ސުޕްރީމް ކޯޓްގެ ބާރުތަކަށް ގޮންޖައްސަވާ އާޒިމާ ދެއްކެވި ވާހަކަތަކާއި ގުޅިގެން ފާޑުކިޔުން ބޮޑުވެއްޖެ

ސުޕްރީމް ކޯޓުން ހުކުމް އިއްވައި ނިންމާފައިވާ ކަންކަމަށް ބަދަލު ގެނައުމުގެ ބާރެއް އެ ކޯޓަށް ލިބިގެން ނުވާކަމަށް ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ލީގަލް އެފެއާޒު މިނިސްޓަރު އާޒިމާ ޝަކޫރު ވިދާޅުވުމާއި ގުޅިގެން ގާނޫނީ ވަކީލުން އޭނާއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެއްޖެއެވެ.
އާޒިމާއަށް ފާޑުވިދާޅުވަމުން މަޝްހޫރު ގާނޫނީ ވަކީލު އަލްއުސްތާޒު މައުމޫން ހަމީދު ވިދާޅުވީ ގާނޫނުގައި ބުނާ އެއްޗެއް ވަރަށް ސާފުކަމަށެވެ.
ނަމަވެސް ގާނޫނުގައި ބުނާއެއްޗެއް ބަލަން ދެކޮޅު ހަދާ މީހަކަށް ގާނޫނު އެއީ ކަނުއެއްޗެއްކަމަށް މައުމޫން ހަމީދު ވިދާޅުވިއެވެ.
މި ޓްވީޓްގައި މައުމޫން ހަމީދު ވަނީ ގާނޫނު އަސާސީގައި "ދިވެހިރާއްޖޭގެ ކޯޓްތަކުގެ ގާނޫނު"ގެ މުހިންމު ބައެއް މާއްދާތައްވެސް ޓްވީޓްކުރައްވާފައެވެ.
އެގޮތުން މި ގާނޫނޫގެ 20 ވަނަ މާއްދާކަމަށްވާ "ޙުކުމަށް ތަބާވުމާއި، ތަޢުނު ނުކުރެވުން" މި މާއްދާގެ ނޫނުގައި ބުނެފައިވަނީ ގާނޫނީ އުސޫލަކާއިބެހޭގޮތުން ނުވަތަ ގާނޫނީ ނުކުތާއަކާއި ބެހޭގޮތުން ސުޕްރީމް ކޯޓުން ނިންމާފައިވާ ނިންމުން ބާތިލްކުރުމަށް ނުވަތަ އެ ނިންމުމާއި ދުރަށްދިއުމަށް ނުވަތަ އެ ނިންމުމަށް ފަހުގެ ނިންމުންތަކާއި އެއްގޮތްކުރުމަށް، ސުޕްރީމްކޯޓަށް ލިބިދޭ އިޚްތިޔާރަކަށް މި ގާނޫނުގައި ހުރަހެއް ނެތްކަމަށެވެ.
ދައުލަތުގެ ކުރީގެ ބަންޑާރަ ނާއިބު އަލްއުސްތާޒާ ދިޔާނާ ސައީދުވެސް ވަނީ އާޒިމާގެ ވާހަކަތަކަށް ރައްދު ދެއްވާފައެވެ.
ދިޔާނާ ވިދާޅުވީ އިންސާފުގެ ހަމަތަކާއި އުސޫލުގެ ބޭރުންކޮށްފައިވާ ހުކުމެއްނަމަ އަލުން ސުޕްރީމް ކޯޓަށް ބެލޭނެ ކަމަށެވެ. ރައީސް މުހައްމަދު ނަޝީދުގެ މައްސަލައަށް އިޝާރާތްކުރައްވާ ދިޔާނާ ވިދާޅުވީ ނަޝީދު މައްސަލާގައި ސުޕްރީމް ކޯޓުން ނިންމާފައިވާ ނިންމުން އަލުން މުރާޖާ ކުރުމުގެ ބާރު އެ ކޯޓަށް ލިބިގެން ނުވާނަމަ އައިސީސީޕީއާރުގެ 14 ވަނަ މާއްދަގެ 6 ވަނަ ނަމްބަރުގައި އެހެން އޮތުމުގެ ބޭނުމެއް ނެތްކަމަށެވެ.
އަދި އިންސާފުގެ ހަމަތަކާއި އުސޫލުން ބޭރުުން މީހެއްގެ މައްޗަށް ހުކުމެއްކޮށްފައިވާނަމަ ގާނޫނީ އިމުގެ ތެރެއިން އެމީހަކަށް ބަދަލު ދިނުމަކީ ދައުލަތުގެ މައްޗަށް ލާޒިމްކަމެއް ކަމަށެވެ.
އާޒިމާގެ ވާހަކަތަކަށް ރައްދު ދެއްވަމުން މަޖިލީހުގެ ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އަލީ ނިޒާރު ވިދާޅުވީ އާޒިމާ އެ ދައްކަވަނީ ހާލަތުގެ ގޮތުން އޭނާ ދައްކަވަންޖެހޭ ވާހަކަތައްކަމަށެވެ. އަދި އެއީ ބުރަދަނެއްނެތް ހާސަރުތަކެއްކަން ޚުދު އާޒިމާއަށްވެސް އެނގިވަޑައިގަންނަވާނެކަމަށް ނިޒާރު ވިދާޅުވިއެވެ.
ޖުމްހޫރީ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަހުމަދު ސަމީރު ވަނީ ސުޕްރީމް ކޯޓްގެ ބާރުތަކާއި ގުޅިގެން އާޒިމާ ވާހަކަދައްކަވަން ފެއްޓެވީ 1 ފެބްރުއަރީއަށްފަހު އުއްތަމަ ފަނޑިޔާރުންކަން އައްޔަންކުރުމުންތޯ ސުވާލު ކުރައްވާފައެވެ.
އަދި މިހާރު އާޒިމާ ހުންނެވީ އުއްތަމަ ފަނޑިޔާރުކަމާއި ހަވާލުވެވަޑައިގެންތޯވެސް ސަމީރު ވަނީ ސުވާލު ކުރައްވާފައެވެ.
ސަރުކާރުން ކޮންޓްރޯލްކުރަމުންދާ ޕަބްލިކް ސާރވިސް މީޑިއާގައި ވާހަކަަދައްކަވަމުން އާޒިމާ ރޭ ވިދާޅުވީ ސުޕްރީމް ކޯޓުން ކުރާ ނިހާއީ ހުކުމަކަށް އަލުން ބަދަލު ގެނައުމުގެ ބާރު ސުޕްރީމް ކޯޓަށްވެސް ލިބިދީފައި ނެތްކަމަށް ވިދާޅުވެފައެވެ. ނަޝީދުގެ މައްޗަށް އިއްވާފައިވާ 13 އަހަރުގެ ޖަލު ހުކުމަކީ ސުޕްރީމް ކޯޓުގެ ފައިނަލް ނިންމުމެއްކަމަށާ އެހެންކަމުން އެ ނިންމުން ދެން ބަދަލު ނުކުރެވޭކަމަށް އާޒިމާ ވިދާޅުވިއެވެ.
ސުޕްރީމް ކޯޓުން އެކެއް ފެބްރުއަރީގައި ކޮށްފައިވާ އަމުރުގެ ހުރިހާ ބައެއްވެސް މިހާރުވަނީ ބާތިލް ކޮށްފައި ކަމަށާއި އެހެން ކަމުން ނަޝީދަށް ކުރިމަތި ލެވޭނެ އެއްވެސް ގާނޫނީ ހަމައެއް ނެތް ކަމަށްކަމަށް ވިދާޅުވެ އާޒިމާ ވަނީ ނަޝީދަށް އިންތިޚާބުގައި ވާދަކުރުމުގެ ފުރުސަތު ސަރުކާރުން ނުދޭނެކަމަށް ވިދާޅުވެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ