އެޑިއުކޭޝަން މިނިސްޓަރުގެ އިތުބާރުނެތް ކަމުގެ މައްސަލައިގައި، ރައްޔިތުން ތަކަކަށް ނިސްބަތްކޮށް ހަރުކަށި ބަސްތަކެއް ސަރުކާރުން ބޭނުންކުރުމަކީ ފުދުންތެރިކަމެއް ނެތްކަމުގެ ހެއްކެއް: ނަޝީދު

19:00އެޑިއުކޭޝަން މިނިސްޓަރ ޑރ. މުސްތަފާ ލުތުފީގެ އިތުބާރުނެތް ކަމުގެ މައްސަލައިގައި، ދިވެހި ރައްޔިތުންތަކަކަށް ނިސްބަތްކޮށް ހަރުކަށި ބަސްތަކެއް ސަރުކާރުން ބޭނުންކުރުމަކީ، ފުދުންތެރިކަމެއް ނެތްކަމުގެ ހެއްކެއް ކަމަށް ރައްޔިތުންގެ މަޖިލީހުގެ ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު ވިދާޅުވެއްޖެ އެވެ.އެޑިއުކޭޝަން މިނިސްޓަރުގެ އިތުބާރު ނެތްކަމުގެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ވައްދާފައިވާތީ، ޑީއާރުޕީއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވެ ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ޕްރެސް ސެކްރެޓަރީ މުހައްމަދު ޒުހެއިރު ނެރުއްވާފައިވާ ބަޔާނަށް އިޝާރާތް ކުރައްވައި، ނަޝީދުގެ އަމިއްލަފުޅު ބްލޮގްގައި ވިދާޅުވެފައި ވަނީ، ދެ ޕާޓީގެ ވާދަވެރިކަމުގައި، އެއް ޕާޓީގެ ޕޯޑިއަމުން އަނެއް ޕާޓީއަށް ކޮންމެ އެއްޗެއް ގޮވިޔަސް، ދިވެހިރާއްޖޭގެ ރައީސުލްޖުމްހޫރިއްޔާ އަކީ، އެންމެހައި ދިވެހިންގެ ވެރިޔާ، އަދި ޤައުމާއި ދިވެހި ދައުލަތުގެ ރަމްޒު ކަމަށެވެ. އަދި ރައީސް ނުވަތަ ރައީސްގެ ފަރާތްޕުޅުން ވާހަކަ ދައްކަވާ ބޭފުޅަކު، ނުވަތަ ދިވެހި ސަރުކާރުގެ ފަރާތުން ވާހަކަ ދައްކަވާ ބޭފުޅަކު، ރައްޔިތުންގެ ބަޔަކަށް ނިސްބަތްވާ ގޮތަށް، ހަރުކަށި ޢިބާރާތުން މުޚާތަބު ކުރެއްވުމަކީ، ގަބޫލުފުޅު ކުރައްވާ ކަމެއްނޫން ކަމަށާއި، ވަޒީރެއްގެ މައްޗަށް އިތުބާރުނެތްކަމުގެ ވޯޓެއް މަޖިލީހަށް ވެއްދީ، ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ކަމަށް ވެސް ވިދާޅުވެފައިވެ އެވެ. އަދި އެ ވޯޓު ނަގަން ބޭނުންވާ 39 ވޯޓު ދޭން ތިބޭނީ ވެސް، އަދި، އެ ވޯޓު ނުދޭން ތިބޭނީ ވެސް، ދިވެހި ރައްޔިތުން އިންތިޚާބުކޮށްފައި ތިބި މެންބަރުން ކަމަށް ވެސް ނަޝީދު ވިދާޅުވެފައިވެ އެވެ. އަދި ވަޒީރެއްގެ މައްޗަށް އިތުބާރުނެތްކަމުގެ ވޯޓެއް ނެގުމަށް ހުށަހެޅުމުން، ޙިކުމަތްތެރިކަމާއެކު މަސައްކަތްކޮށް އެ ވޯޓު ކާމިޔާބުވިޔަނުދިނުމަށް ސަރުކާރުން މަސައްކަތް ކުރެއްވުން މާ ރަނގަޅުވާނެ ކަމަށާއި، އެ ވޯޓު ނަގަން އުޅޭތީ ހިތާމަކުރާ ވާހަކަ އާއި ވޯޓު ނެގުން ޙައްޤު ނޫން ސަބަބުތައް ވިދާޅުވެދެއްވުން މާ ރަނގަޅުވާނެ ކަމަށް ވެސް ނަޝީދު ވިދާޅުވެފައިވެ އެވެ.އެ ވޯޓު އަދި އޮތީ އޭގެ ވަރަށް ފެށުމުގެ މަރުޙަލާގައިކަން ފާހަގަ ކުރައްވައި ނަޝީދު ވިދާޅުވެފައި ވަނީ، ވޯޓުގެ ކަންތައް ހިނގުމާ ދެމެދު، ލައްކަ ގިނަ ޚިޔާލާއި މަޝްވަރާތަކާއި ލޮބީކުރުންތަކާއި ކަންކަން ހިނގާއިރު، އެ ވޯޓާ ދެކޮޅު މެންބަރުންނާއި، ވޯޓާމެދު ގޮތެއް ނުނިންމާ މެންބަރުން ވެސް، ބައިވަރު އެބަތިއްބެވި ކަމަށެވެ. އަދި އެފަދަ ބަޔާންތައް ނެރެ، އެކަމުގައި ސަރުކާރުން ހަރުކަށިކަން ދެއްކުމުން، އެ އެންމެން ރުޅިއަރުވާލައި، އެ ވޯޓު ދިނުމަށް ބާރުއެޅުން ނޫން ކަމެއް، ނުވާނެ ކަމަށާއި، ބައެއްގެ މެދުގައި ޖަދަލުގެ ޖޯޝް ހިފުން ނޫން ކަމެއް ނުވާނެ ކަމަށް ވެސް ނަޝީދު ވަނީ ވިދާޅުވެފަ އެވެ.އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅައިފައިވާ މައްސަލައިގައި އެޑިއުކޭޝަން މިނިސްޓަރު ޑރ. މުސްތޮފާ ލުތުފީ ދިފާއުކުރައްވައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުން ނެރެފައިވާ ބަޔާނުގައި، ޕްރެސް ސެކްރެޓަރީ ޒުހެއިރު ވިދާޅުވެފައި ވަނީ، ޑީއާރުޕީ އަކީ އެއްވެސް ތަޞައްވުރެއް، އަދި ހަރުދަނާ ކަމެއް ހުރި ޕާޓީއެއް ނޫން ކަމަށާއި ޑީއާރުޕީގެ ހަމައެކަނި އަމާޒަކީ ސަރުކާރުން ކުރާ ކޮންމެ ކަމަކާ އިދިކޮޅު ހެދުން ކަމަށެވެ. އަދި މިއީ ސަރުކާރުގެ މިނިސްޓަރުންގެ ތެރެއިން، ފަހަރަކު ބޭފުޅަކާ ދިމާކުރުމަށް ޑީއާރުޕީން ކުރާ މަސައްކަތުގެ ބައެއް ކަމަށާއި، އަދި މިފަހަރު މިކަންތައް ކާމިޔާބުވެއްޖެނަމަ ދެން ދިމާކުރާނީ އެހެން ވަޒީރުންނާ ކަމަށާއި މިއީ ސަރުކާރާއި ޤައުމު ހަލަބޮލިކަމުގެ ތެރެއަށް ވައްޓާލުމަށް ޑީއާރުޕީން ކުރާ މަސައްކަތެއް ކަމަށް ވެސް އެ ބަޔާނުގައި ޕްރެސް ސެކްރެޓަރީ ވަނީ ވިދާޅުވެފައެވެ. އަދި ވާދަވެރި ޑީއާރުޕީން ސަރުކާރާއި، ޤައުމުގެ ހަމަޖެހުން ނަގާލުމަށް މަސައްކަތްކުރާ ކަމަށް ވެސް ޒުހެއިރު ވަނީ ތުހުމަތު ކުރައްވައިފައެވެ. އަދި ޑީއާރުޕީގައި ވިސްނުންތެރި އަދި ޒިންމާދާރު ބައެއް ބޭފުޅުން ތިއްބެވިކަމުގައި ވިޔަސް، އެ ޕާޓީގެ މިހާރުގެ ލީޑަޝިޕުން ވަނީ އެ ބޭފުޅުން ބާކީކުރައްވާފައި ކަމަށާއި ޕާޓީގައި މިހާރު އެންމެ ނުފޫޒު ގަދަކޮށް މަސައްކަތް ކުރައްވަނީ ޕާޓީގައި ތިއްބެވި ހަރުކަށި ބޭފުޅުން ކަމަށްވެސް ޒުހެއިރު ވަނީ ވިދާޅުވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ