ސަރުކާރު ދޫކޮށްލުމުގެ ހިޔާލެއް ގެންގުޅެގެން ނުވާނެ: މައުމޫން

ރައީސް މުހަންމަދު ވަހީދު މަސައްކަތްޕުޅުކުރައްވަނީ ވަރަށް ދަތި މާހައުލެއްގައި ކަމަށާއި އެހެންވެ މި ސަރުކާރު ދޫކޮށްލުމުގެ ހިޔާލެއް ސަރުކާރަށް ތާއީދުކުރާ އިއްތިހާދުގެ ޕާޓީތަކުން ގެންގުޅެގެން ނުވާނެ ކަމަށް ކުރީގެ ރައީސް އަދި ޕީޕީއެމްގެ އިންތިގާލީ ރައީސް މައުމޫން އަބްދުލްގައްޔޫމް މިރޭ ވިދާޅުވެއްޖެ އެވެ. ފުވައްމުލަކު މެދު ދާއިރާގެ މެމްބަރު ޝިފާހު މުފީދު (ހިސްޓޯ) ޕީޕީއެމް އަށް ސޮއިކުރެއްވުމަށް ފުވައްމުލަކުގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަމުން މައުމޫން ވިދާޅުވީ ވަރަށް ގިނަ ފިއްތުންތައް އެތެރެއިންނާއި ބޭރުން ރައީސް ވަހީދަށް އަބަދުވެސް ކުރިމަތިވަމުންދާ ކަމަށެވެ. "އެހެންވީމަ މިފަދަ ދަނޑިވަޅެއްގައި އަޅުގަނޑުމެންގެ މި އިއްތިހާދީ ސަރުކާރު ދެމެހެއްޓުމަކީ މުޅި ގައުމަށްޓަކައި އަޅުގަނޑުމެން ކުރަންޖެހޭނެ ކަމެއް. އެހެންވީމަ އެއްވެސް ސަބަބަކާ ހުރެ އަޅުގަނޑުމެންގެ ހިތް ނުތަނަވަސް ވެގެން މި ސަރުކާރު ދޫކޮށްލުމުގެ ހިޔާލެއް ގެންގުޅެގެން ނުވާނެ. ނުވަތަ ސަރުކާރަށް އަޅުގަނޑުމެން ކުރާ ތާއީދު ކުޑަކުރުމުގެ ހިޔާލެއް ވެސް އަޅުގަނޑުމެން ގެންގުޅެގެން ނުވާނެ. އެހެން ހަދައިފިނަމަ ނުވަތަ މި އިއްތިހާދު ރޫޅިއްޖެ ނަމަ ނުވަތަ ސަރުކާރު އެހެން ގޮތަކަށް ބަދަލުވެގެން ހިނގައްޖެ ނަމަ އޭގެ ހިތި ނަތީޖާ ތަޖުރިބާ ކުރަން ތިބޭނީ ހަމަ ދިވެހި ރައްޔިތުން. ހަމަ އަޅުގަނޑުމެން،" މައުމޫން ވިދާޅުވި އެވެ. އެ މަނިކުފާނު ވިދާޅުވީ ބައެއް ކަންކަން ބައެއް ޕާޓީތަކުން އެދޭހާ ބާރު މިނުގައި ނުދިއުން އެކަށީގެންވާ ކަމަށެވެ. އަދި ބައެއް އަމިއްލަ މީސްމީހުންގެ ކަންތައް ވެސް އެ ބަޔަކު އެދޭ ގޮތަކަށް ހަމަނުޖެހުމަކީ އެކަށީގެންވާ ކަމެއް ކަމަށް މައުމޫން ވިދާޅުވި އެވެ. "އެހެން ނަމަވެސް މި ވަގުތަކީ އެ ކަންކަމާ އަޅުގަނޑުމެން ކަންބޮޑުވާންވީ ވަގުތެއް ނޫން. މިވަގުތަކީ އަޅުގަނޑުމެން އެންމެން އެކަތިގަނޑަކަށް ވާންވީ ވަގުތު. ކުރިން ވެސް ދެންނެވިހެން ޑރ. މުހަންމަދު ވަހީދު އެ އުޅުއްވަނީ ވަރަށް ދަތި ކަންތައްތަކެއް ހައްލު ކުރެއްވުމަށްޓަކައި،" މައުމޫން ވިދާޅުވި އެވެ. "އަޅުގަނޑު ދަންނަވާލަން ބޭނުންވެގެން މި އުޅޭ ވާހަކަ އަކީ އަޅުގަނޑުމެންގެ އަދި ބައެއް ކުދިކުދި ކަންތައް ހަމަނުޖެހި ހުއްޓަސް އެކަމާ މިވަގުތު ކަންބޮޑު ނުވަމާތޯއޭ. އެ ވާހަކަ ނުދައްކަމާތޯއޭ. އަޅުގަނޑުމެން ފުރުސަތު އަރުވަމާތޯއޭ ރައީސުލްޖުމްހޫރިއްޔާ އަށް އެ މަނިކުފާނު ބޭނުންފުޅުވާ ގޮތަކަށް ކަންތައްތައް ކުރައްވަމުން ގެންދިއުމަށް. އެއީ ވަގުތު ބޭނުންވާނެ ކަމެއް." މައުމޫން ވިދާޅުވީ އެ މަނިކުފާނަކީ ރައީސުލްޖުމްހޫރިއްޔާގެ މަގާމުގެ ތަޖުރިބާކުރައްވާފައިވާ ބޭފުޅެއް ކަމަށެވެ. އަދި މަގާމާ ހަވާލުވެ ވަޑައިގެންނެވިއިރު ރައްޔިތުން ތިބީ ކާނެ އެއްޗެއް ނެތިފައި ކަމަށާއި ތައުލީމެއް، ސިއްހީ ހިދުމަތެއް ނެތް ކަމަށެވެ. އެހެން ނަމަވެސް ރައްޔިތުންގެ ތާއީދާއި ސަރުކާރުގެ ވަޒީރުންނާއި ރައްޔިތުންގެ މަޖިލީހުގެ އެހީގައި ކަންކަން ނިންމާލެވުނު ކަމަށް މައުމޫން ވިދާޅުވި އެވެ. "އެ ތަޖުރިބާ އަޅުގަނޑު ހިތުގައި އަދިވެސް އެބައޮތް. އެއީ ވަރަށް އުނދަގޫ ކަމެއް ރައީސުލްޖުމްހޫރިއްޔާގެ މަގާމަކީ. ތިޔަ ހީފުޅުކުރައްވާ ކަހަލަ ފަސޭހަ ކަމެއް ނޫން. އެހެންވީމަ ރައީސުލްޖުމްހޫރިއްޔާ އަށް ވަގުތު އަރުވަން އެބަޖެހޭ. އެ މަނިކުފާނަށް ތާއީދުކުރަން އެބަޖެހޭ. އެމަނިކުފާނު ކުރައްވާ ކަންތައްތަކުގައި އަޅުގަނޑުމެންނަށް ފެންނަ އެއްޗެއް ދެންނެވުމުގެ އިތުރުން ނިންމަވާ ގޮތަކަށް އަޅުގަނޑުމެން އެއްބަސްވެގެން އަޅުގަނޑުމެން އިއްތިހާދީ ސަރުކާރު ދަމަހައްޓަން އެބަޖެހޭ،" މައުމޫން ވިދާޅުވި އެވެ. މައުމޫން ވިދާޅުވީ ރައީސް މުހަންމަދު ވަހީދުގެ ސަރުކާރަށް ތާއީދުކުރަންޖެހޭ ކަމަށާއި ރައީސް ވަހީދު ވެރިކަމާ ހަވާލުވެ ވަޑައިގަތީ ގާނޫނީ ހަމަތަކުގެ މަތިން ކަމަށެވެ. ރައްޔިތުންގެ މަޖިލީހުގެ އިތުރު މެމްބަރުންތަކެއް ޕީޕީއެމްއާ ގުޅޭނެ ކަމުގެ މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށް ވެސް މައުމޫން ވިދާޅުވި އެވެ. މައުމޫން ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގައި ތިއްބެވި އެހެން ސިޔާސީ ޕާޓީތަކުގެ ބޭފުޅުންގެ އިތުރުން އެއްވެސް ޕާޓީއަކާ ގުޅިވަޑައިނުގަންނަވާ ބައެއް ބޭފުޅުން، މާ ލަހެއް ނުވެ ޕީޕީއެމްއާ ގުޅިވަޑައިގަންނަވާނެ ކަމަށް އުންމީދުކުރައްވާ ކަމަށެވެ. އަދި އެފަދަ މައުލޫމާތެއް ލިބިވަޑައިގެންފައިވާ ކަމަށް ވެސް މައުމޫން ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ