ލުތުފީ ހޯދުމަށް އެންމެ ގިނަ މަސައްކަތް ކުރި ވަޒީރަކީ އަޅުގަނޑު: އުމަރު

ހ. ހާޖަރާގޭ އަބްދުﷲ ލުތުފީ ހައްޔަރު ކުރުމަށް އެންމެ ގިނަ މަސައްކަތް ކުރި ވަޒީރަކީ އޭނާ ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެ އެވެ.
ލުތުފީގެ މައްސަލައިގައި، މިހާރުގެ ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ރައްޔިތުންގެ މަޖިލީހަށް މިއަދު ހާޒިރުކުރުމުން އޭނާ ވިދާޅުވީ، މިހާތަނަށް ލުތުފީ ރާއްޖެއަށް ގެނެވިފައި ނުވަނީ ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ހުއްދަ ނުދެއްވައިގެން ކަމަށް ވިދާޅުވެފަ އެވެ.
އިމްރާންގެ އެހެން ވިދާޅުވުމާ ގުޅިގެން އެޔަށް ރައްދުދެއްވައި، އުމަރު ވިދާޅުވީ މަޖިލީހުގައި އިމްރާން ހެއްދެވީ ކަނޑައެޅިގެން ދޮގުކަމަށެވެ. އަދި ލުތުފީ ގެނައުމަށް އެންމެ ގިނަ މަސައްކަތް ކުރެއްވީ އޭނާ ކަމަށް އުމަރު ވިދާޅުވިއެވެ. މީގެ ކުރިން އުމަރު ވަނީ އޭނާ ހޯމް މިނިސްޓަރު ކަމުގެ މަގާމުގައި ހުންނެވި އިރު ލުތުފީ ހޯއްދެވުމަށް ކުރެއްވި މަސައްކަތްތަކުގެ ލިސްޓެއް ވެސް އާންމުކުރައްވައިފަ އެވެ.
މިއަދުގެ މަޖިލިސް ޖަލްސާގައި މިނިސްޓަރު އިމްރާން ވިދާޅުވީ ލަންކާގެ ޑިފެންސް މިނިސްޓްރީ ފިޔަވައި އެހެން ތަންތަނުން ލުތުފީ ރާއްޖެއަށް ގެންނާން ބޭނުންވާ ހުއްދަތައް ލިބިވަޑައިގެންފައިވާ ކަމަށާއި ޑިފެންސުން ހުއްދަ ލިބުމުން ލަސްނުކޮށް އޭނާ ރާއްޖެ ގެންނާނެ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ