ދައުވާ ކުރެއްވި މެމްބަރުން މައާފަށް ނޭދެނީސް ކައުންސިލް ބައްދަލުވުމެއް ނުބޭއްވޭނެ - މައުމޫން

ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމް އާއި ދެކޮޅަށް، ދައުވާކުރެއްވި އެ ޕާޓީގެ ކައުންސިލް މެމްބަރުން މައާފަށް ނޭދެނީސް، ޕީޕީއެމްގެ ކައުންސިލް ބައްދަލުވުމެއް ނުބާއްވާނެ ކަމަށް، ރައީސް މައުމޫން ވިދާޅުވެއްޖެއެވެ.
ޕީޕީއެމްގެ ވައިބާ ގްރޫޕަށް ރައީސް މައުމޫން ފޮނުއްވި މެސެޖެއްގައި ވިދާޅުވީ، ޖުލައި މަހުގެ 19 ވަނަ ދުވަހު ބޭއްވި ކައުންސިލް ބައްދަލުވުމުގައި، ޕާޓިގެ ރައީސްއާ ދެކޮޅަށް، "ބަޣާވާތް" ކުރައްވައި ކައުންސިލްގެ ބައްދަލުވުމުން ނިކުމެ ވަޑައިގެން، އެ ޖަލްސާގެ ކޯރަމް ގެއްލުވާލުމަށްފަހު، ޕާޓީގެ ރައީސް ގޮވައިގެން ކޯޓަށް ވަޑައިގެން އަދި ޕާޓީގެ ރައީސްގެ އަގު ވެއްޓޭގޮތަށް މީޑީޔާގައި ދެއްކެއްވި ވާހަކަތަކަށް، މައާފަށް އެދިވަޑައިގަތުމުން ނޫނީ ކައުންސިލް ބައްދަލުވުން ނުބޭއްވޭނެ ކަމަށެވެ.
ރައީސް މައުމޫން އާއި ދެކޮޅަށް، ސިވިލް ކޯޓަށް މައްސަލަ ހުށައަޅާފައިވަނީ ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދާއި ނައިފަރު ދާއިރާގެ މެންބަރު އަހުމަދު ޝިޔާމް އަދި ދާންދޫ ދާއިރާގެ މެންބަރު އަހުމަދު އައްސަދު އެވެ. އެ މެންބަރުން ދައުވާ ކޮށްފައިވަނީ ކައުންސިލް ބައްދަލް ވުމެއް ނުބާއްވާތީ އާއި، ޕާޓީގެ ގޮފިތައް މައުމޫން ހައިޖެކްޓް ކޮށްފައިވާ ކަމަށް ބުނެއެވެ.
އެ މެމްބަރުން މައާފަށް ނޭދެނީސް ކައުންސިލް ބައްދަލުވުމެއް ނުބޭއްވޭނެ ކަމަށް، ރައީސް މައުމޫން ވިދާޅުވެފައިވާއިރު، ސިޔާސީ ޕާޓީތަކުގެ މަޝްވަރާގައި ބައިވެރިވެ ވަޑައިގަންނަވާ ފަރާތްތަށް، އެ ޕާޓީއެއްގެ ކައުންސިލް ނިންމުމަށް ރައީސް އޮފީހުން ވަނީ އަންގާފައެވެ.
ޕީޕީއެމްގެ ފަރާތުން ޕާޓީތަކުގައި މަޝްވަރާގައި ބައިވެރިވެ ވަޑައިގަންނަވާނީ، ދިއްގަރު ދާއިރާގެ މެމްބަރު އަދި މައުމޫންގެ ދަރިކަލުން ފާރިޝް މައުމޫން އާއި ތުލުސްދޫ ދާއިރާގެ މެމްބަރު އިބްރާހިމް ވަހީދުކަމަށް، އެ ޕާޓީން ވަނީ ނިންމާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ