މިދިޔަ ހުކުރު ދުވަހު ކޯޕަންހޭގަންގައި ނިމުނު ދުނިޔޭގެ ތިމާވެއްޓާ ބެހޭ ސަމިޓް ނުވަތަ ކޮޕް 15 އަކީ ވަރަށް ބޮޑު ނާކާމިޔާބީއެއް ކަމަށާއި އެ ބައްދަލުވުމުން ނަތީޖާއެއް ނެރެވިފައި ނެތް ކަމަށް ކުރީގެ ރައީސް އަލްއުސްތާޒް މައުމޫން އަބްދުލް ގައްޔޫމް ރޭ ވިދާޅުވެއްޖެ އެވެ.
މެލޭޝިޔާ އަށް ކުރެއްވި އަމިއްލަ ދަތުރުފުޅަކަށް ފަހު ރާއްޖެ ވަޑައިގެން މާލޭ ބައިނަލްއަގްވާމީ ވައިގެ ބަނދަރުގައި ބައެއް މީޑިއާތަކާ ވާހަކަ ދައްކަވަމުން ރައީސް މައުމޫން ވިދާޅުވީ ބައިނަލްއަގްވާމީ ގޮތުން އެހާ ބޮޑު ހަރަދެއްކޮށް އަދި އެހާ ބޮޑަށް ތައްޔާރުވި ބައްދަލުވުމަކުން އޮއްޓަރު ހުރި ނަތީޖާއެއް ހާސިލު ނުކުރެވޭ ކަމަށެވެ.
"އެހެން މި ދެންނެވީ ކުރަންވީ އެއްވެސް ކަމެއް، ކަނޑައެޅިގެން މިވެނި ކަމެއް މިވެނި މުއްދަތެއްގެ ތެރޭގައި ކުރަންޖެހޭނެ ކަމަކަށް ފާހެއް ނުވި. މިސާލަކަށް ކާބަން މަދު ކުރުމުގެ ކަންތަކުގައި ދުނިޔޭގެ އެކި ގައުމުތަކުން ކާބަން މަދުކުރަންވީ ކިހާވަރަކަށްތޯ، ޖައްވަށް އުފުލިގެންދާ ކާބަން މަދު ކުރަންވީ ކިހާވަރަކަށްތޯ ކޮން މުއްދަތެއްގެ ތެރޭގައިތޯ، މި އެއްގޮތަކަށް ވެސް ނެތް ކަނޑައެޅިފައެއް. އެއްވެސް ކަހަލަ އެގްރީމަންޓަކާ ހަމައަށް ނުދެވުނު. މި ދެންނެވީ ގާނޫނީ ގޮތުން ގައުމުތައް ބަނދެވޭ ކަހަލަ އެގްރީމަންޓަކާ ހަމައަކަށް ނުދެވުނު،" ކުދި ޖަޒީރާ ގައުމުތަކުގެ ތިމާވެށީގެ ނާޒުކުކަން މީގެ އެތައް އަހަރެއް ކުރިން ދުނިޔޭގެ ސަމާލުކަމަށް ގެންނެވުމުގައި އިސް ދައުރެއް އަދާކުރެއްވި ރައީސް މައުމޫން ވިދާޅުވި އެވެ. "ދެން އެންމެ ފަހުން ކޮންމެވެސް ފަސް ގައުމަކުން އިސް ނަގައިގެން ކޮންމެވެސް ހުށަހެޅުމެއް ހުށަހަޅައިގެން އެ ހުށަހެޅުން ވެސް އެހެން ގައުމުތަކުން ގަބޫލުނުކޮށް އެންމެ ފަހުން ނިންމުނީ އެ ހުށަހެޅުންތަކުގެ އަޑު އަހަން އަހައިފި ކަމަށް. ފުޓް ނޯޓްސް، އެއްގޮތަކަށް ވެސް އެ ޖަލްސާ އިން ކަންތައް ފާސްކުރި ގޮތަކަށް ނޫން ފާސްވީއެއް ވެސް. އެއަކު ވެސް ނެތް ސްޕެސިފިކް ވަކި ޓާގެޓްތަކެއް."
ރައީސް މައުމޫން ވިދާޅުވީ ކޯޕަންހޭގަންގެ ސަމިޓް ނާކާމިޔާބު ވުމުން ވަރަށް ބޮޑެތި އުއްމީދުތަކެއް ފެނަށް ހިނގައްޖެ ކަމަށެވެ. އަދި ރާއްޖޭގެ ތިމާވެށީގެ މައްސަލަތަކައް އެ ބައްދަލުވުން އެއްވެސް ކަހަލަ ކުރިއެރުމެއް ލިބިގެން ނުދިޔަ ކަމަށް ރައީސް މައުމޫން ވިދާޅުވި އެވެ.
"އެހެންވީމަ ރާއްޖެ މިކަން ދެކެން ވާނީ އަޅުގަނޑު ހިތުން ރާއްޖޭގެ ރައްޔިތުން ދެކޭނީ މިއީ ވަރަށް ނާކާމިޔާބު ޖަލްސާއެއްގެ ގޮތުގައި،" ގާތްގަނޑަކަށް ދެ މަސް ދުވަހު ޗުއްޓީ ދަތުރުފުޅެއްގައި ރާއްޖެ އިން ބޭރުގައި އުޅުއްވުމަށް ފަހު މާލެ ވަޑައިގެން ރައީސް މައުމޫން ވިދާޅުވި އެވެ. "ބައެއް މީހުން ބުނެފާނެ ކަންނޭނގެ ވަރަށް ބޮޑެތި އަދަދުތަކެއް، ފައިސާގެ އަދަދުތަކެއް އެބަ އޮތޭ ކުދި ގައުމުތަކަށް އެހީވުމުގެ ގޮތުން. އަޅުގަނޑު ދަންނަވަން އޮތް ވާހަކަ އަކީ އެ ފައިސާ ހޯދާނެ ގޮތެއް ވެސް ނެތޭ. ތިރީސް ބިލިއަން ޑޮލަރު ތިން އަހަރުގެ ތެރޭގައި ހޯދަން. ކޮން ބައެއްތޯ އެ ފައިސާ ދެނީ. އެއެއް ބުނެފައެއް ނެތް. އަނެއްކާ މި ފައިސާ ބެހޭނީ ކިހިނެއްތޯ ބުނެފައެއް ނެތް."
ރައީސް މައުމޫން ވިދާޅުވީ ބައިނަލްއަގްވާމީ ގޮތުން ދޭން ބުނާ ފައިސާގެ އެހީތައް ވަރަށް ގިނަ ފަހަރު ނުލިބޭ ކަމަށާއި އެގޮތުން ސުނާމީގެ އެހީގެ ގޮތުގައި ރާއްޖެ އަށް ވަރަށް ބޮޑެތި އެހީތަކެއް ދޭނެ ކަމަށް ވަރަށް ބޮޑެތި ގައުމުތަކުން ބުނެފައިވާއިރު އޭގެ ތެރެއިން ވަރަށް ބޮޑު އަދަދެއް ނުލިބޭ ކަމަށެވެ.
ކޯޕަންހޭގަން ސަމިޓް ނާކާމިޔާބު ކަމަށް ކުރީގެ ރައީސް މައުމޫން ވިދާޅުވި ނަމަވެސް އެ ސަމިޓްގައި ރާއްޖެ ތަމްސީލު ކުރެއްވި ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައި ވަނީ ރާއްޖެއިން ބޭނުންވި މިންވަރުގެ ކާމިޔާބެއް ނުލިބުނެއް ކަމަކު އެއްބަސްވުން އެކުލަވާލެވުމުން ހިތްޕުޅު ހަމަޖެހިވަޑައިގަންނަވާ ކަމަށެވެ.
"އަޅުގަނޑު ހިތްހަމަޖެހޭ. އަޅުގަނޑު ދެކެނީ އެ ތަނުން އެރޭ އަޅުގަނޑުމެންނަށް އެއްބަސްވުމެއް ނުލިބުނުނަމަ ވަރަށް ގިނަ ކަންކަން ހަރާބުވީސް ކަން. [އެއީ] މުޅި މި މަސައްކަތް އަލުން އަނބުރާ ފަށަން ޖެހުން،" ރައިސް ނަޝީދު ވިދާޅުވެފައި ވެ އެވެ.
"އެއްވެސް އެއްބަސްވުމެއް ނުނެރެވުނު ނަމަ އދ. އާ ގުޅޭ ގޮތުން ވެސް ސުވާލު އުފެދުނީސް. ދެން ހަމަ އަނެއްހެން ބަލާ އިރުގައި ޔޫރަޕްގެ ބައެއް ގައުމުތައް ތިބި އެ ތަނުން އެއްބަސްވުމެއް ނުނެރެވިއްޖެނަމަ އެ ބޭފުޅުންނަށް އެނބުރި ރަށަށް ވަޑައިގެން ސަރުކާރު ހިފެހެއްޓުމާ ދޭތެރޭ ޝައްކު އުފެދޭ."
ކޯޕަންހޭގަން ސަމިޓަކީ ވަރަށް ބޮޑު ނާކާމިޔާބީއެއް: މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ