ޕީޕީއެމްގެ ރައީސް ކަމުން ރައީސް މައުމޫން ދުރުކުރުމަށް އިތުރު ގޮޕްތަކުން ގޮވާލައިފި

ވެރިކަންކުރާ ޕާޓީ، ޕީޕީއެމްގެ ރައީސްކަމުން ރައީސް މައުމޫން ދުރުކޮށް އެ މަގާމު ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމާއި ހަވާލު ކުރުމަށް ޕީޕީއެމްގެ ގޮތްޕަކުން އަނެއްކާވެސް ގޮވާލައިފި އެވެ.
މިކަމަށް ފުރަތަމަ ގޮވާލި މައްޗަންގޮޅީ، މަތި އަނގޮޅި ގޮފީގެ މައްސަލަ ޕީޕީއެމުން ބަލަމުން ދަނިކޮށް މިކަމަށް ތަކުރާރުކޮށް ގޮވާލާފައި މިވަނީ ގަލޮޅު އުތުރު ދާއިރާގެ ގޮފިންނެވެ.
އެ ގޮފީގެ ރައީސް އިހުސާން ހުސެއިން ސޮއިކުރައްވާ ނެރުނު ބަޔާނުގައި ބުނެފައިވަނީ ސިޔާސީ ޕާޓީއެއްގެ އެންމެ އިސް މަގާމުގައި ހުންނަވާ ބޭފުޅަކީ ވަރަށް ގިނަ ޒިންމާތަކެއް އުފުލަންޖެހޭ އަދި ވަރަށް ބުރަކޮށް ގިނަ ވަގުތު މަސައްކަތް ކުރަންޖެހޭ ބޭފުޅެއް ކަމަށެވެ. އެހެންކަމުން 65 އަހަރުން ދޮށީ ބޭފުޅަކު އެފަދަ ޒިންމާއެއް ނަގައި ބުރަ މަސައްކަތްތަކެއް އެންމެ އެކަށީގެންވާ ގޮތުގައި ކުރެވޭނެ ކަމަށް ނުދެކޭ ކަމަށް ބަޔާނުގައިވެއެވެ.
ބަޔާނުގައި ބުނެފައިވަނީ ސިޔާސީ ޕާޓީތަކުގެ އެންމެ އިސް މަގާމު ފުރުއްވާ ބޭފުޅެއްގެ އެންމެ މަތީ އުމުރަކީ 65 ކަމުގައި ހަމަޖެއްސުމަށް ސިޔާސީ ޕާޓީތަކުގެ ގާނޫނަށް ހުށަހަޅާފައިވާ އިސްލާހަކީ މި ވަގުތަށް ވަރަށް މުހިންމު އިސްލާހެއް ކަމަށާއި ރިޔާސީ ނިޒާމެއްގައި ޕާޓީގެ ޓިކެޓުގައި ވެރިކަމަށް ވަޑައިގަންނަވާ ބޭފުޅެއްގެ ސިޔާސަތުތައް އެންމެ ފުޅާ ދާއިރާއެއްގައި ޕާޓީގެ ތެރޭގައި ހިންގުމުގެ ފުރުސަތު ޕާޓީގެ ތެރެއިން އެ އިރެއްގައި ހުންނެވި ރައީސަކަށް އެންމެ ފުރިހަމަ ގޮތުގައި ލިބެންޖެހޭނެ ކަމަށެވެ. އެހެންކަމުން އެ ގޮފީގެ މެމްބަރުން ތައީދުކުރަނީ 2018 ގައި އެ ޕާޓީގެ ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި ރައީސް އަބްދުﷲ ޔާމީން ދެވަނަ ދައުރެއް އަދާކުރުމުގެ ފުރުސަތު ދިނުމަށް ކަމުގައިވެސް ބަޔާނުގައި ބުނެފައިވެއެވެ.
އިތުރު ގޮތްޕަކުން މިކަމަށް ގޮވާލާފައިވާއިރު ކުރިން މިކަމަށް ގޮވާލި ގޮފީގެ މައްސަލަ ޕީޕީއެމުން ބަލަމުން އަންނަ ކަމަށް އެ ޕާޓީން ބުނެ އެވެ.
މެމްބަރު އަލީ އާޒިމްގެ ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ އިސްލާހަށް ޕީޕީއެމްގެ ދެ ގޮތްޕަކުން މިހާތަނަށް ތާއީދުކޮށްފައިވާއިރު އެ އިސްލާހަށް ތާއީދު ނުކުރާކަމަށް ބުނެ 19 ގޮޕްތަކުން ވަނީ ބަޔާން ނެރެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ