ބޯކޮށް ވާރޭވެހި، ރޮހިންޖާ ރެފިއުޖީންގެ 1400 އަށްވުރެ ގިނަ ގެ ހަލާކުވެއްޖެ

ބަންގްލަދޭޝްގެ އިރުދެކުނު އައްސޭރިފަށުގައިވާ ކޮކްސް ބާޒާރަށް ބޯކޮށް މޫސުމީ ވާރޭވެހުމުގެ ސަބަބުން ރޮހިންޖާ ރެފިއުޖީންގެ 1,400 އަށްވުރެ ގިނަ ގެއަށް ގެއްލުންވެ މީހުންނަށް ދިރިނޫޅެވޭ ވަރަށް ހަލާކުވެއްޖެއެވެ.
އދ. ގެ ރެފިއުޖީންނާ ބެހޭ އިދާރާ، ޔޫއެންއެޗްސީއާރުން ހޯމަ ދުވަހު ބުނި ގޮތުގައި، އެންމެ ދެ ދުވަހުގެ ތެރޭގައި 33 ރެފިއުޖީ ކޭމްޕެއްގައި 53 ފަހަރު ބިންގަނޑު ކަނޑައިގެން ދިއުމުގެ ހާދިސާ ރިޕޯޓްކޮށްފައިވެއެވެ. މި ހާދިސާތަކުގައި ފާރެއް ވެއްޓި އެއް ރެފިއުޖީއަކު މަރުވެފައިވާއިރު، ވިދާގުރުމުގެ ސަބަބުން 11 މީހަކަށް އަނިޔާވެފައިވާ ކަމަށްވެސް ރިޕޯޓްކޮށްފައިވެއެވެ.
ޔޫއެންއެޗްސީއާރުން އިތުރަށް ބުނީ، “ބޯކޮށް ވާރޭވެހުމުގެ މި ހާދިސާގެ ސަބަބުން ރޮހިންޖާ ރެފިއުޖީންގެ ނާޒުކު ހާލަތު އަނެއްކާވެސް ފާހަގަވެގެން ހިނގައްޖެ” ކަމަށެވެ.
ކޮކްސް ބާޒާރު ޑިސްޓްރިކްޓްގައި 1.3 މިލިއަނަށްވުރެ ގިނަ ރޮހިންޖާ ރެފިއުޖީން ހިމާޔަތް ހޯދަމުން އަންނައިރު، އޭގެން ގިނަ މީހުންނަކީ 2017 ވަނަ އަހަރު މިޔަންމާގެ އަސްކަރިއްޔާއިން ހިންގި އަނިޔާވެރި އަމަލުތަކާ ގުޅިގެން ފުރާނަ ސަލާމަތްކުރުމުގެ ބޭނުމުގައި އައި މީހުންނެވެ.
ޔޫއެންއެޗްސީއާރުގެ ބަންގްލަދޭޝްގެ ވަގުތީ އިސް މަންދޫބު ޖޫލިއެޓް މުރެކެޔިސޯނީ ވިދާޅުވީ، “މިހާ ބޮޑު އާބާދީއެއް އެއްތަނަކަށް ތޮއްޖެހިފައިވާއިރު، އުސް ބިންތަކާއި، ފެންބޮޑުވުމާއި، ވަގުތީ ހިޔާތަކަކީ ނުރައްކާތެރި މަސްހުނިވުމެއް ކަމަށެވެ. އަދި ދަނޑިފަނުން ހަދާފައި ހުންނަ ހިޔާތައް ގަދަ ވަޔާއެކު އިތުރަށް ބަލިކަށިވެގެން ދިއުމުގެ ނުރައްކާ އެބައޮތް” ކަމަށެވެ.
މިޔަންމާގެ ރާޚީން ސިޓީގައި ދުރާލައި ރާވައިގެން ހިންގާ އަނިޔާވެރިކަމާއި އަދި އަނިޔާވެރިކަމުން ސަލާމަތްވުމަށް އަލަށް އައިސްފައިވާ ހާހެއްހާ ރޮހިންޖާ ރެފިއުޖީންގެ ސަބަބުން ކުރިއްސުރެ ތޮއްޖެހިފައިވާ އެސަރަޙައްދު އިތުރަށް ހާލަތު ގޯސްވެފައިވާ ކަމަށް ޔޫއެންއެޗްސީއާރުން ބުނެއެވެ.
މީގެ އިތުރުން، ފަންޑު ލިބުމުގައި ދިމާވެފައިވާ ގޮންޖެހުންތަކުގެ ސަބަބުން، އިންސާނީ އެހީތެރިކަން ފޯރުކޮށްދޭ ފަރާތްތަކަށް ޒަރޫރީ ބޭނުންތައް ފުއްދައިދިނުމަށާއި، ބޭނުންވާ ތައްޔާރީތައް ފުރިހަމައަށް ހިންގުމަށް ހުރަސްއެޅިފައިވާ ކަމަށްވެސް އެ އިދާރާއިން ބުނެއެވެ.
ކޮކްސް ބާޒާރު ކޭމްޕްތަކުގައި ހުންނަވާ އދ. ގެ ރެޒިޑެންޓް ކޯޑިނޭޓަރ ގުއިން ލުއިސް ވިދާޅުވީ “މިފަދަ ކާރިސާތަކަށް ތައްޔާރުވުމަކީ ހަމައެކަނި މުހިންމު ކަމެއް ނޫން، އެއީ ފުރާނަ ސަލާމަތްކުރާ ކަމެއް” ކަމަށެވެ.
މޫސުމީ ކާރިސާތަކަށް ތައްޔާރުވުމުގެ މަސައްކަތް އާންމުކޮށް މޭ މަހުގެ ކުރިން ފަށާއިރު، ފަންޑުގެ ދަތިކަމުގެ ސަބަބުން މިއަހަރު އެ ފިޔަވަޅުތައް އެޅިފައެއް ނުވެއެވެ.
މިއަހަރު، ރޮހިންޖާ ރެފިއުޖީންނާއި ބަންގްލަދޭޝްގެ ހޯސްޓް ކޮމިއުނިޓީތަކަށް އެހީވުމަށް އދ. އިން އެކުލަވާލި ޖޮއިންޓް ރެސްޕޮންސް ޕްލޭންގެ ދަށުން 934.5 މިލިއަން ޑޮލަރު ހޯދުމަށް އެދުނުއިރު، ލިބިފައިވަނީ އެންމެ 20 އިންސައްތަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ