ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލަ ފެއިލް ކޮށްލާނަން - ގާސިމް

ރައީސުލްޖުމްހޫރިއްޔާ އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް ރައްޔިތުންގެ މަޖިލީހަށް ވެއްދުމަށް ބަޔަކު އުޅޭ ކަމަށް އަޑު ފެތުރުނު ނަމަވެސް އެކަން ކުރަން ނުކެރޭނެ ކަމަށާއި ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ވައްދަން ބޭނުންވާ އަދަދަށް ސޮއި ނުލިބޭނެ ކަމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު އަދި މާމިގިލީ ދާއިރާގެ މަޖިލިސް މެންބަރު ގާސިމް އިބުރާހިމް ވިދާޅުވެއްޖެއެވެ.
ރޭ ވީޓީވީ، ފަސްމަންޒަރު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ގާސިމް އިބުރާހިމް ވިދާޅުވީ ރައީސްގެ އިތުބާރު ނެތް ކަމުގެ މައްސަލަ ފެއިލްކޮށްލުމަށް ޕީޕީއެމްއާއި އެމްޑީއޭ އަދި ޖުމްހޫރީ ޕާޓީގެ ޕާލިމެންޓްރީ ގުރޫޕުން ބަދަހިކަމާއިއެކު މަސައްކަތް ކުރާނެ ކަމަށެވެ.
"އެކަމެއް ނުކުރެވޭނެ އެ ޔަގީންކަން އެބައޮތް، ނުވެސް ކެރޭނެ ވައްދަންވެސް، އެކަހަލަ ހަޑިމުޑުދާރު ކަމެއް ކުރަން، ވައްދަން ސޮއި ހަމަ ނުވާނެ، މިގައުމުގެ މިއޮތް ހިސާބުން ފަހަތައް ޖައްސާކަށް ފުރުސަތެއް ނުދެވޭނެ އެކަން ކުރިޔަކަ ނުދޭނަން މީހުން އެދައްކަނީ ހުސް ވާހަކަ،" ގާސިމް ވިދާޅުވިއެވެ.
ރައީސުލްޖުމްހޫރިއްޔާ އަވަހާރަކޮށްލާ ހިސާބަށް ދިޔައީމާ ގައުމަށްޓަކައި ވެސް ނިކުންނަންޖެހޭ ކަމަށާއި ރައީސް ޔާމިނާއެކު މިވަގުތު ހުންނެވީ ވެސް ގައުމަށްޓަކައި ކަމަށް ގާސިމް ވިދާޅުވިއެވެ.
ގާސިމް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އަށް އަމާޒުކޮށް ދެވުނު ހަމަލާއާއި ގުޅިގެން މިއީ ހުރިހާ ރައްޔިތުންވެސް ރައީސުލްޖުމްހޫރިއްޔާއާއި ސަރުކާރަށް އެއްބާރުލުން ދީގެން މިފަދަ ކަމެއް ތަކުރާރުވިޔަ ނުދިނުމަށްޓަކައި މަސައްކަތް ކުރަންވީ ވަގުތު ކަމަށާއި ރައީސްއަށް އަމާޒުކޮށް ހަމާލާދިނުމާއި އެކު މިވަގުތު ރައީސުލްޖުމްހޫރިއްޔާއަށް އަދި ސަރުކާރަށް ދޭންޖެހޭ ހުރިހާ އެއްބާރުލުމެއް ދެއްވާނެ ކަމުގެ ޔަގީންކަން ރައީސް ޔާމިނަށް ދެއްވާފައިވާނެ ކަމަށެވެ.
"މިއަދު މިދިމާވެފައި އޮތް މައްސަލައަކީ އެއްވެސް ހަމަ ބުއްދި ސަލާމަތުން ހުރި މީހަކު ގަބޫލުކުރާނެ މައްސަލައެއް ނޫން، މާދަމާ ކޮންމެ ބޭފުޅަކު ވެރިކަމުގައި ހުންނެވިޔަސް ހަމަ އެގޮތަށް ގޮއްވާލާފައި އަވަހަރާކޮށްލާފައި ވެރިކަމަށް އަންނަން މަސައްކަތް ކުރީމާ އެގޮތަށް މަސައްކަތް އަމާޒުކުރެވިއްޖެއްޔާ މި ކޮން ކަހަލަ ބައެއްތޯ، މި އިންސާނުންގެ ސިފައިން ބޭރުވެ ޖަނަވާރުންގެ ވިސްނުމާ ހިޔާލާތާ ހަމައަށް ދިޔައީ ނޫންތޯ، އެހެން ނޫންތޯ، އެހެންވީމާ އެހާލަތުގައި އަޅުގަނޑުމެން ސިޔާސީ ކަންތައްތަކޭ ނޫނިއްޔާ އެހެންނޭ މިހެންނޭ ކިޔައިގެން ހުންނާކަށް ޖާގައެއް ނެތެއް ނޫންތޯ،" ގާސިމް ވިދާޅުވިއެވެ.
ގާސިމް އިތުރަށް ވިދާޅުވީ ސަރުކާރުގެ ތެރޭގައި މައްސަލަތަކެއް ހުރިނަމަ އެކަންކަން އިސްލާހުކުރުމުގެ ގޮތުން ގައުމާއި ރައްޔިތުންނަށް ފައިދާވާނެ ގޮތަށް ސިޔާސީ ހަރަކާތްތައް ހިންގުމަށް އަބަދުވެސް ތާއީދުކުރައްވާ ކަމަށާއި އެކަމަކު ރައީސުލްޖުމްހޫރިއްޔާ އަވަހަރާކޮށްލައިގެން ވެރިކަމާއި އެއްވެސް ބޭފުޅަކު ހަވާލުވުމަކީ ދުވަހަކުވެސް ތާއީދުކުރައްވާނެ ކަމެއް ނޫން ކަމަށެވެ.
"މިކަމަކީ ވަރަށް ބޮޑު ކަމެއް، ރައީސުލްޖުމްހޫރިއްޔާ ކަމުގައި ކޮންމެ ބޭފުޅަކު ހުންނެވި ކަމުގައިވީނަމަވެސް އެމަނިކުފާނުގެ މަސްއޫލިއްޔަތެއް މި ގައުމަށްޓަކައި މިވަތަނަށްޓަކައި އެ ގުރުބާނީވުން، އެހެންވީމާ އެ ސަބަބަށްޓަކައި މިކަން ހަވާލުކުރައްވާފައިވާ ފަރާތްތަކުން ރައީސުލްޖުމްހޫރިއްޔާ، މަސްއޫލިއްޔަތު ހަވާލުކުރައްވާފައިވާ ފަރާތްތަކުން ވަރަށް އިހްލާސްތެރިކަމާއި އެކީގައި ވަރަށް ހިތްވަރާއެކީގައި ރެއާ ދުވާލު ލޮލުފިޔަ ނުޖަހާ ކުރިމައްޗަށް ގެންނަންޖެހޭ، އިންސާފު ލަސްވެގެން ދިއުމަކީ އިންސާފު ނުލިބުން،" ގާސިމް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ