މި ފަހަރު ޖޯން ސީނާއަށް ރައްކާތެރިކަން ހޯދައިދެނީ ޕްރިޔަންކާ
އިންޑިއާގެ ބަތަލާ ޕްރިޔަންކާ ޗޯޕްރާ މުހިއްމު ރޯލަކުން ފެންނަ ހޮލީވުޑް ފިލްމު "ހެޑް އޮފް ސްޓޭޓް"ގެ ޓްރެއިލާ ދައްކާލާއިފިއެވެ. މި ފިލްމަކީ ހޮލީވުޑްގެ މަޝްހޫރު ޑައިރެކްޓަރު އިލިއާ ނައިޝްލާ ޑައިރެކްޓްކޮށްފައިވާ އެކްޝަން ކޮމެޑީ ޑްރާމާއެކެވެ. ޕްރިޔަންކާގެ އިތުރުން "ހެޑް އޮފް ސްޓޭޓް"ގެ ކާސްޓުންގެ ތެރޭ ހޮލީވުޑްގެ ތަރިން ކަމަށްވާ ކްލެއާ ފޯސްޓާ، ޖެކް ކްއައިޑް، ޕެޑީ ކޮންސިޑީން، ޖޯން ސީނާ އަދި އިދްރިސް އެލްބާ ހިމެނެއެވެ. ޕްރިޔަންކާ މި ފިލްމުގައި ފެންނާނީ އެމް16 ކިޔާ އެޖެންޓެއްގެ ރޯލުންނެވެ. މި ފިލްމުގައި ޕްރިޔަންކާ ކުޅެފައިވާ ރޯލް ބިނާވެފައިވަނީ އެމެރިކާގެ ރައީސްގެ ރޯލުން ފެންނަ އެކްޓަރު ޖޯން ސީނާއާއި އިނގިރޭސިވިލާތުގެ ބޮޑުވަޒީރުގެ ރޯލް ކުޅޭ އިދްރިސް އެލްބާއަށް ރައްކާތެރިކަން ހޯދައިދިނުމަށެވެ. މި ފިލްމަކީ ޖޯން ސީނާއާއި އިދްރިސް އެލްބާ 2021ގައި ކުޅުނު ފިލްމު "ދަ ސުއިސައިޑް ސުކޯޑް"އަށް ފަހު ދެ އެކްޓަރުން އެކީގައި މަސައްކަތްކުރާ ފުރަތަމަ ފިލްމެވެ. އެމޭޒަން ޕްރައިމްގައި ޕްރީމިއާކުރާ މި ފިލްމު ރިލީޒްކުރަން ހަމަޖެހިފައިވަނީ، އިނގިރޭސި، ހިންދީ، ތެލުގޫ،ތަމަޅަ، ކަންނާޑާ އަދި މަޅަޔާލަމް ބަހުންނެވެ. މި އަހަރުގެ ޖުލައި މަހުގެ ދެވަނަ ދުވަހު ރިލީޒްކުރާ މި ފިލްމު އިންޑިއާގައި ވާހަކަދައްކާ އުޅޭ ގިނަ ބަހުރުވަތަކުން ރިލީޒްކުރުމަކީ ފިލްމު ބަލަން ބޭނުންވާ ގިނަ ބަޔަކަށް އެ ފުރުސަތު ލިބޭނެ ކަމެކެވެ. ތެލުގޫ އެކްޓަރު މަހޭޝް ބާބޫ، ބޮލީވުޑް ބަތަލާ ޕްރިޔަންކާ ޗޯޕްޅާ އަދި ޑައިރެކްޓަރު އެސްއެސް ރާޖާ މޮލީ--ފޮޓޯ/ޓެލެގްރާފްއިންޑިއާ ކައިވެންޏަށްފަހު އެމެރިކާގެ ލޮސް އެންޖެލިސްއަށް ދިރިއުޅުން ބަދަލުކޮށްފައިވާ އިންޑިއާގެ ބަތަލާ ވަރަށް އަވަހަށް އިންޑިއާގެ ފިލްމަކުން ފެންނާނެ ކަމަށް ވަނީ ބުނެފައެވެ. ސައުތު ސިނަމާގެ އެންމެ ނުފޫޒުގަދަ ޑައިރެކްޓަރު އެސްއެސް ރާޖާމޮލީއާ އެކު ޕްރިޔަންކާ މަސައްކަތް ފަށާފައިވާ ފިލްމުގެ ނަމަކީ "SSMB29"އެވެ. ޕްރިޔަންކާއާ އެކު މި ފިލްމުން ފެންނާނީ ކުޅަދާނަ ތެލުގޫ އެކްޓަރު މަހޭޝް ބާބޫއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ