ގާސިމް ހުންނެވީ ސަރުކާރާ އެކު، އެއްބާރުލުން ދެއްވާނެކަން ވެސް ކަށަވަރުކޮށްދެއްވި: ރައީސް

ރައްޔިތުންނާ ގުޅޭ ކަންކަމުގައި ޖުމްހޫރީ ޕާޓީގެ އެއްބާރުލުން ސަރުކާރަށް ލިބޭނެ ކަމުގެ ޔަގީންކަން އެ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ދެއްވާފައިވާ ކަމަށް ރައީސް އަބްދުﷲ ޔާމީން މިއަދު ވިދާޅުވެއްޖެ އެވެ. ބިލެއްދޫ ދާއިރާގެ މެންބަރު އަހްމަދު މުބީން އާއި ތިނަދޫ ދެކުނު ދާއިރާގެ އަބްދުﷲ އަހްމަދު ޖުމްހޫރީ ޕާޓީން ވަކިވެވަޑައިގެން ޕީޕީއެމަށް ސޮއިކުރައްވަން ސްޓެލްކޯގައި ބޭއްވި ރަސްމިއްޔާތުގައި ރައީސް ވިދާޅުވީ ރައްޔިތުންނަށް ލާބަޔާއި މަންފާ ލިބޭ ކަންކަމުގައި ޖުމްހޫރީ ޕާޓީ ފެންނަނީ ވަރަށް ހަރަކާތްތެރިކޮށް ކަމަށެވެ. އެކަމަށްޓަކައި އެމަނިކުފާނު ވަނީ ޖުމްހޫރީ ޕާޓީ އަށް ޝުކުރު އަދާކުރައްވައިފަ އެވެ. ރައީސް ޔާމީން ވިދާޅުވި ގޮތުގައި ރައްޔިތުންނަށް އުފާ ފާގަތިކަމާއި ތަހްޒީބް ގެނެސްދިނުމަށް ސަރުކާރުން ކުރާ ހުރިހާ މަސައްކަތެއްގައި އެއްބާރުލުން ދޭނެ ކަން ތަކުރާރުކޮށް ގާސިމް ވަނީ ކަށަވަރުކޮށްދެއްވައިފަ އެވެ. މުލީއާގޭގައި ރައީސް ބޭއްވެވި ބައްދަލުވުމަށް ގާސިމް ވަދެވަޑައިގަންނަވަނީ: ޕީޕީއެމާއި ޖުމްހޫރީ ޕާޓީގެ ހަމަނުޖެހުމަށް ފަހު ސަރުކާރާ އެކު ހުންނެވި ކަމަށް ގާސިމް ވިދާޅުވީ އެ ބައްދަލުވުމަށް ފަހު. --ހަވީރު ފޮޓޯ: ނިޝާން އަލީ "އަޅުގަނޑުމެންނަށް މި ފަހުގެ ރައްޔިތުންގެ މަޖިލީހުގައި މި ފެނިގެންދާ ދައުރުގެ ޖަލްސާތަކުގައި ކިތަންމެ ރަނގަޅަަކަށް ވެސް މިކަން [އެއްބާރުލުން] ސާބިތުކޮށްދެއްވައިފި،" ރައީސް ވިދާޅުވި އެވެ. ބައެއް މައްސަލަތަކުގައި ޖުމްހޫރީ ޕާޓީގެ ދެތިން މެމްބަރަކު ހިޔާލު ތަފާތުވި ނަމަވެސް މުޅި ޕާޓީގެ އަޣުލަބިއްޔަތު އޮތީ ޕީޕީއެމާ އެކުގައި ކަމަށް ރައީސް ވިދާޅުވި އެވެ. ސަރުކާރަށް އެއްބާރުލުން ދެއްވާނެ ކަމަށް ގާސިމް ވިދާޅުވެފައިވާއިރު، ރިޔާސީ އިންތިހާބުގައި ޕީޕީއެމާ އެކު އެ ޕާޓީން ހެދި ކޯލިޝަން ވަނީ ރޫޅިފަ އެވެ. އެއަށް ފަހު ދެ ޕާޓީ ތެރޭގައި މައްސަލަ އުފެދި ގާސިމް ވަރަށް ބޮޑަށް ސަރުކާރަށް ފާޑު ވެސް ވިދާޅުވި އެވެ. ގާނޫނު އަސާސީ ހިމާޔަތްކުރަން ކަމަށް ބުނެ ޖުމްހޫރީ ޕާޓީން އެމްޑީޕީއާ މަސައްކަތްކޮށް މުޒާހަރާތަކުގައި ވެސް ބައިވެރިވި އެވެ. އެ މުޒާހަރާތަކަށް ފަހު، ސަރުކާރާ އެކު ހުންނެވި ކަމަށް ގާސިމް ވިދާޅުވީ ރައީސް އަވަހާރަކޮށްލަން ދިން ހަމަލާ އަށް ފަހު މުލިއާގޭގައި މަޖިލިސް މެމްބަރުންނާ އެކު ރައީސް ޔާމީން ބޭއްވެވި ބައްދަލުވުމަށް ފަހު އެވެ. ގާސިމާއި ސަރުކާރާ ދެމެދު އެންމެ ބޮޑަށް މައްސަލަ ޖެހުނު ދުވަސްވަރު ގާސިމްގެ މަސްލަހަތު އޮންނަ ކުންފުނިތަކަށް ދީފައިވާ ބައެއް ރަށްރަށާއި ފަޅުތައް ނަގައި، ޖޫރިމަނާގެ ގޮތުގައި ބޮޑު އަދަދެއް ސަރުކާރަށް ދައްކަން އެންގި އެވެ. އެ ފައިސާ ނުދެއްކުމުން ބައެއް އެކައުންޓްތައް ހިފެހެއްޓި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ