ޕީޕީއެމްގެ އެތެރޭގައި ހުރި މައްސަލަތަކަށް ހައްލެއް ހޯދުމަށް، ރައީސް އަބްދުﷲ ޔާމީން އާއި އެ ޕާޓީގެ ރައީސް، މައުމޫން އަބްދުލް ގައްޔޫމް އާއި ބައްދަލުކުރަން، ޕީޕީއެމްގެ ޕީޖީ ގްރޫޕުން ނިންމައިފިއެވެ.
ޕީޕީއެމް ޕީޖީ ގްރޫޕްގައި ހިމެނިވަޑައިގަންނަވާ މާފަންނު ދެކުނު ދާއިރާގެ މެމްބަރު، އަބްދުﷲ ރިފާއު މިއަދު ކުރެއްވި ޓްވީޓެއްގައި ވަނީ މިކަން ހާމަކޮށްފައެވެ. ނަމަވެސް މި ބައްދަލުވުންތަށް ބާއްވާނެ ދުވަހެއް ހާމަކޮށްފައެއް ނުވެއެވެ.
ރައީސް ޔާމީން އަދި ރައީސް މައުމޫންއަށް ތާއީދުކުރާ ފަރާތްތަކާއި ދެމެދު ހިޔާލު ތަފާތުވުންތަކެއް އުފެދިފައިވާއިރު، ޕީޕީއެމްގެ އެތެރޭގައި ހުރި މައްސަލަތަށް ހައްލުނުކޮށް، ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބު ކާމިޔާބުކުރަން ދަތިވާނެ ކަމަށް، ރައީސް ޔާމީން ދާދިފަހުން ވަނީ ވިދާޅުވެފައެވެ.
ޕީޕީއެމްގެ ކައުންސިލް ބައްދަލުވުމެއް ވެސް ނުބާއްވާތާ ގިނަ ދުވަސްތަކެއް މިހާރު ވެފައިވާއިރު، ރައީސް މައުމޫން ވަނީ ކައުންސިލް ބައްދަލުވުމެއް ދެން ބޭއްވޭނީ، އެމަނިކުފާނާއި ދެކޮޅަށް ދައުވާކުރެއްވި އެ ޕާޓީގެ ކައުންސިލް މެމްބަރުން މައާފަށް އެދިވަޑައިގަތުމުން ކަމަށް، ވިދާޅުވެފައެވެ.
ރައީސް މައުމޫން އާއި ދެކޮޅަށް، ސިވިލް ކޯޓަށް މައްސަލަ ހުށައަޅާފައިވަނީ ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދާއި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް އަދި ދާންދޫ ދާއިރާގެ މެންބަރު އަހުމަދު އައްސަދު އެވެ. އެ މެންބަރުން ދައުވާ ކޮށްފައިވަނީ ކައުންސިލް ބައްދަލް ވުމެއް ނުބާއްވާތީ އާއި، ޕާޓީގެ ގޮފިތައް މައުމޫން ހައިޖެކްޓް ކޮށްފައިވާ ކަމަށް ބުނެއެވެ.
އެ މެމްބަރުން މައާފަށް ނޭދެނީސް ކައުންސިލް ބައްދަލުވުމެއް ނުބޭއްވޭނެ ކަމަށް، ރައީސް މައުމޫން ވިދާޅުވެފައިވާއިރު، ސިޔާސީ ޕާޓީތަކުގެ މަޝްވަރާގައި ބައިވެރިވެ ވަޑައިގަންނަވާ ފަރާތްތަށް، އެ ޕާޓީއެއްގެ ކައުންސިލް ނިންމުމަށް ރައީސް އޮފީހުން ވަނީ އަންގާފައެވެ.
ޕީޕީއެމްގެ ފަރާތުން ޕާޓީތަކުގައި މަޝްވަރާގައި ބައިވެރިވެ ވަޑައިގަންނަވާނީ، ދިއްގަރު ދާއިރާގެ މެމްބަރު އަދި މައުމޫންގެ ދަރިކަލުން ފާރިޝް މައުމޫން އާއި ތުލުސްދޫ ދާއިރާގެ މެމްބަރު އިބްރާހިމް ވަހީދުކަމަށް، އެ ޕާޓީން ވަނީ ނިންމާފައެވެ.
ޕީޕީއެމް ޕީޖީ ގްރޫޕުން ރައީސް ޔާމީން އަދި މައުމޫން އާއި ބައްދަލުކުރައްވަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ