މިއީ ބޭރު މީޑިއާތަކުން ސިފަކުރާ ކަހަލަ ހައްދުފަހަނައެޅުމެއް ނޫން: އަބްދުﷲ
ގައުމީ ހަރަކާތަކީ ބޭރު ގައުމުތަކާއި މީޑިއާތަކުން ސިފަކުރާ ކަހަލަ ހައްދުފަހަނައެޅުމެއް ނޫން ކަމަށާއި ހައްދުފަހަނައަޅާފައި ވަނީ ގައުމަށްޓަކައި ކަމަށް މަދަނީ އިއްތިހާދުން މިއަދު ބުނެފި އެވެ. ރައްޔިތުންގެ ގައުމީ ހަރަކާތުގެ ނަމުގައި ކުރިއަށް ގެންދާ ހަރަކާތާ ބެހޭ ގޮތުން ނަލަހިޔާ ހޮޓަލްގައި ބޭއްވި ނިއުސް ކޮންފަރެންސްގައި މަދަނީ އިއްތިހާދުގެ ނައިބު ރައީސް އަދި ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަބްދުﷲ މުހައްމަދު ގޮވާލެއްވީ އެންމެ ފަރުދަކު ދައްކާ ވާހަކަތަކެއްގެ މައްޗަށް ބުރަވެ ގޮތް ނުނިންމުމަށެވެ. "އަޅުގަނޑުމެންގެ ހަރަކާތާ ބެހޭ ގޮތުން ބައެއް ބޭރުގެ ފަރާތްތަކުން ހައްދުފަހަނައަޅާފައި ގޮސް ތިބި ބައެއް ކަމަށް އެބަ ސިފަކުރައްވާ. އަދި ރާއްޖޭގެ ރައްޔިތުން މަޖިލީހުގެ މެންބަރުންނަށް ބިރު ދައްކާ ބައެއްގެ ގޮތުގައި ވެސް އެބަ ސިފަކުރައްވާ. އަޅުގަނޑު ދަންނަވާނީ އެއީ ވަރަށް ބޮޑު ކުށް މައުލޫމާތެކޭ. އަޅުގަނޑުމެން ގައުމަށްޓަކައޭ މިތިބީ ހައްދުފަހަނައަޅާފައި،" އަބްދުﷲ ވިދާޅުވި އެވެ. ޖީއެމްއާރާ ދެކޮޅަށް ހިންގާ ހަރަކާތް އިންޑިއާގެ މީޑިއާ އާއި އިންޑިއާ ސަރުކާރު އަދި އެމްޑީޕީން ބޮޑަށް ސިފަކުރަނީ ދީނީ ހައްދުފަހަނައެޅުމުގެ އަމަލެއްގެ ގޮތުގަ އެވެ. އަބްދުﷲ ވިދާޅުވީ ޖީއެމްއާރު އަތުން އެއާޕޯޓް ހޯދުމަށް ހިންގަމުން އަންނަ ގައުމީ ހަރަކާތް ހުއްޓާލާނީ އެކަން ކާމިޔާބުކޮށް ހުޅުލޭގައި ބޮނޑިބަތް ކައި އުފާފާޅުކުރުމަށް ފަހުގައި ކަމަށެވެ. އަބްދުﷲ ވިދާޅުވި ގޮތުގައި އެއާޕޯޓުން ފޭބުމަށް ޖީއެމްއާރަށް ސަރުކާރުން ދީފައިވާ މުއްދަތު ހުކުރު ދުވަހުގެ ރޭ ހަމަވާ އިރު ތަފާތު ގޮތްގޮތަށް ވާހަކަތައް ފެތުރެމުން ދިޔަ ނަމަވެސް ޖީއެމްއާރުން އެ މުއްދަތުގައި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް)އާ އެއާޕޯޓް ހަވާލުކުރާނެ ކަމުގެ ޔަގީންކަން އެބަ އޮތެވެ. އަދި ސަރުކާރުގެ ނިންމުން ބަދަލުކުރާނެ ކަމަށް ގަބޫލުނުކުރައްވާ ކަމަށް ވެސް ވިދާޅުވި އެވެ. ސަރުކާރުގެ ނިންމުން ބަދަލުކޮށްފި ނަމަ "ވާން ޖެހުނު ކޮންމެ ގުރުބާނީއެއް ވެސް ވާން ތައްޔާރަށް" ހުންނެވި ކަމަށް އޭނާ ވިދާޅުވި އެވެ. އަބްދުﷲ ވިދާޅުވީ ޖީއެމްއާރުން އެއާޕޯޓް ދޫކޮށް ނުލާނެ ކަމަށް ވާހަކަ ދެކެވުނަސް އެއާޕޯޓުން ފޭބުމަށް އެ ކުންފުނިން މަސައްކަތްކުރަމުން އަންނަކަމުގެ އަލާމާތްތައް ފެންނަ ކަމަށެވެ. އެގޮތުން ޑިއުޓީ ފްރީ ޝޮޕްތަކުގައި "ހުސްކުރާ ސޭލް" އަޅުވާފައިވާ އިރު ހައިމާކް ފަދަ ތަކެތި ބަންދުކޮށް ގެންދަން ތައްޔާރުވަމުން އަންނަ ކަމުގެ މައުލޫމާތު ލިބިވަޑައިގެންފައިވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. "މަޖިލީހުގެ މެންބަރުންގެ ފަހަތުން ދުވާނެ" ކަމަށް ގައުމީ ހަރަކާތުގައި އެންމެ އިސްކޮށް އުޅުއްވާ އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ކުރިން ވިދާޅުވެފައިވާ ވާހަކައަކަށް އިޝާރާތް ކުރައްވައި އަބްދުﷲ ވިދާޅުވީ މަޖިލީހުގެ މެންބަރުންނަށް އެއްވެސް ހާލެއްގައި ބިރު ނުދައްކާ ކަމަށެވެ. ނަމަވެސް ރައްޔިތުން އެދޭ ގޮތް ނޫން ގޮތަކަށް މަޖިލީހުގެ މެންބަރުން ކަންކުރައްވާ ނަމަ އެކަމާ ދެކޮޅަށް އަޑު އުފުލައި އިހުތިޖާޖުކުރުމުގެ ހައްގު ކޮންމެ ފަރާތަކަށް ވެސް ލިބިގެންވާ ކަމަށް ވިދާޅުވި އެވެ. ގައުމީ ހަރަކާތުގައި އުޅުއްވާ ޓޫރިޒަމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު މުހައްމަދު ޝަމީމް ވިދާޅުވީ އެއާޕޯޓް ދިވެހިންނަށް އަނބުރާ ލިބުން ފާހަގަކުރަމަށް ހުކުރު ދުވަހުގެ ރޭ ވަރުގަދަ އެއްވުމެއް އާޓިފިޝަލް ބީޗުގައި އޮންނާނެ ކަމަށެވެ. މާލެ އާއި ރަށްރަށުން ވީހާ ވެސް ގިނަ ބަޔަކު މި އެއްވުމުގައި ބައިވެރިވުން މުހިންމު ކަމަށް އޭނާ ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ