ކޮޅުފުށީ އިންޖީނުތައް ހަލާކުވެ 24 ގަޑިއިރު ކަރަންޓް ދިނުމަށް ދަތިވެއްޖެ

މ. ކޮޅުފުށީގައި ކަރަންޓު ދިނުމަށް ބޭނުންކުރާ އިންޖީނުތައް ބާ ވުމުގެ ސަބަބުން އެ ރަށަށް 24 ގަޑިއިރު ކަރަންޓު ދިނުމަށް ދަތިވެފައިވާ ކަމަށް އެ ރަށު ކައުންސިލަރު ވިދާޅުވެއްޖެ އެވެ.ކައުންސިލަރު މުހަންމަދު ވަހީދު މިއަދު ވިދާޅުވީ އެ ރަށު އިންޖީނުގޭގައި ހަތަރު އިންޖީނު ހުރި އިރު އޭގެތެރެއިން ބޭނުން ކުރެވެނީ ދެ އިންޖީނު ކަމަށެވެ. އެ ދެ އިންޖީނު ވެސް ބާވެފައި ވުމުގެ ސަބަބުން ދެ އިންޖީނު ވެސް ދޭތެރެ ދޭތެރެއިން ހުއްޓެމުންދާ ކަމަށް އޭނާ ވިދާޅުވި އެވެ."އަޅުގަނޑުމެން ބޭނުންކުރާ ދެ އިންޖީނު ވެސް ލޯޑު ބޮޑުވެގެން ދުވާލަކު ތިން ހަތަރު ފަހަރު ކަރަންޓު ކަނޑާލަން ޖެހޭ. ސައުވީސް ގަޑިއިރު ކަރަންޓު ދޭން ޖެހޭ އިރު ދެ އިންޖީނުން ކަރަންޓު ދޭން ޖެހުނީމާ ވެސް ވާނީ މިހެން."ވަހީދު ވިދާޅުވީ އެ ރަށުގައި މިހާރު ބޭނުންކުރަމުންދާ ދެ އިންޖީނަކީ ވެސް މީގެ ހަ އަހަރު ކުރިން ގެންގޮސަފައިވާ ދެ އިންޖީނު ކަމަށެވެ. އެ ދެ އިންޖީނު މަރާމާތު ކުރާނެ ފާރާތެއް ހޯދުމަށް އެ ރަށު އޮފީހުން މިހާރު ގެޒެޓުގައި އިއުލާނު ކޮށްފައިވެ އެވެ. އަދި 150 ކިލޯ ވޯޓުގެ އިންޖީނެއް ގަތުމަށް ވެސް އެ ރަށު އޮފީހުން އިއުލާނު ކޮށްފައިވެ އެވެ.އެ ރަށު އާންމުންގެ މީހަކު މިއަދު ބުނީ 24 ގަޑިއިރު ކަރަންޓް ނުލިބޭތީ ވަރަށް ބޮޑެތި ދަތިތަކާ ކުރިމަތިލާން ޖެހޭ ކަމަށާއި ހާއްސަކޮށް ސްކޫލް ޓެސްޓް ދުވަސްވަރު އެ ދަތި އެތައް ގުނައަކަށް މައްޗަށްދާ ކަމަށެވެ."އަޅުގަނޑު އުޅޭ ގޭގެ ޓީވީ ވެސް ހަލާކުވީ ކުއްލިއަކަށް ކަރަންޓު ކަނޑައިގެން ގޮސްގެން. ސްކޫލު ކުދިންނަށް ޓެސްޓް ތެރޭގައި އެ ކުދިންނަށް ވެސް ވަރަށް އުނދަގޫވޭ. ރަށު އޮފީހުގައި ވެސް އެތައް ފަހަރަކު މައްސަލަ ޖައްސައިފިން ކަރަންޓު ކެނޑޭތީ. މިކަންތައްތަކަށް ޒިންމާ ވާނީ ކާކުކަމެއް އަޅުގަނޑަކަށް ނޭނގެ" ކޮޅުފުށީ އާންމު ރައްޔިތަކު ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ