ކޮރަޕްޝަންގެ ތެރެއިން އެކި ފަރާތްތަކުން ހޯދާފައިވާ ވަރަށް ގިނަ ފައިސާ އިންވެސްޓްކޮށްފައި ވަނީ ހުޅުމާލޭން ބިންތަކާއި އެޕާޓްމަންޓްތައް ގަތުމަށް ކަމަށް މަޖިލީހުގެ ނައިބު ރައީސް އަހުމަދު ނާޒިމް މިއަދު ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - މިއަދު ބޭއްވި މާލިއްޔަތު ކޮމިޓީގެ ބައްދަލުވުމުގައި ކޯޕަރޭޓިވް ސޮސައިޓީތަކުގެ ތެރެއިން ހިންގާ ކޮރަޕްޝަންގެ އެކި މުއާމަލާތްތަކާ މެެދު މެންބަރުން ވަނީ ކަންބޮޑުވުން ފާޅުކުރައްވައިފަ އެވެ. އެގޮތަށް ހިންގާ މުއާމަލާތްތަކުގެ ތެރެއިން ހޯދާ ފައިސާ އާއި މުދާ ހޯދައި އެކަން ކުރި ފަރާތްތަކާ މެދު ފިޔަވަޅު އެޅުމުގެ މުހިންމުކަން މެންބަރުން ފާހަގަ ކުރެއްވި އެވެ.
ތަފްސީލް - އެކަމާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން މެންބަރު ނާޒިމް ވަނީ ދެ މައްސަލައެއް ފެންމަތި ކުރައްވައިފަ އެވެ. ނާޒިމް ވިދާޅުވި ގޮތުގައި، ކޮރަޕްޝަންގެ ފައިސާއިން ހުޅުމާލެއިން ބިންތަކާއި ފްލެޓްތައް ގަނެފައިވާކަން ސާބިތު ކުރެވޭ ވަރަށް ހެކި ފެންނަން އެބަހުރި ކަމަށެވެ.
އޭނާ ވިދާޅުވީ:
ޕޮލްކޯއިން ކުރިއަށް ގެންދިޔަ ފުލުހުންގެ ފްލެޓްތައް އެޅުމުގެ މަޝްރޫއުގައި ހިމެނޭ ކުންފުންޏަކަށް ފައިސާ ޖަމާވުމުން އެ ކުންފުނީގެ ޑިރެކްޓަރަކު ވަނީ ހަމަ އެ ފައިސާއިން ހުޅުމާލެއިން 15 މިލިއަން ރުފިޔާއަށް ބިމެއް ގަނެފައި؛ އެ ބިން ޓެކްސްއަށް މަކަރު ހަދަން ގަތް އަގަށް ވުރެ ކުޑަކޮށް 12 މިލިއަން ރުފިޔާއަށް ވިއްކާލި
ރެނާޓަސްއަށް ހުޅުމާލެއިން ފްލެޓްތަކެއް އަޅަން ކޮންޓްރެކްޓް ދިންއިރު ސަރުކާރުގެ އިސް މަގާމުތަކުގައި ތިބި މީހުންނަށް އެތަނުން އެޕާޓްމަންޓްތަކާއި ޕެންތް ހައުސްތައް ދީފައިހުރި ކަމުގެ ހެކި އެބަހުރި
"ނުހައްގުން ހޯދާ ހުރިހާ ފައިސާއެއް މިހިރީ ހުޅުމާލޭގެ، ބިންތަކާއި އެޕާޓްމަންޓުތަކަށް އިންވެސްްޓްކޮށްފައި. އަނެއްކާ އެ ފައިސާ މިހުންނަނީ ފަށަލަކޮށްފައި އެސެޓްތަކަށް ބަދަލުކޮށްފައި. އެ އެއްޗިހި ގަނެ ވިއްކައި ފައިދާ މި ހޯދަނީ. އެކަންކަމުގެ ފަހަތުން ގޮސް އެތަކެތި ދައުލަތަށް އެބަ ހޯދަން ޖެހޭ،" ނާޒިމް ވިދާޅުވި އެވެ.
ނާޒިމް ވިދާޅުވީ އެތަކެތި ދައުލަތަށް އަނބުރާ ހޯދޭނީ އެސެޓް ރިކަވަރީ ގާނޫނެއް ވުޖޫދުކޮށްގެން ކަމަށެވެ. ނަމަވެސް އެފަދަ ގާނޫނެއް މާލިއްޔަތު ކޮމިޓީއަށް އަމިއްލައަށް ހުށަނޭޅޭނޭކަން ފާހަގަކުރައްވައި ނާޒިމް ވިދާޅުވީ އެންޓި-ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން މިހާރު އެކުލަވާލާފައިވާ އެ ބިލް މި މަހުގެ ކުރިން ރައްޔިތުންގެ މަޖިލީހަށް ފޮނުވައިދޭން ބަންޑާރަ ނައިބުގެ އޮފީހުގައި އެދިފައިވާނޭ ކަމަށެވެ.
"މާލިއްޔަތާ ގުޅޭ ވަރަށް ގިނަ ކަންކަން ހިމެނޭ ކަންކަން ބިލްގައި ހިމެނޭތީ ސަރުކާރުން އެ ބިލް ހުށަހަޅުއްވަން ޖެހޭނީ... އެހެން ވީމާ އޭޖީގައި ދަންނަވައިފިން މި މަސް ނިމުމުގެ ކުރިން އެ ބިލް ފޮނުއްވައި ދެއްވާށޭ. އޭރުން މޭ މަހު މަޖިލިސް ޗުއްޓީއަށް ދިޔުމުގެ ކުރިން އެ މަސައްކަތް ނިންމާލެވޭނީ،" ނާޒިމް ވިދާޅުވި އެވެ.
އޭނާ މިއަދު ވަނީ ކޮރަޕްޝަންގެ މުއާމަލާތްތައް ހިމެނޭ ބައެއް ކަންކަމުގައި ފިޔަވަޅުތައް އަޅަން ކޮމިޓީން އެދުމުން އެކަށީގެންވާ އެއްބާރުލުން ނުލިބޭތީ އެކަމާ ވެސް ކަންބޮޑުވުން ފާޅުކުރައްވައިފި އެވެ. ނާޒިމް ފާހަގަކުރެއްވި ގޮތުގައި:
އާސަންދައިގެ އޮފީސް އިމާރާތް އަޅަން ކުރީ ސަރުކާރުގައި ކުންފުންޏަކާ ހަވާލުކުރި މައްސަލަ ބަލަން ފުލުހުންނަށް އެންގި ނަމަވެސް ތަހުގީގު އެކަށީގެންވާ ގޮތުގައި ކުރިއަކަށް ނުދޭ
އެ އެއްބަސްވުން ނިމުމަކަށް ގެންނަން އެދުނު ނަމަވެސް، އާސަންދަ ކުންފުންޏާ ހަމައިގައި އެކަން ވެސް ވަނީ ހުއްޓިފައި
"މީގައި ވަރަށް ގިނަ މުއައްސަސާތަކާ ހަމައިން ކަންކަން އެބަހުރޭ ހުއްޓިފައި. އެންމެ އެދެވޭ ސްޕީޑްގައި މިކަންކަން ދާނީ ހުރިހާ މުއައްސަސާތަކެއްގެ އެއްބާރުލުން ލިބިގެން،" ނާޒިމް ވިދާޅުވި އެވެ.
ކޮރަޕްޝަންގެ ގިނަ ފައިސާ އިންވެސްޓްކޮށްފައި ވަނީ ހުޅުމާލޭ ބިންތަކާއި އެޕާޓްމަންޓްތަކަށް: ނާޒިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ