މިހާރަކަށް އައިސް ވަރިކުރުމުގެ ކަންކަމާ ކަންބޮޑުވުމުން ނުވަތަ އަންނަ ރުޅީގައި ވަރިބަސް ބުނެފައި ފަހުން އެއީ ވަރިކުރުމުގެ ނިޔަތުގައި ބުނި އެއްޗެއް ނޫންކަމަށް ބުނުމުގެ މައްސަލަތައް އަންނަނީ ގިނަވަމުންނެވެ. އެކަމަށް ކަންބޮޑުވެ އަނބިމީހާގެ ފަރާތުން ސުވާލުތައް އަންނަނީ ކުރިމަތިވަމުންނެވެ.
މިއީ ކުޑަ ކަމެއް ނޫނެވެ. ވަރިކުރުމުގެ ނިޔަތުގަ ބަސްބުނެފަ ފަހުން "އެހެންބުނީ އެނިޔަތުގަ ނޫން" ކަމަށް ބުނުމަކީ ވަރަށް ބޮޑު މައްސަލައެކެވެ. ބިރުވެތިވާންޖެހޭނެ ކަމެކެވެ. ނިޔަތް އެނގޭނީ ބަސްބުނި މީހަކަށެވެ. ނަމަވެސް ﷲ ތަޢާލާ އޭނާގެ ނިޔަތް ދެނެވޮޑިގެންވެއެވެ.
ވަރިކުރުމުގެ ނިޔަތުގައި ބަސްބުނެފައި ކައިވެނި ރުޖޫޢަނުކޮށް ދެމަފިރިކަމުގެ ގުޅުން ހިންގުން ހުއްދައެއް ނުވާނެއެވެ. ގުޅުން ހިންގަންވާނީ ރުޖޫޢަކުރުމުގެ ނިޔަތުގައެވެ. އެއިގެ އިތުރުން ވަރި ރަޖިސްޓްރީކުރަންޖެހޭނެއެވެ. ނޫންނަމަ ވަރީގެ ޢަދަދުގައި ފަހުން މައްސަލަ ޖެހި އިތުރު ބޮޑެތި މައްސަލަތައް ކުރިމަތިވާނެއެވެ.
އަނބިމީހާ ކުރި ކުށަކާ ހުރެ ރުޅި އައިސްގެން ފިރިމީހާ އަނބިމީހާއާ ދިމާއަށް "ކަލޭ ތިކުށް ކުރުމުގެ ސަބަބުން އަހަރެންނާ ދެން ގުޅުމެއް ނޯންނާނެއޭ ތީހަމަ ހިލޭ މީހެއް ފަދައިންނޭ ދެން އަހަރެން ދެކޭނީ" ބުނުމުން ވަރިވާނެތޯ؟ ފިރިމީހާ ބުނާ ގޮތުން އޭނަ އެހެން ބުނީ އެއްވެސް ވަރިކުރުމުގެ ނިޔަތުގައެއް ނޫން. އަނބިމީހާ ކުރި ކުށުގެ ސަބަބުން އޭނާއަށް އެއްޗެއް ވިސްނަދިނުމުގެ ގޮތުން ކަމަށް. މިހާލަތުގައި މިކައިވެނި ރޫޅޭނެތޯ؟
ވަރިކުރުމުގައި ދެގޮތެއްވެއެވެ. އެއީ: ޞަރީޙަ ބަހުން ވަރިކޮށްފީމޭ ބުނުން، މިޙާލަތުގައި ފިރިމީހާގެ ނިޔަތަށް ބެލުމެއް ނެތި ވަރިވާނެއެވެ.
ދެވަނަ ގޮތަކީ: ޞަރީޙަ ނޫން ބަހަކުން ވަރިކޮށްފިކަމަށް ދޭހަވާ ފަދަ ބަހެއް ބުނުމެވެ. މިޙާލަތުގައި ފިރިމީހާގެ ނިޔަތަށް ބަލަން ޖެހޭނެއެވެ. އޭނާގެ ނިޔަތަކީ ވަރިކުރުން ކަމަށް ވަނީ ނަމަ ވަރިވާނެއެވެ. ނޫންނަމަ ވަރިއެއް ނުވާނެއެވެ.والله أعلم
- ސުވާލުގެ ޖަވާބު: ޑރ. މުޙައްމަދު އިޔާޟް ޢަބްދުއްލަޠީފް
ވަރިކުރުމުގެ ނިޔަތުގަ ބަސްބުނެފަ ފަހުން "އެހެންބުނީ އެނިޔަތުގަ ނޫން" ކަމަށް ބުނުމަކީ ޙައްލެއް ނޫން!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ