ސަފީރަކާ ބައްދަލުކުރި ކައުންސިލަރުންތަކެއް ސަސްޕެންޑްކުރުމުން މައުމޫން ފާޑު ވިދާޅުވެއްޖެ

ދައުލަތުގެ ކަމާ ގުޅޭ އިދާރާތަކުގެ ހުއްދަ ނަގައިގެން ނޫނީ ލޯކަލް ކައުންސިލްތަކުން ބޭރުގެ ޑިޕްލޮމޭޓުންނާއި ބޭރުގެ ޖަމާއަތްތަކާ ބައްދަލުނުކުރެވޭ ގޮތް ހެދުމުން ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް އެކަމަށް ފާޑު ވިދާޅުވެއްޖެ އެވެ.
ރައީސް މައުމޫން ފާޑުވިދާޅުވެފައި މިވަނީ ދައުލަތުގެ ކަމާ ގުޅޭ އިދާރާތަކުގެ ހުއްދަ ނަގައިގެން ނޫނީ ލޯކަލް ކައުންސިލްތަކުން ބޭރުގެ ޑިޕްލޮމޭޓުންނާއި ބޭރުގެ ޖަމާއަތްތަކާ ބައްދަލުނުކުރެވޭނެ ކަމަށް އެލްޖީއޭ އިން އަންގާފައިވަނިކޮށް ގއ. އަތޮޅު ކައުންސިލް މެންބަރުން ރާއްޖޭގައި ހުންނަވާ އިންޑިއާ ސަފީރާ ބައްދަލުކުރެއްވި ކަމަށް ބުނެ ގއ. އަތޮޅު ކައުންސިލްގެ ހުރިހާ ކައުންސިލަރުން ތިން މަހަށް ސަސްޕެންޑް ކުރުމާ ގުޅިގެންނެވެ.
ރައީސް މައުމޫން މިރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ބޭރުގެ ސަފީރަކާ ބައްދަލުކޮށްގެން ކަމަށް ބުނެ އަތޮޅު ކައުންސިލަރުންތަކެއް ސަސްޕެންޑް ކުރުމަކީ ހަމައެކަނި ގާނޫނާ ހިލާފަށް އެޅި ފިޔަވަޅެއް ނޫން ކަމަށެވެ. ލޯކަލް ގަވަރުމަންޓް އޮތޯރިޓީ (އެލްޖީއޭ)ގެ އެ ނިންމުމަކީ ދިމިގްރާތީ އުސޫލުތަކާވެސް ހިލާފު އަދި ސަފީރަށް އިހްތިރާމު ކުޑަކުރުމުގެ އަމަލެއް ކަމަށްވެސް ވިދާޅުވި އެވެ.
ރައީސް މައުމޫން އިތުރަށް ވިދާޅުވީ ބޭރުގެ ސަފީރުން ނިސްބަތްވާ ގައުމުތަކަކީ ރާއްޖޭގެ ތަރައްގީގައި ޒަަމާންވީ މުހިއްމު ބައިވެރިންތަކެއް ކަމަށެވެ.
ދައުލަތުގެ ކަމާ ގުޅޭ އިދާރާތަކުގެ ހުއްދަ ނަގައިގެން ނޫނީ ލޯކަލް ކައުންސިލްތަކުން ބޭރުގެ ޑިޕްލޮމޭޓުންނާއި ބޭރުގެ ޖަމާއަތްތަކާ ބައްދަލުނުކުރުމަށް އެލްޖީއޭއިން އެންގުމާ ގުޅިގެން އިނގިރޭސިވިލާތުން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޖޭމްސް ޑޯރިސްއާއި އެމެރިކާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު އަތުލް ކެޝަޕް ވެސް ކަންބޮޑުވުން ފާޅުކުރައްވާފަ އެވެ. އަދި އެލްޖީއޭގެ ނިންމުމަށް ބައެއް ކައުންސިލަރުން ވެސް ގެންދަވަނީ ފާޑު ވިދާޅުވަމުންނެވެ.
ކައުންސިލްތަކުގެ ބެލެނިވެރިފަރާތް އެލްޖީއޭއިން މިދިޔަ ހޯމަ ދުވަހު ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ ލޯކަލް ކައުންސިލްތަކުން ބޭރުގެ ޑިޕްލޮމޭޓުންނާއި ބޭރުގެ ޖަމާއަތްތަކާ ބައްދަލުކުރާނަމަ ބައްދަލުކުރަންވާނީ އެލްޖީއޭ އަށް ލިޔުމުން ހުށަހެޅުމަށް ފަހު އެ އޮތޯރިޓީން ހޯމް މިނިސްޓްރީގެ ހުއްދައަށް އެދުމަށްފަހު އެ މިނިސްޓްރީން ހުއްދަ ދިނުމުން ކަމަށެެވެ.
އެލްޖީއޭ އިން ބުނީ އެ އޮތޯރިޓީން އެންގި ގޮތާ ހިލާފަށް އަމަލުކުރާނަމަ ގާނޫނު އަސާސީގައި ބުނާ ޔުނިޓަރީ ދައުލަތުގެ ސިފަ ގެއްލި، ރާއްޖޭގެ ހާރިޖީ އަދި ދާހިލީ ސިޔާސަތަށް އެކަމުގެ ސަބަބުން ބުރޫއަރާނެ ކަމަށެވެ. އަދި ރާއްޖެއިން ތަސްދީގު ކޮށްފައިވާ ބައެއް މުއާހަދާތަކާއި އެއްބަސްވުންތަކާ ފުށުއެރުން އެކަށީގެންވާ ކަމަށް ވެސް ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ. އެ އޮތޯރިޓީގެ އެންގުމާ ހިލާފަށް އަމަލުކުރާ ކައުންސިލްތަކާ ދެކޮޅަށް އެލްޖީއޭ އިން ފިޔަވަޅު އަޅާނެ ކަމަށްވެސް މިބަޔާނުގައި ވަނީ ބުނެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ