ރާއްޖޭގެ މޫސުން ކުރިއަށް އޮތް ގަޑިތަކުގައި ރަނގަޅުވާނެ: މެޓު

ރާއްޖޭގެ ދެކުނުގެ މޫސުން ކުރިއަށް އޮތް ގަޑިތަކުގައި ރަނގަޅުވާނެ ކަމަށް މޫސުމާބެހޭ ޤައުމީ އިދާރާއިން ވިދާޅުވެއްޖެއެވެ.
ރާއްޖޭގެ ދެކުނަށް މ.އަތޮޅުން ފެށިގެން އައްޑޫ ސިޓީއާއި ދެމެދު ނެރެފައިވާ ވައިޓް އެލަރޓްވެސް މިރޭ 8 ޖެހުމާއެކުވަނީ އުވާލާފައެވެ. ޕީއެސްއެމް ނިއުސްއަށް މަޢުލޫމާތު ދެއްވަމުން މެޓު އޮފީހުން ވިދާޅުވީ ދެކުނުގެ މޫސުން މިހާރު ރަނގަޅުކަމަށެވެ. އެގޮތުން ވައިވެސް މަޑުވެފައިވާކަން އެއިދާރާއިން ފާހަގަކުރައްވައެވެ. އެހެންނަމަވެސް މިހަފްތާއަކީ ރާއްޖޭގެ ހުރިހާ ހިސާބަކަށްވެސް ޢާއްމުގޮތެއްގައި މޫސުން ގޯސްދުވަސް ވަރެއްކަމަށާއި ބައެއް ސަރަޙައްދުތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭވެހޭނެ ކަމަށް ލަފާކޮށްފައިވާއިރު ބައެއް ސަރަޙައްދުތަކަށް ކެރީގެ އަސަރުކުރާނެ ކަމަށްވެސް މެޓު އޮފީހުންވަނީ ލަފާކޮށްފައެވެ.
ކަނޑު ގަދަވުމާއި ގުޅިގެން ކަނޑުމަތީގެ ޙާދިސާއެއް މިއަދުވަނީ ހިނގާފައެވެ. އެމްއެންޑީއެފް އިން ވިދާޅުވީ ގއ. ސަރަޙައްދުން ހިނގި މިޙާދިސާގައި އަލްމާ ބޯޓު ނަމަކަށް ކިޔާ ބޯޓެއް ދިޔަވާކަމުގެ މަޢުލޫމާތު ލިބިފައިވާކަމަށެވެ. މިބޯޓު އޮތް ސަރަޙައްދަށް މިވަގުތު އެމްއެންޑީއެފްގެ ކޯސްޓް ގާޑެއް ދަތުރުކުރަމުން އަންނަ ކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ. އަދި އެންމެ ފަހުން ކޯސްޓްގާޑާ އެބޯޓާ ދެމެދު ގުޅުނީ ހަވީރުކަމަށާއި އޭރު ކަނޑު ގަދަވެގެން ބޯޓު ނުދުއްވޭކަމުގެ މަޢުލޫމާތު ލިބިފައިވާކަމަށާއި އަދި ގއ.އަތޮޅަށް ވަންނަކަމުގެ މަޢުލޫމާތު ލިބިފައިވާކަމަށް އެމްއެންޑީއެފުން ވިދާޅުވެއެވެ. މީގެ ފަހުގެ މަޢުލޫމާތެއް އަދި އެމްއެންޑީއެފަށް ނުލިބޭތީ ބޯޓުގެ އެންމެ ފަހުގެ ޙާލަތު ނޭނގޭކަމަށް އެމްއެންޑީއެފުންވަނީ ވިދާޅުވެފައެވެ.
މެޓު އޮފީހުން ވިދާޅުވީ ރާއްޖޭގެ ހުރިހާ ހިސާބަކަށްވެސް ޢާއްމުގޮތެއްގައި ވައިޖެހޭނެކަމަށް ބެލެވެނީ ހުޅަނގާއި ހުޅަނގުއުތުރުން ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރު މިނުގައި ކަމަށެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލަށް ވައިގަދަވުން އެކަށީގެންވާކަމަށް އެއިދާރާއިން ލަފާކުރައްވައެވެ. ރާއްޖޭގެ ކަނޑުތައްވެސް އާދައިގެ ވަރަކަށް މަޑުވީނަމަވެސް ވިލާގަނޑުގައި ގަދަވާނެކަމަށް މެޓު އޮފީހުން ވިދާޅުވެއެވެ. މިދުވަސްވަރު ރާއްޖޭގެ މޫސުން ގޯސްކޮށް އުޅޭތީ ކަނޑު ދަތުރުކުރުމުގައި ސަމާލުވުމަށް ކަމާބެހޭ އިދާރާތަކުން ގެންދަވަނީ އިލްތިމާސްކުރައްވަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ