ކައުންސިިލްތަކުގެ ހިންގުން މިޒަމާނުގެ ގޮތަށް ބަދަލުކުރަންޖެހޭ: އުމަރު

އަތޮޅު ކައުންސިލްތަކާއި ރަށު ކައުންސިލްތައް ހައިބްރިޑް މޮޑެލްއަށް ބަދަލުކުރާއިރު، އެތަންތާގެ މުވައްޒަފުން މަދުވެ، ބައެއް ފަރާތްތަކުގެ ވަޒީފާ ގެއްލިދާނެ ކަމުގެ ކަންބޮޑުވުން ހުއްޓަސް މިޒަމާނުގެ ގޮތަށް ކައުންސިލްތަކުގެ ހިންގުން ބައްޓަން ކުރުމަށް އެލްޖީއޭގެ ރައީސް އަދި ހޯމް މިނިސްޓަރު އުމަރު ނަސީރު ގޮވާލައްވައިފި އެވެ.
ކަމާއި ގުޅުން ހުރި ދާއިރާތަކުގެ ބޭފުޅުންނަށް އެލްޖީއޭގެ ރައީސް އުމަރު ނަސީރު މިކަމަށް ގޮވާލެއްވީ، އަތޮޅު ކައުންސިލާއި ރަށު ކައުންސިލްތަކުގެ އިދާރީ އޮނިގަނޑާއި ވަޒީފާގެ އޮނިގަނޑު، ހައިބްރިޑް މޮޑެލްއަށް ބަދަލުކުރުމުގެ މަޝްވަރާ ބައްދަލުވުން ޝަރަފްވެރިކޮށްދެއްވައި ދެއްކެވި ވާހަކަފުޅުގަ އެވެ.
މިނިސްޓަރު އުމަރު ވިދާޅުވީ ހައިބްރިޑް މޮޑެލަކީ، މަދު މުވައްޒަފުން ބޭނުންކޮށްގެން ގިނަ މަސައްކަތް ކުރެވޭނެ މޮޑެލެއް ކަމަށާއި، އެމޮޑެލްގައި އައުޓް ސޯސްކޮށް ކަންކަން ކުރެވޭނެ ކަމަށެވެ.
މިނިސްޓަރ އުމަރު އިތުރަށް ވިދާޅުވީ، ހައިބްރިޑް މޮޑެލް ތައާރަފްކޮށް މަލްޓިޓާސްކް މުވައްޒަފުން ބޭތިއްބުމުގެ ވާހަކަ ދައްކާއިރު، ރަށްރަށުގައި ކަތީބުން ތިބި ދުވަސް ވަރުވެސް ކަންކަން ހުރީ އެކަހަލަ ގޮތަކަށް ކަމަށެވެ. އެގޮތުން ކަތީބުންނަކީ އޭރު ރަށްރަށުގައި ހުރިހާކަމެއް ކުރާ ފަރާތްތަކެއް ކަން މިނިސްތަރު ފާހަގަކުރެއްވި އެވެ.
"މިހާތަނަށް ކޮންމެ ސަރުކާރެއްގެވެސް ވިސްނުން ހުރީ ރަށްރަށުގައި ވީހާވެސް ގިނަ ވަޒީފާތަކެއް އުފެއްދުމަށް. އެގޮތުން ރަށްރަށުގައި ވަޒީފާގެ ފުރުސަތެއް ލިބެން އޮންނަ ތަނަކީ ސަރުކާރުގެ މުއައްސަސާތައް ކަމުގައި ވުމުން އެތަންތަނަށް މުވައްޒަފުން އިތުރު ކުރެވިފައި ވާނީ،" އުމަރު ވިދާޅުވި އެވެ.
ދުނިޔޭގެ ޓެކްނޮލޮޖީ ކުރިއަރާފައިވާ މިންވަރަށް ބަލާއިރު، ވަޒީފާ އަދާކުރާ މީހާ އިންނާނެ އޮފީހަކާއި މޭޒެއް ބޭނުން ނުވާ މިންވަރަށް ޓެކްނޮލޮޖީ ކުރިއަރާފައިވާ ކަމަށާއި އެހެންކަމުން ޓެކްނޮލޮޖީގައި ބާރަށް ހިފައި ކުރިޔަށް ދާނަމަ، ކުރެވޭ މަސައްކަތް އިތުރުވެ ދެވޭ ހިދުމަތްތައް ހަލުވި ވެގެން ދާނެ ކަމުގައިވެސް މިނިސްޓަރު އުމަރު ވިދާޅުވި އެވެ.
ރަށު ކައުންސިލްތަކާއި އަތޮޅު ކައުންސިލްތައް ހައިބްރިޑް މޮޑެލްއަށް ބަދަލު ކުރާއިރު، އެކަމުގެ ސަބަބުން ގިނަ ފައިދާތަކެއް ކުރާނެ ކަމުގައި ސިވިލްސާވިސް ކޮމިޝަނުންވެސް ވަނީ ފާހަގަކޮށްފަ އެވެ. އެގޮތުން 2016 ވަނަ އަހަރު މިމޮޑެލް ތަންފީޒް ކުރާނެ ކަމުގައި އެކޮމިޝަނުން ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ