ސުޕްރީމް ކޯޓުގައި 'ތަޅު އެޅުވި' ކަމަށް ވިދާޅުވެ އިބްރާ ހުށަހެޅުއްވި މައްސަލަ ބަލައިނުގަތް
އާ ގާނޫނުއަސާސީ ޑްރާފްޓުކުރި ކޮމިޓީގެ މުގައްރިރުކަން ކުރެއްވި ސިޔާސީ ދާއިރާގެ ތަޖުރިބާކާރު އިބްރާހިމް އިސްމާއިލް (އިބްރާ)، ސުޕްރީމް ކޯޓުގެ ދިފާއުގައި ހައިކޯޓަށް ހުށަހެޅެއްވި މައްސަލަ ބަލައިނުގަތުމަށް އެ ކޯޓުން ނިންމައިފިއެވެ. އިބްރާ އެ މައްސަލަ ހުށަހެޅުއްވީ، ޖުޑިޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ން މިދިޔަ މަހުގެ 26 ވަނަ ދުވަހު، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)ން ބަލަމުންދާ މައްސަލައަކާ ގުޅުވައި ކަމަށް ބުނެ ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުން ސަސްޕެންޑުކުރުމާ ގުޅިގެންނެވެ. އެއީ ހުސްނުއްސުއޫދާއި ފަނޑިޔާރު ޑރ. އަޒްމިރަލްދާ ޒާހިރާއި މަހާޒު އަލީ ޒާހިރެވެ. އޭގެ ތެރެއިން ހުސްނުއްސުއޫދު ވަނީ ސަރުކާރުން ސުޕްރީމް ކޯޓަށް ނުފޫޒު ފޯރުވާ ކަމުގެ ތުހުމަތު ކުރައްވައި މަގާމުން އިސްތިއުފާ ދެއްވައިފައެވެ. އިބްރާ ހުށަހެޅުއްވި މައްސަލައިގައިވަނީ އެ ތިން ފަނޑިޔާރުން ކުއްލި ގޮތަކަށް ސަސްޕެންޑުކުރުމަކީ އެކޯޓުގައި ތަޅުއެޅުވުން ކަމަށް ވިދާޅުވެފައެވެ. އޭނާ ވިދާޅުވެފައިވަނީ، ސިޔާސީ ކަންކަމަށް ހައްލު ހޯދާނީ ސިޔާސީ ދާއިރާއިން ކަމަށެވެ. އެ ކަމަށް ގާނޫނުއަސާސީއާއި ޖުޑިޝަރީ އުވާލައިގެން ނުވާނެކަމަށް އޭނާ ވިދާޅުވެފައިވެއެެވެ. އެ މައްސަލައާ ގުޅޭ ގޮތުން ހައިކޯޓުގެ ރަޖިސްޓްރާގެ ނިންމުމުގައިވަނީ، ދުސްތޫރީ މައްސަލަ ބެލުމަށް ހައިކޯޓަށް ލިބިފައިވާ އިހުތިސާސަކީ، ދުސްތޫރީ މައްސަލަތަކުގެ ތެރެއިން ގާނޫނުއަސާސީ އާއި ރާއްޖޭގެ ކޯޓުތަކުގެ ގާނޫނުގެ ދަށުން ސުޕްރީމް ކޯޓުން ބަލައިގަންނަ މައްސަލަތައް ފިޔަވައި، ގާނޫނެއް ނުވަތަ ގާނޫނެއްގެ ބައެއް ގާނޫނުއަސާސީއާ ތައާރުޟުވާ ކަމަށް ބަޔާންކޮށް ހުށަހަޅާ މައްސަލަތަކާއި ގާނޫނަކުން ބާރު ލިބިގެން ހަދާއިފައިވާ ގަވައިދެއް ނުވަތަ ގަވައިދެއްގެ ބައެއް ގާނޫނުއަސާސީއާ ނުވަތަ ގާނޫނަކާ ތައާރުޟުވާ ކަމަށް ބަޔާންކޮށް ހުށަހަޅާ މައްސަލަތައް ކަމަށެވެ. ރަޖިސްޓްރާގެ ނިންމުގައި ވަނީ، ހައިކޯޓަށް ހުށަހަޅައިފައިވާ މައްސަލައިގައި ދައުވާ ބިނާކުރާ ސަބަބުތަކުގައި ހަވާލާދީފައިވާ ގާނޫނުއަސާސީގެ މާއްދާތަކާ ތައާރުޟުވާ ކަމަށް ބެލެވޭ ހަމައެއް ބަޔާންކޮށްފައިނުވާ ކަމަށާއި އެހެންވެ، މައްސަލަ ބަލައިގަނެވެން ނެތް ކަމަށެވެ. ސަސްޕެންޑުކުރި ތިން ފަނޑިޔާރުން: އޭގެ ތެރެއިން ސުއޫދު ވަނީ އިސްތިއުފާ ދެއްވައިފައި -- ފޮޓޯ/ ރައީސް އޮފީސް އެ ނިންމުމާ ގުޅޭ ގޮތުން އިބްރާ "ސަން"އަށް ވިދާޅުވީ، ހައިކޯޓުން މައްސަލަ ބަލައި ނުގަތްކަން މިއަދު އަންގައިފައިވާ ކަމަށާއި، ދެން ކުރިއަށްގެންދާނެ ގޮތެއް ނިންމަވާނީ އެ ނިންމެވުން ދިރާސާ ކުރެއްވުމަށް ފަހު ކަމަށެވެ. އޭސީސީން ތިން ފަނޑިޔާރުންގެ ޖިނާއީ މައްސަލައެއް ބަލާއިރު، ޖޭއެސްސީން އަންނަނީ ތިން ފަނޑިޔާރުންގެ ސުލޫކީ މައްސަލައެއް ވެސް ބަލަމުންނެވެ. އެ މައްސަލަތަކާ ގުޅޭ ގޮތުން ދެ ކޮމިޝަނުން ވެސް މައުލޫމާތު ހިއްސާކޮށްފައިނުވެއެވެ. ނަމަވެސް ޖޭއެސްސީން ބަލަމުންދާ މައްސަލައިގައި ފަނޑިޔާރު އަޒްމިރަލްދާއާއި މަހާޒު، މި ހަފުތާގައި އެ ކޮމިޝަނަށް ހާޒިރުކޮށްފައިވެއެވެ. ދެ ބޭފުޅުންގެ ވަކީލުން ވިދާޅުވާ ގޮތުގައި، ޖޭއެސްސީން ބަލަނީ، ކްރިމިނަލް ކޯޓުގެ ބަންދުގެ މަޖިލީހަކަށް ނުފޫޒު ފޯރުވި ކަމުގެ ތުހުމަތެވެ. ނަަމަވެސް ދެ ބޭފުޅުން އެ ތުހުމަތުތަކަށް އިންކާރު ކުރައްވައެވެ. ސޯޝަލް މީޑިއާގައި އާންމުވެފައިވާ މައުލޫމާތުގައިވާ ގޮތުން، އެ މައްސަލަ ގުޅިފައިވަނީ މިދިޔަ ޑިސެމްބަރު މަހުގެ ތެރޭގައި އަޒްމިރަލްދާގެ ފިރިކަލުން ޑރ. އިސްމާއީލް ލަތީފް، ސްޕާއެއްގައި ޚިދުމަތް ހޯއްދަވަން އިންނަވަނިކޮށް ހައްޔަރުކުރުމާއެވެ. ހުސްނުއްސުއޫދެކޭ އެއްގޮތަށް، އަޒްމިރަލްދާ ވެސް ވަނީ ސަރުކާރުން ސުޕްރީމް ކޯޓަށް ނުފޫޒު ފޯރުވަން މަސައްކަތް ކުރާ ކަމަށް ތުހުމަތު ކުރައްވަފައެވެ. އޭނާ ވިދާޅުވި ގޮތުގައި، ސަރުކާރުން ބޭނުންވަނީ އެ ކޯޓުގައި އޮތް ދުސްތޫރީ މައްސަލަ ބެލުން ހުއްޓުވުމަށެވެ. https://sun.mv/203559 އެ ތިން ފަނޑިޔާރުން ސަސްޕެންޑުކުރީ، މަޖިލިސް މެންބަރުން ޕާޓީ ބަދަލުކުރުމުން ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި އިސްލާހު ބާތިލުކުރުމަށް އެދި ހުށަހަޅައިފައިވާ މައްސަލައެއް ކޯޓުގެ ފުލް ބެންޗުން ބަލަމުން ދަނިކޮށެވެ. އަދި އެ އިސްލާހަށް އަމަލުކުރުން ހުއްޓުވުމުގެ ވަގުތީ އަމުރެއް ނެރުމާ ގުޅޭ ގޮތުން ގޮތް ނިންމުމަށް އަޑުއެހުމެއް ބާއްވަން ކުޑަ ވަގުތުކޮޅަކަށް ވެފައި ވަނިކޮށެވެ. މީގެ އިތުރުން، ތިން ފަނޑިޔާރުން ސަސްޕެންޑުކުރި ދުވަހުގެ ހެނދުނު މަޖިލީހުން ވަނީ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު ހަތަކުން ފަހަކަށް މަދުކުރުމަށް ފާސްކޮށްފައެވެ. ނަމަވެސް، ރައީސް ޑރ. މުޙައްމަދު މުއިއްޒުވަނީ އެ ބިލާ މެދު އަލުން ވިސްނުމަށް އެދިވަޑައިގެން، ބިލު އަނބުރާ މަޖިލީހަށް ފޮނުއްވައިފައެވެ. https://sun.mv/203583 ރައީސް އެގޮތަށް ނިންމެވީ ބަންޑާރަނައިބު އަހުމަދު އުޝާމްގެ ލަފާގެ މަތިންނެވެ. އެ އޮފީހުން ބުނި ގޮތުގައި އުޝާމް އެގޮތަށް ލަފާ ދެއްވީ، ފަނޑިޔާރުން ވަކި ކުރާގޮތް އިންސާފުވެރި ނޫންކަމަށް ގަބޫލުކުރެވޭތީ އެކަމާމެދު ކަންބޮޑުވުންތަކެއް ހުރުމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ