ވިލާ އެއާޕޯޓް 15 ވަރަކަށް ދުވަހުގެ ތެރޭ އޮޕަރޭޓް ކުރަން ފެށޭނެ: ގާސިމް

މާމިގިލީގައި ހަދާފައިވާ ވިލާ އެއާޕޯޓަށް، 15 ވަރަކަށް ދުވަހުގެ ތެރޭގައި ފްލައިޓްތައް އޮޕަރޭޓްކުރަން ފެށޭވަރު ވާނެ ކަމަށާއި އެކަމުގެ ތައްޔާރީތައް ވަރަށް ބާރަށް ކުރިއަށްދާ ކަމަށް ވިލާގެ ޗެއާމަން ގާސިމް އިބްރާހީމް އިއްޔެ ވިދާޅުވެއްޖެ އެވެ.
މާމިގިލީގައި ހުންނަވައިގެން ފޯނުން ހަވީރަށް ދެއްވި އިންޓަވިއުއެއްގައި ގާސިމް ވިދާޅުވީ ވިލާ އެއާޕޯޓަށް ފްލައިޓްތައް އޮޕަރޭޓްކުރަން ފެށުން ލަސްވަމުންދަނީ ސަރުކާރުން ދޭން ޖެހޭ އޭވިއޭޝަން ހުއްދަތަކުގެ ކަންތައްތައް މުޅިން ނުނިމޭތީ ކަމަށެވެ.
ވިލާ އެއާޕޯޓްގައި ފްލައިޓް ޖެއްސުމުގެ ހުއްދަ އަށް އެދި މިދިޔަ މޭ މަހު ވަނީ ސަރުކާރަށް ހުށަހަޅައިފަ އެވެ.
"އެންމެ ހުއްދައެއް ދެ ހުއްދައެއް ނޫން ހޯދަން މި ޖެހެނީ. އޭވިއޭޝަން ކަމެއް ވީމަ ވަރަށް ގިނަ ގޮތްގޮތުން ސަރުކާރުން ވެސް ބަލާނެ. މިހާރު އަޅުގަނޑުމެން މި އުއްމީދު ކުރަނީ އޭވިއޭޝަންގެ ބޭފުޅުން ވަރަށް އަވަހަށް މިކޮޅަށް ވަޑައިގެން މި އެއާޕޯޓުގެ ހުރިހާ ކަމެއް ބަލައި ވަރަށް އަވަހަށް ހުއްދަ ދެއްވާނެ ކަމަށް. އެންމެ ފަހުގެ ތައްޔާރީތައް އަޅުގަނޑުމެން ވެސް ވަމުން މިދަނީ،" ގާސިމް ވިދާޅުވި އެވެ.
ވިލާ އިން ވަނީ ވިލާ އެއާޕޯޓްގެ އޮޕަރޭޝަނަށް ދެ ފްލައިޓެއް ރާއްޖެ ގެނެސްފަ އެވެ. އަދި ޕައިލެޓުންނާއި ސިވިލް އިންޖިނޭރުންނާއި މުވައްޒަފުން ވެސް އެއާޕޯޓުގައި މަސައްކަތްކުރާތާ ދުވަސްތަކެއް ވެއްޖެ އެވެ.
ގާސިމް ވިދާޅުވީ ފުރަތަމަ ފްލައިޓްތައް އޮޕަރޭޓްކުރަން ފަށާނީ މާމިގިއްޔާއި މާލެއާ ދެމެދު ކަމަށާއި ފަހުން އެހެން ސަރަހައްދުތަކަށް އުދުހޭނެ ކަމަށެވެ.
"އަޅުގަނޑު މިހާރު އެންމެ އިސްކަންދީގެން މިކުރާ ކަމަކީ މި އެއާޕޯޓުގެ މަސައްކަތް. މިތަން ބޭނުންކުރަން ފެށުމަކީ އަޅުގަނޑު ދެކޭ ގޮތުގައި ރާއްޖޭގެ އޭވިއޭޝަން އިންޑަސްޓްރީ އަށް ވެސް ލިބޭނެ ކުރިއެރުމެއް،" ގާސިމް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ