ސިއްހީ ދާއިރާގެ މުވައްޒަފުން ތަމްރީން ހޯދުމުގެ ފުރުސަތު އިންޑިއާ އިން ދެނީ
ސިއްހީ ދާއިރާގައި މަސައްކަތްކުރާ މީހުންގެ ތެރެއިން އިންޓާންޝިފް ޓްރޭނިން ހޯދަން ބޭނުންވާ ފަރާތްތަކަށް އިންޑިއާ އިން ފުރުސަތު ހޯދައިދިނުމަށް އެ ގައުމުގެ ސަރުކާރުން ނިންމާފައިވާ ކަމަށް ހެލްތު މިނިސްޓްރީ ވަގުތީ ގޮތުން ހިންގެވުމާ ހަވާލުވެ ހުންނެވި ޑިފެންސް މިނިސްޓަރު މުހައްމަދު ނާޒިމް މިއަދު ވިދާޅުވެއްޖެ އެވެ. ގދ. މަޑަވެއްޔާއި ތ. ދިޔަމިގިލީ ސިއްހީ މަރުކަޒު މަރާމާތު ކުރުމަށް ބަޔަކާ ހަވާލު ކުރުމަށް މިއަދު މެންދުރުފަހު ހެލްތު މިނިސްޓްރީގައި ބޭއްވި ރަސްމިޔާތެއްގައި ނޫސްވެރިންނާ ވާހަކަދައްކަވަމުން ނާޒިމް ވިދާޅުވީ ރާއްޖެއިން ބޭރުން ކިޔަވައިގެން އައިސް ތިބި ދިވެހިންގެ ތެރެއިން އިންޓާންޝިފް ޓްރޭނިން ހަދަން ބޭނުން އެންމެނަށް އިންޑިއާ އިން އެ ފުރުސަތު ދިނުމަށް އެއްބަސްވެފައިވާ ކަމަށެވެ. އެހެންކަމުން އެކަމަށް ކުރިމަތިލުމުގެ ފުރުސަތު މާދަމާ ހުޅުވާލާނެ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. ގދ. މަޑަވެއްޔާއި ތ. ދިޔަމިގިލީ ސިއްހީ މަރުކަޒު މަރާމާތު ކުރުމަށް ބަޔަކާ ހަވާލު ކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތު.--ހަވީރު ފޮޓޯ: ނިޝާން އަލީ "އިންޓާންޝިޕް ޓްރޭނިން ހެދުމުގެ ފުުރުސަތު ނެތް ހުރިހާ ފަރާތްތަކަށް މިހާރު ވަނީ އިންޑިއާ އިން އެ ފުރުސަތު ދިނުމަށް އެއްބަސްވެވަޑައިގެންފަ،" ނާޒިމް ވިދާޅުވި އެވެ. މިނިސްޓަރު ވިދާޅުވީ އެއް އަހަރު ދުވަހުގެ އިންޓާންޝިޕް ޓްރޭނިން ހެދުމުގެ ފުރުސަތު ލިބިގެންދާނީ އިންޑިއާގެ އެކި ޔުނިވަސިޓީތަކުން ކަމަށެވެ. ނާޒިމް ވިދާޅުވިގޮތުގައި އޭނާ ދާދިފަހުން އިންޑިއާ އަށް ކުރެއްވި ދަތުރުގައި އެ ގައުމުގެ ހެލްތު މިނިސްޓަރާ ބައްދަލުކުރައްވާފައިވާ އިރު، ދިވެހިންނަށް އިތުރު ފުރުސަތުތައް ލިބިގެންދާނެ އެވެ. ގދ. މަޑަވެއްޔާއި ތ. ދިޔަމިގިލީ ސިއްހީ މަރުކަޒު މަރާމާތު ކުރުމަށް ބަޔަކާ ހަވާލު ކުރުމަށް މިއަދު ބޭއްވި ރަސްމިއްޔާތު.--ހަވީރު ފޮޓޯ: ނިޝާން އަލީ ހަމައެހެންމެ ރާއްޖެ އަށް ބޭނުންވާ ހާއްސަ ޑޮކްޓަރުން އިންޑިއާ އިން ފޮނުވައިދިނުމަށް ނިންމާފައިވާ ކަމަށް ވެސް ނާޒިމް ވިދާޅުވި އެވެ. "ރާއްޖޭގައި މި މަދުވާ، ހާއްސަ ގޮތެއްގައި ހޭނައްތާ ޑޮކްޓަރުންނާއި އަންހެނުންގެ ހާއްސަ ޑޮކްޓަރުންނާއި ކުޑަކުދިންގެ ޑޮކްޓަރުން ވަރަށް އަވަހަށް ރާއްޖޭގެ ހުރިހާ ތަނަކަށް އަޅުގަނޑުމެނަށް ހަމަކުރެވިގެންދާނެ،" ނާޒިމް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ