ސަމާލުވޭ! ކުރިއަށް އޮތް ދެދުވަހު ދެކުނަށް މޫސުން ގޯސްވާނެ

ކުރިއަށް އޮތް ދެދުވަހު ރާއްޖޭގެ ދެކުނުގެއެކި ހިސާބުތަކަށް ބޯކޮށް ވާރޭވެހި މޫސުން ގޯސްވާނެ ކަމަށް މޫސުމާބެހޭ އިދާރާ، މެޓް އޮފީހުން ލަފާކޮށްފި އެވެ.
މެޓް އޮފީހުން ބުނީ، ކުރިއަށް އޮތް ދެ ދުވަހު ރާއްޖޭގެ ދެކުނުގެއެކި ހިސާބުތަކަށް ބޯކޮށް ވާރޭ ވެހޭނެކަމަށެވެ. އެގޮތުން ލ. އަތޮޅާއި އައްޑޫ ސިޓީއާއި ދެމެދުގެ ސަރަހައްދަށް ބޯކޮށް ވާރޭ ވެހޭނެ ކަމަށާއި ޏ. ފުވައްމުލައް އަދި އައްޑޫ ސިޓީގެ ސަރައްދުތަކަށް ވައިގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށް މެޓުން ބުންޏެވެ.
މެޓް އޮފީހުން ބުނީ، ކޮޅިގަނޑުގައި ގަޑިއަކު 40 މޭލު ބާރުމިނުގައި ވައިޖެހޭނެ ކަމަށާއި ވިލާގަނޑުގައި ކަނޑު ވަރަށް ގަދަވާނެ ކަމަށެވެ. އަދި ކުރަމުން މިދާ ވިއްސާރާގައި ރާއްޖޭގެ ބައެއް ރަށްރަށަށް އުދަ އަރަމުންދާ ކަމުގެ މައުލޫމާތުވެސް ލިބެމުންދާ ކަމަށް މެޓުން ބުންޏެވެ.
މެޓް އޮފީހުން ބުނީ، މޫސުމް ގޯސްވެބޯކޮށް ވާރޭ ވެހުމުގެ ސަބަބުން ރަށްރަށުގައި ފެންބޮޑުވުމުގެ މައްސަލަތައް ކުރިމަތި ވަމުންދާ ކަމަށާއި އެގޮތުން އުދައިގެ ސަބަބުން އެކި ވަރުގެ ގެއްލުންތައް ކުރިމަތި ވަމުންދާ ކަމަށެވެ. އަދި ވިއްސާރައިގައި ގެއްލުން ލިބިގެން އެހީތެރިކަމަށް އެދުނު ފަރާތްތަކަށް ފުލުހުންނާއި ސިފައިންގެ ފަރާތުންނާއި ބައެއް ރައްރަށުގައި ގާއިމް ކޮށްފައިވާ އިމަޖެންސީ ރެސްޕޯންސް ޓީމްތަކުން އެހީތެރިކަން ފޯރުކޮށްދެމުން ގެންދާ ކަމަށް މެޓުން ބުންޏެވެ.
މޫސުން ގޯސްވާތީ ސަމާލުވާންވީ ކަންކަން:
ކަނޑު ދަތުރު ކުރުމުގައި ސަމާލުވުން
ދަތުރަށް ފެށުމުގެ ކުރިން މޫސުމާ ބެހޭ އެންމެ ފަހުގެ މައުލޫމާތު ހޯދުން
އުޅަނދުގެ ސަލާމަތީ ވަސީލަތްތައް ހަމަޔަށް ހުރިތޯ ޔަގީންކުރުން
ގަދަވައިގައި ފުރާޅު އެއްލައިލަ ފާނެ ކަމަށް ސަމާލުވުން
ބޯކޮށް ވާރޭވެހި ފެންބޮޑުވެދާނެ ކަމަށް ވެލިބަސްތާ ފަދަތަކެތި ޖެހުން
އަލަށް އިމާރާތް ކުރަން ފަށާފައިވާ ތަންތަނުގެ ރައްކާތެރިކަން ބެލެހެއްޓުން
މޫސުމަށް އަންނަ ބަދަލުތަކަށް ސަމާލުވުން.
މެޓް އޮފީހުން ބުނީ، އިއްޔެ އާއި މިއަދަކީވެސް ރާއްޖޭގެ އެކި ހިސާބުތަކަށް މޫސުމް ގޯސް ދެދުވަސް ކަމަށާއި އެގޮތުން އިއްޔެ އާއި މިއަދުގެ އެކި ވަގުތުތަކުގައި މޫސުމަށް ސަމާލުވުމަށް އިރުޝާދު ދިނުމުގެ ގޮތުން ވައިޓް އަދި ޔެލޯ އެލާރޓްތަށް ނެރުނު ކަމަށެވެ. އަދި ރޭ ދަންވަރުގެ ވަގުތުގައި ހުވަދު އަތޮޅު އުތުރުބުރިން ފެށިގެން އައްޑޫ ސިޓީއާއި ދެމެދުގެ ސަރަހައްދުތަކަށް ޔެލޯ އެލާޓްވެސް ނެރިފައިވާނެ ކަމަށެވެ.
މިހާރު ރާއްޖެއަށް ކުރަމުންދާ ވިއްސާރާގައި ފެންބޮޑުވެ، އެކި ރަށްތަކަށްދަނީ ގެއްލުން ލިބެމުން ނެވެ. އެގޮތުން ބޯކޮށް ވާރޭ ވެހި އައްޑޫގެ ބައެއް ހިސާބުތަކުގައި އިއްޔެ ވަނީ ފެންބޮޑުވެފަ އެވެ. އަދި މިދިޔަ އަންގާރަ އަދި ބުދަ ދުވަހު ބޯކޮށް ވާރޭވެހި ތިމަރަފުށީގެ ބައެއް މަގުތަކުގައި ވަރަށް ބޮޑަށް ފެންބޮޑުވެ، ގޭގެއަށް ވަނީ ވަރަށް ބޮޑެތި ގެއްލުންތަކެއް ލިބިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ