަ އަހަރުން ފެށިގެން 2013 ވަނަ އަހަރުގެ ނިޔަލަށް ފުރުއްވާފައިވާ ބޭފުޅެކެވެ.
އަދި އެބޭފުޅާ ވަނީ ރައީސް ޔާމީންގެ ސަރުކާރުގެ ސިޔާސީ ގިނަ މަގާމްތައް ފުރުއްވާފަ އެވެ. މިގޮތުން، ހައުސިން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަމުގެ އިތުރުން އާސަންދަ ކުންފުނީގެ މެނޭޖިން ޑިރެކްޓަރުކަން ވެސް ހަސަން އަލީ ވަނީ ކުރިން ފުރުއްވާފަމއެވެ.
މީގެ އިތުރުން ރައީސް ޔާމީންގެ ސަރުކާރުގައި އެޑިއުކޭޝަން މިނިސްޓްރީގެ ސީނިއާ ޕޮލިސީ އެގްޒެކެޓިވްގެ މަގާމް ވެސް ދާދި ފަހުން ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމުން ވަކިކުރި އަލްއުސްތާޒް އަބްދުﷲ ދީދީއާ ވަރަށް އަރިސް، ހަސަން ފުރުއްވާފައި ވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ