ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ކަމެއް ނިންމުން ބަލައެއްނުގަނެވޭ: މައުމޫން

އެއްވެސް ބަޔަކު ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ކަމެއް ނިންމުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް ކުރީގެ ރައީސް، މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެ އެވެ. މައުމޫން މިފަދައިން ވިދާޅުވެފައި ވާއިރު، ރައްޔިތުންގެ މަޖިލީހުން އިއްޔެ ވަނީ، މެމްބަރުންގެ އަނބިން/ފިރިން އަދި 18 އަހަރު ނުވާ ކުދިންގެ މާލީ ބަޔާން ހުށަހަޅަން ޖެހުނު ނަމަވެސް، އެ ބަޔާންތައް އާންމު ނުކުރާ ގޮތަށް މަޖިލީހުގެ ގަވާއިދު އިސްލާހުކޮށްފައެވެ. އެގޮތަށް ގަވާއިދު އިސްލާހުކުރަން ހުށަހެޅުއްވީ މަޖިލިސް ރައީސް، ރައީސް މުހައްމަދު ނަޝީދެވެ. އެ އިސްލާހަކީ ކޮރަޕްޝަނަށް ހުޅުވޭ އިތުރު ދޮރެއް ކަމަށް ބުނެ ގިނަ ބަޔަކު އަންނަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެ އިސްލާހު އިއްޔެ މަޖިލީހުގެ ތަޅުމުން ފާސްކުރީ 62 މެމްބަރުންގެ ވޯޓުންނެވެ. ރައީސް މައުމޫން މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އެއްވެސް ބަޔަކު ކޮރަޕްޝަނަށް މަގުފަހިވާ ގޮތަށް ކަމެއް ނިންމުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި އެއީ ސަރުކާރުގެ ޒީރޯ ޓޮލަރެންސް ސިޔާސަތާ ކަނޑައެޅިގެން ހިލާފު ކަމެއް ކަމަށެވެ. https://twitter.com/maumoonagayoom/status/1278561390496628736 މަޖިލީހުގެ ގަވާއިދުގައި ކުރިން ބުނެފައި ވަނީ މެމްބަރުންގެ އަނބިން/ފިރިން އަދި 18 އަހަރު ނުވާ ކުދިންގެ މާލީ ބަޔާން ހުށަހަޅައި މަޖިލީހުގެ ވެބްސައިޓުގައި ޝާއިއުކުރަން ވާނެ ކަމަށެވެ. އަދި އެމްޑީޕީން ރައްޔިތުންގެ މަޖިލީހުގެ ކެމްޕޭނަށް ބޭނުންކުރި އެޖެންޑާ19 ގައި ވެސް ބުނެފައި ވަނީ މަޖިލިސް މެމްބަރުން ކޮންމެ އަހަރަކު އެއް ފަހަރު ދެމަފިރިންނާއި 18 އަހަރު ނުފުރޭ ދަރިންގެ މާލީ ބަޔާން ތައްޔާރުކުރެވި، އޮޑިޓްކުރެވި، އޮޑިޓަ ޖެނެރަލަށް ހުށަހަޅައި މަޖިލިސް ވެބްސައިޓުގައި އާންމުކުރާނެ ކަމަށެވެ. މަޖިލީހުގެ އާންމު ކޮމެޓީގެ ރިޕޯޓުގައި ބުނެފައި ވަނީ، އެ އިސްލާހުތަކަށް ކޮމެންޓްކުރުމަށް އެދި މަޖިލީހުގެ އިދާރާއިން އެންޓި-ކޮރަޕްޝަން ކޮމިޝަނާއި، އޮޑިޓާ ޖެނެރަލްގެ އޮފީހާއި، ޓްރާންސްޕޭރެންސީ މޯލްޑިވްސް އަށް ފޮނުވި ކަމަށެވެ. އަދި އިސްލާހުގެނައުމުގައި އެފަރާތްތަކުން ދިން ކޮމެންޓަށް ރިއާޔަތްކޮށްފައިވާނެ ކަމަށެވެ. އޭސީސީން ބުނެފައި ވަނީ މާލީ ބަޔާން ހުށަހަޅާ ފަރާތްތަކުގެ ޒާތީ އަދި ޝަޚްސީ މައުލޫމާތު ނުހިމަނައި، އެ ބަޔާންތައް އާންމުކުރުމަކީ، ހުށަހަޅާ ފަރާތުގެ ނަޒާހަތްތެރިކަން ރައްޔިތުންނަށް ޔަގީންކޮށްދީ، އެ ފަރާތްތަކުގެ ނަޒޭހަތްތެރިކަމާމެދު އުފައްދާ ސުވާލުތަކާމެދު ޖަވާބުދާރީވުމުގެ ގޮތުން ކޮންމެހެން ކުރަން ޖެހޭ ކަމެއް ކަމަށެވެ. ނަމަވެސް 18 އަހަރު ނުފުރޭ ދަރިންގެ މާލީ ބަޔާން ހުށަހަޅަން ޖެހޭ ގޮތަށް އޮތް ނަމަވެސް، އެ މައުުލޫމާތުތައް އާންމުކުރުމަކީ އެކަމުގެ ސަބަބުން، ފައިދާއަށްވުރެ އޭގެ ގެއްލުން ބޮޑުވެދާނެ ކަންތައްތަކެއް ހިނގުމުގެ އިހުތިމާލު ބޮޑު ކަމެއް ކަމަށް ކޮމިޝަނަށް ފާހަގަކުރެވޭ ކަމަށެވެ. ޓްރާންސްޕޭރެންސީ މޯލްޑިވްސް އިން ބުނެފައި ވަނީ އަނބިން/ފިރިން އަދި 18 އަހަރު ނުފުރޭ ދަރިންގެ މާލީ ބަޔާން އުނިކުރުމަށްފަހު ޝާއިއު ކުރާނީ، ހުރިހާ މައުލޫމާތެއްވެސް މިނިވަންކޮށް ޔަގީންކުރެވޭނޭ އުސޫލެއް ގާއިމުކޮށް އަމަލުކުރެވެން ފެށުމުން ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ