މާދަމާ ބާއްވާ ޖިހާދުގެ ފެތުމުގައި ނައިބު ރައީސާއި އުމަރު ބައިވެރިވަޑައިގަންނަވާނެ

ރާއްޖޭގެ މިނިވަންކަމުގެ ރަން ޔޫބީލް ފާހަގަކުރުމުގެ ގޮތުން ސަރުކާރުން ރާވާފައިވާ ހަރަކާތްތަކުގެ ތެރޭގައި ހިމެނޭ "ރާވެރިބޭގެ ޖިހާދުގެ ފެތުން"ގައި ނައިބު ރައީސް މުހައްމަދު ޖަމީލު އަހުމަދާއި ހޯމް މިނިސްޓަރު އުމަރު ނަސީރު އަމަލީ ގޮތުން ބައިވެރިވެވަޑައިގަންނަވާނެ އެވެ. ހޯމް މިނިސްޓްރީގެ މީޑިޔާ ކޯޑިނޭޓަރު ތަޒްމީލް އަބްދުއްސަމަދު މިއަދު ވިދާޅުވީ، މާދަމާ ހަވީރު ވިލިމާލޭން މާލެ އަށް އޮންނަ ފެތުމުގައި ހޯމް މިނިސްޓަރު އުމަރާއި ނައިބު ރައީސްގެ އިތުރުން ސަރުކާރުގެ އެހެން ބައެއް ވެރިން ވެސް ބައިވެރިވެވަޑައިގަތުމަށް ހަމަޖެހިފައިވާ ކަމަށެވެ. "މިނިސްޓަރާއި ނައިބު ރައީސްގެ އިތުރުން ސަރުކާރުގެ މަތީ ބޭފުޅުން އަމަލީ ގޮތުން މި ފެތުމުގައި ބައިވެރިވެވަޑައިގަންނަވާނެ. އަދި ރައީސް ޔާމީން ވެސް އިވެންޓް ބައްލަވައިލެވުމަށް ވަޑައިގަންނަވާ ގޮތަށް ހަަމަޖެހިފައިވަނީ،" ތަޒްމީލް ވިދާޅުވި އެވެ. މިނިސްޓްރީން ބުނީ މި ފެތުމަކީ ގައުމީ ހަރަކާތެއް ކަމަށާއި މިކަމުގައި ރާއްޖޭގެ ގިނަ ރަށްތަކުގެ ރައްޔިތުން ބައިވެރިވުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި މި ފެތުމުގައި ބައިވެރިވުމަށް އެކި ރަށްތަކުން ވެސް މީހުން އަންނާނެ ކަމަށް މިނިސްޓްރީން ބުންޏެވެ. "ރާވެރިބޭގެ ޖިހާދުގެ ފެތުން" އޮންނާނީ މާދަމާ ހަވީރު 3:30 އިން ފެށިގެން 5:30 އަށެވެ. މި ފެތުން ފަށާނީ ވިލިމާލޭ ފެރީ ޓާމިނަލާ ދިމާލުން ކަނޑުތޮށި ކައިރީގައި ހަދާފައި އޮންނަ ޕްލެޓްފޯމަކުންނެވެ. އަދި ފެތުން ނިންމާލާނީ މާލޭގެ ސޯޝަލް ސެންޓަރާ ދިމާލުގައި ހަދާފައި އޮންނަ ޕްލެޓްފޯމަށެވެ. ހޯމް މިނިސްޓްރީން އިންތިޒާމްކުރާ މި ފެތުމުގައި ސްވިމިން އެސޯސިއޭޝަނާއި އެންމެއެންޑީއެފްގެ ކޯސްޓް ގާޑް އަދި މެރިން ޕޮލިސް ވެސް އެހީތެރިންގެ ގޮތުގައި ބައިވެރިވާނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ