ސަރުކާރު ދެމެހެއްޓުމަށް ޕީޕީއެމް ނުވަތަ އިއްތިހާދުގެ މެންބަރުން މަޖިލީހުގައި ގިނަވުން މުހިންމު: މައުމޫން

މިހާރުގެ ސަރުކާރު ދެމެހެއްޓުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގައި ޕީޕީއެމްގެ މެންބަރުން ނުވަތަ ގުޅިފައިވާ ޕާޓީތަކުގެ އިއްތިހާދުގެ މެންބަރުން ގިނަވުން މުހިންމު ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް މިރޭ ވިދާޅުވެއްޖެ އެވެ.
ތިމަރަފުށި ދާއިރާ އަށް ޕީޕީއެމްގެ ފަރާތުން ކުރިމަތިލައްވާ ކެންޑިޑޭޓު އަހުމަދު ޝަރީފްގެ ކެމްޕެއިން ޖަގަހަ ހުޅުއްވައި ދެއްވުމަށް ފަހު މިރޭ ވާހަކަ ދައްކަވަމުން ރައީސް މައުމޫން ވިދާޅުވީ ރައީސް މުހައްމަދު ވަހީދުގެ ސަރުކާރަށް ވަރަށް ބޮޑެތި ގޮންޖެހުންތަކަކާ ކުރިމަތިލާން ޖެހިފައިވާ ކަމަށެވެ. މައުމޫން އަދި ވިދާޅުވީ މި ސަރުކާރު ދެމެހެއްޓުމަށް އަދި ރައްޖޭގައި ހަމަޖެހުން ގާއިމްކުރުމަށްޓަކައި ރައްޔިތުންގެ މަޖިލީހުގައި ޕީޕީއެމްގެ ނުވަތަ އިއްތިހާދުގެ މެންބަރުން ގިނަވުން މުހިންމު ކަމަށެވެ.
"އެމަނިކުފާނު ]ރައީސް ވަހީދު[ ކުރިމަތިލައްވަން ޖެހިވަޑައިގެންފައި ވަނީ ވަރަށް ހަލަބޮލި ދުވަސްވަރަކާ. ވަރަށް ގިނަ ތަފާތު ގޮންޖެހުންތަކާ އެމަނިކުފާނާއި އެމަނިކުފާނުގެ ސަރުކާރު މިވަގުތު މި ވަނީ ކުރިމަތިލާންޖެހިފައި. އެމަނިކުފާނުގެ ސަރުކާރުގައި ޕީޕީއެމްގެ މެންބަރުން ވެސް ހިމެނޭ. މިހާރު އުފެދިފައި މި ވަނީ ގުޅިފައިވާ ޕާޓީތަކުގެ ސަރުކާރެއް. އެހެންވީމާ މި ސަރުކާރު ދެމެހެއްޓުމަށާއި ރާއްޖޭގައި ހަމަޖެހުން ގާއިމްކުރުމަށްޓަކައި ޕީޕީއެމްގެ މެންބަރުން ނުވަތަ މި އިއްތިހާދުގެ މެންބަރުން ގިނަވުމަކީ ވަރަށް މުހިންމު ކަމެއް،" މައުމޫން ވިދާޅުވި އެވެ.
މައުމޫން ވިދާޅުވީ ތިމަރަފުށި ދާއިރާގެ އިންތިހާބު ޕީޕިއެމުން ކާމިޔާބުކުރުމަކީ މިހާރުގެ ސިޔާސީ ހާލަތަށް ބަލާއިރުގައި ރާއްޖޭގެ ސަލަމާތާއި ރައްކާތެރިކަމާއި ކުރިއެރުމަށް ލިބޭނެ ވަރަށް ބޮޑު އެހީތެރިކަމެއް ކަމަށެވެ.
"އަޅުގަނޑުމެން މި ކުރިމަތިލާ އިންތިހާބަކީ ވަރަށް މުހިންމު އިންތިހާބެއް. ހާއްސަކޮށް ރާއްޖޭގެ މިހާރުގެ ސިޔާސީ ހާލަތަށް ބަލާއިރު އިންތިހާބު ޕީޕީއެމުން ކާމިޔާބުކުރުމަކީ ރާއްޖޭގެ ރައްކާތެރިކަމަށާއި ސަލާމަތަށާއި ކުރިއެރުމަށް ލިބޭނެ ވަރަށް ބޮޑު އެހީތެރިކަމަކަށް ވާނެ،" މައުމޫން ވިދާޅުވި އެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރާ ގުޅޭ ގޮތުން މައުމޫން ވިދާޅުވީ އެ ސަރުކާރުން ވެއެތުވެދިޔަ ތިން އަހަރުގެ ތެރޭގައި ގާނޫނު އަސާސީ އާއި އިސްލާމް ދީނާ ހިލާފް ވަރަށް ގިނަ ކަންތައްތަކެއް ކޮށްފައިވާ ކަމަށެވެ. އަދި ވިދާޅުވީ އެކަންތައްތަކުގެ ސަބަބުން ރައްޔިތުން ސަރުކާރާ ދެކޮޅަށް "ވަރަށް މަތިވެރި ދަރަޖައަކަށް" އިހުތިޖާޖުކުރި ކަމަށާއި ނަޝީދު "އަމިއްލަފުޅަށް" މަގާމުން އިސްތިއުފާ ދެއްވަން ޖެހިވަޑައިގެންނެވީ އެ ސަބަބާ ހުރެ ކަމަށެވެ.
"ވެއަތުވެ ދިޔަ ތިން އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގައި ގާއިމްވެފައި އޮތް ސަރުކާރުން ރާއްޖޭގެ ގާނޫނު އަސާސީއާ ހިލާފަށް، ގާނޫނުތަކާ ހިލާފަށް، އިސްލާމް ދީނާ ހިލާފަށް، އަޅުގަނޑުމެން ގަބޫލުކުރާ އަހުލާގީ ހަމަތަކާ ހިލާފަށް ވަރަށް ގިނަ ކަންތައްތަކެއް ވަނީ ކުރައްވާފައި. އޭގެ ސަބަބުން ދިވެހި ރައްޔިތުން ވަނީ އެކަމާ ބެހޭ ގޮތުން ވަރަށް މަތިވެރި ދަރަޖައަކަށް ނުރުހުން ފާޅު ކުރައްވާފައި،" އެމަނިކުފާނު ވިދާޅުވި އެވެ. "އަދި އިހްތިޖާޖުގެ ހަރަކާތްތަކެއް ހިންގަވާފައި. އިހުތިޖާޖުގެ ހަރަކާތްތަކުގެ ކާމިޔާބީ ވެގެން ދިޔައީ ކުރީގެ ސަރުކާރު މަގާމު ދޫކޮށްލަން ޖެހުން. ކުރީގައި ހުންނެވި ރައީސުލްޖުމްހޫރިއްޔާ އަމިއްލަފުޅަށް މަގާމުން އިސްތިއުފާ ދެއްވުން."
އޭގެ އިތުރުން މައުމޫން ވިދާޅުވީ އަވަސް އިންތިހާބަކީ އެމަނިކުފާނަށް އެނގިވަޑައިގަންނަވާ އެއްޗެއް ނޫން ކަމަށާއި ގާނޫނު އަސާސީ ބުނާ ގޮތުން ރިޔާސީ އިންތިހާބެއް ބާއްވަންޖެހޭނީ ކޮންމެ ފަސް އަހަރަކުން އެއް އަހަރު ކަމަށެވެ.
"އަވަސް އިންތިހާބަކީ ކޮން އެއްޗެއް ކަމެއް އަޅުގަނޑަކަށް ނޭނގޭ. ރާއްޖޭގެ ގާނޫނު އަސާސީ ބުނާ ގޮތުން ރިޔާސީ އިންތިހާބު އޮންނާނީ ކޮންމެ ފަސް އަހަރަކުން އެއް ފަހަރު. އިތުރަށް ރިޔާސީ އިންތިހާބެއް ބޭއްވޭނީ ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނަވާ ބޭފުޅަކާއި ރައީސުލްޖުމްހޫރިއްޔާގެ ނައިބުގެ މަގާމުގެ ހުންނަވާ ބޭފުޅަކާ އެ ދެ ބޭފުޅުންގެ މަގާމު އެއްފަހަރާ ހުސްވެގެން،" މައުމޫން ވިދާޅުވި އެވެ. "އެ ނޫން ގޮތަކުން ރިޔާސީ އިންތިހާބެއް ބާއްވާ ގޮތަކަށް ރާއްޖޭގެ ގާނޫނު އަސާސީއަކު ނޯވޭ."
އެ ހަފްލާގައި ވާހަކަ ދައްކަވަމުން ތިމަރަފުށީ ދާއިރާގެ ކެންޑިޑޭޓް ޝަރީފް ވިދާޅުވީ އިރާދަކުރެއްވިއްޔާ އެ ގޮނޑި އޭނާ ކާމިޔާބުކުރައްވައި ރައްޔިތުންގެ މަޖިލިހުގެ ތެރޭގައި ޕީޕީއެމަށް "ދިރުން" ގެނެސްދެއްވާނެ ކަމަށެވެ.
"އިރާދަކުރެއްވިއްޔާ މި ދާއިރާގެ ތިން ރަށް ގުރައިދޫ، ގާދިއްފުށި، ތިމަރަފުށީގެ ރައްޔިތުންގެ ތާއީދާއެކީގައި އަޅުގަނޑު މި ގޮނޑި ކާމިޔާބުކޮށް އަޅުގަނޑުމެންގެ ޕާޓީއަށް ގާނޫނު ހަދާ މަޖިލިސް ތެރޭގައި ދިރުން ގެނެސްދޭނަން،" ރާނބާ ރެސްޓޯރެންޓު ކައިރީގައި ހުޅުވި ޖަގަހައިގައި ޝަރީފް ވިދާޅުވި އެވެ. "އަދި އަޅުގަނޑުމެންގެ ޕާޓީގެ އައިޑެންޓިޓީ ވަރަށް ސާބިތުކަމާއެކު ސާބިތުކޮށްދޭނަން."
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ