ފައްޔާޒަށް ސަރުކާރުގެ ރައްދު: އެއްވެ އުޅުމުގެ ހައްގު ފުޅާ ކުރީ މި ސަރުކާރުން
އެއްވެ އުޅުމުގެ ހައްގު ފުޅާ ކުރީ މި ސަރުކާރުން ކަމަށް ވިދާޅުވެ، ރައީސް އޮފީހުގެ ތަރުޖަމާނު ހީނާ ވަލީދު އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލްއަށް މިރޭ ރައްދު ދެއްވައިފި އެވެ.އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއީލް މިއަދު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ ކުރީގެ ރައީސް ނަޝީދުއާއި ދަ ޑިމޮކްރެޓްސްއަށް ނިސްބަތްވާ ގިނަ ބޭފުޅުންތަކެއް އެމްޑީޕީއާއި އަލުން ގުޅުމަށް ހަފްލާއެއް ބޭއްވުމަށާއި އެމްޑީޕީގެ 20 ވަނަ އަހަރީ ދުވަސް ފާހަގަކުރުމަށް އެކި ހަރަކާތްތައް ބޭއްވުމަށް ތަނެއް ހަމަޖެއްސުމަށް ކުރި މަސައްކަތަށް ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ހުރަސް އަޅަމުން ގެންދާ ކަމަށެވެ.ފައްޔާޒު އިތުރަށް ވިދާޅުވީ ހަފްލާތައް ބޭއްވުމަށް މިހާތަނަށް އެއްވެސް ތަނެއް ހަމަޖެހިފައިނުވާތީއާއި މިމަހުގެ 23 ވަނަ ދުވަހުގެ ނިޔަލަށް ތަނެއް ހަމަނުޖައްސައިދީފިނަމަ މުލީއާގޭ ކަންމަތީގައި އެ ހަފްލާތައް ބޭއްވުމަށް ތައްޔާރުވަމުންދާ ކަމަށެވެ. "އިވެންޓުތައް ބޭއްވުމަށް ތަނެއް ހަމަޖެއްސުމަށް ކުރި މަސައްކަތަށް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ހުރަސް އަޅަމުން ގެންދާތީ މި ހަފުލާ ބޭއްވުމަށް މިހާތަނަށް ވެސް އެއްވެސް ތަނެއް ހަމަޖެހިފައި ނުވާތީ މިހާރު ގަސްދު މިކުރަނީ ރައީސް މުހައްމަދު ނަޝީދުއަށް މަރުހަބާ ދެންނެވުމަށް ޖޫން 23، 2025 ގެ ނިޔަލަށް އިތުރު ތަނެއް ހަމަނުޖެއްހިޖެ ނަމަ މުލީއާގޭ ކަންމަތީގައި ބޭއްވުމަށެވެ،" ފައްޔާޒްގެ ޕޯސްޓުގައި ލިޔުއްވާފައިވެ އެވެ.ރައްދުގައި ސަރުކާރުގެ ތަރުޖަމާނު ހީނާ ވަލީދު ކުރެއްވި ޕޯސްޓުގައި ވިދާޅުވީ، ފުރިހަމަ ޑިމޮކްރަސީގެ އަސާސްތައް ރާއްޖޭގައި އަށަގެންނެވުމަށާއި ޑިމޮކްރަސީގެ ހަމަތައް ދެމެހެއްޓުމަށްޓަކައި، ޒިންމާދާރު ސިޔާސީ ހަރަކާތްތައް ހިންގުމާއި ގައުމަށްޓަކައި އަޑު އުފުލުމަކީ ވަރަށް ބޭނުންތެރި ކަމެއް ކަމަށެވެ.އެނާ ވިދާޅުވީ މީގެ ކުރިން ހުއްދަނެގުމަކާ ނުލައި އެއްވެ އުޅުމުގެ ހުއްދަ އޮންނަނީ ކާނިވާ ސަރަހައްދަށް އެކަނި ކަމަށެވެ. ނަމަވެސް މި ސަރުކާރުންވާނީ ކާނިވާގެ އިތުރަށް، މާލޭ ހުޅަނގު ދެކުނު ހިއްކި ސަރަހައްދާއި އުސްފަސްގަނޑާއި ރަސްފަންނަކީ ވެސް ދުރާލާ ހުއްދަ ނެގުމަކާ ނުލައި ސިޔާސީ ހަރަކާތް ހިންގޭނެ ތަންތަން ކަމުގައި ކަނޑައަޅާފައި ކަމަށް އޭނާ ވިދާޅުވިއެވެ."އެހެންކަމުން މިގޮތަށް ކަނޑައެޅި، ފުރުސަތު ފުޅާކޮށްދެވިފައިވާ ކަންކަމާ ގުޅޭގޮތުން ރައްޔިތުންނަށް އޮޅޭ ފަދަ ގޮތަކަށް ސިޔާސީ ބޭފުޅުން ވާހަކަ ދެއްކުމުގެ ބަދަލުގައި ކަނޑައެޅިފައިވާ ހަމަތަކާއި އުސޫލުތަކާ އެއްގޮތަށް ކަންކަން ކުރިއަށް ގެންދިއުމަކީ ރޫލް އޮފް ލޯ އާއި ޑިމޮކްރެސީގެ މި ނިޒާމު ދެމެހެއްޓުމުގެ ވަރަށް މުހިއްމު އަދި އެހާމެ ރިވެތި އަސާސެއް،" ހީނާ ވިދާޅުވި އެވެ.އަންނަ ހޯމަ ދުވަހުގެ ނިޔަލަށް އެ ހަފުލާ ބާއްވާނެ ތަނެއް ސަރުކާރުން ހަމަޖައްސައިނުދީފި ނަމަ ހޯމަ ދުވަހުގެ ރޭ 9:00 އަށް މުލީއާގޭ ދޮށަށް އެމްޑީޕީއަށް ތާއީދު ކުރާ ހުރިހާ ފަރާތްތަކުން ދިޔުމަށް ފައްޔާޒް ދައުވަތު އަރުވާފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ