އެސޯސިއޭޝަނެއް ސަސްޕެންޑްވުމަކީ ކުޅިވަރަށް ހިތްދަތިކަމެއް: މިނިސްޓަރު ރާފިއު އެސޯސިއޭޝަނެއް ސަސްޕެންޑްވުމަކީ ކުޅިވަރަށް ހިތްދަތިކަމެއް: މިނިސްޓަރު ރާފިއު

މައްސަލަތަކެއް ދިމާވެގެން ކަމުގައި ވިޔަސް، ކުޅިވަރު އެސޯސިއޭޝަނެއް ސަސްޕެންޑްވުމަކީ، ކުޅިވަރަށް ލިބޭނެ ހިތްދަތިތަކެއް ކަމަށް ސްޕޯޓްސް މިިނިސްޓަރު، އަބްދުﷲ ރާފިއު (ރާއްޕެ) ވިދާޅުވެއްޖެ އެވެ.
ކުޅިވަރު ގާނޫނު ތަސްދީގު ކުރެއްވުމަށް އިއްޔެ ރައީސް އޮފީހުގައި ވަނީ ހާއްސަ ރަސްމިއްޔާތެއް ބާއްވައިފަ އެވެ.
އެ އިވެންޓަށް ފަހު، މިނިސްޓަރު، ރާފިއު، "ޕީއެސްއެމް" އަށް ދެއްވި އިންޓަވިއުއެއްގައި ވިދާޅުވީ، މި ވަގުތަށް ބަލާއިރު، ދިމާވެފައި އޮތް އެންމެ ބޮޑު ގޮންޖެހުމަކީ، އެސޯސިއޭޝަންތަކަށް ދޭތެރެ ދޭތެެރެއިން މި އަންނަ، ހިތްހަމަނުޖެހޭ ހާލަތު ކަމަށެވެ.
"އެއީ ނޯމަލައިޒް ކުރަން ޖެހުނަސް، ހަމައެއާ އެކު، ސަސްޕެންޝަނަކަށް ދާން ޖެހުނަސް، މި އެސޯސިއޭޝަނަކަށް ދިމާވާނެ އެންމެ ހިތްދަތިކަން، އަދި ކުޅިވަރަށް ވެސް ދިމާވާނެ އެންމެ ހިތްދަތިކަން، މިކަން ރަނގަޅު ކުރުމަށްޓަކައި، މި ގާނޫނުގެ ދަށުން ފުށުނާރާ ގޮތަށް، ގާނޫނު ވެސް ގަވާއިދުތައް ވެސް ހެދިގެން، ގަވާއިދުތަކާ އެއްގޮތަށް އެސޯސިއޭޝަންތައް ހިންގުން ހަރުދަނާ ކުރެވެން މި އަންނަނީ. އެެހެންވީމަ، އެ ހިންގުމުގެ ތެރެއަށް މި ގެންނަން ޖެހޭ ބަދަލުތައް ގެނެސްގެން، އިތުރަށް ހަރުދަނާ ކޮށްގެން އެސޯސިއޭޝަންތަކަށް ދިރުން ލިބެން މި އަންނަނީ،" ރާފިއު ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ، ކުޅިވަރު އެސޯސިއޭޝަނެއް ސަސްޕެންޝަން ނޫނީ ނޯމަލައިޒްކުރަން ޖެހޭ ހާލަތަކަށް ނުދާނެ ގޮތަކަށް މަސައްކަތްތައް ރޭވިގެން ދިއުން މުހިންމު ކަމަށެެވެ. އަދި، ރަނގަޅަށް ހިނގަހިނގައި ހުންނަ އެސޯސިއޭޝަން ތައް ވެސް ދަށް ހާލަތަކަށް ނުދާނެ ފަދަ ގޮތަކަށް ގަވާއިދުތަކުގެ ތެރެއިން އަމަލުކުރަން ޖެހޭ ގޮތަށް ގާނޫނާއި ގަވާއިދުތައް ހެދިފައި ހުރުމުގެ މުހިންމު ކަމަށް ވެސް މިނިސްޓަރު އަލިއަޅުވާލެއްވި އެވެ.
"ވަރަށް ބޮޑު އެފަޓެއް ލައިގެން (މަސައްކަތްތަކެއް ކޮށްގެން) އެސޯސިއޭޝަނެއް ވަކި ލެވަލަކަށް ގެންގޮސްފައި ހުއްޓައި ހިންގުން ދަށްވީމަ އެސޯސިއޭޝަން މި ދަނީ އެއް ދުވަހުން އަނެއް ދުވަހަށް ދަށަށް، އެހެން ނުވާނެ ގޮތަކަށް މެކޭނިޒަމް އަޅުގަނޑުމެން ތެރެއިން ގާނޫނުގެ ދަށުން ހެދޭ ގަވާއިދުތައް ހެދިގެން އުސޫލުތައް ހެދިގެން އެ އަށް އިމްޕްލިމެންޓް (އަމަލު) ކުރެވޭ ހިސާބުން މިކަން, އިރާދަކުރެއްވިއްޔާ ރަނގަޅުވެގެން ދާނެ ކަމަށް އުންމީދުުކުރަނީ،"
ސަރުކާރުގެ ފަރާތުން ކުޅިވަރު ގާނޫނަށް އިސްލާހު ހުށަހެޅުއްވީ، މިދިޔަ ނޮވެމްބަރު މަހުގެ 24 ވަނަ ދުވަހު، ދިއްދޫ ދާއިރާގެ މެމްބަރު، އަބްދުއްލަތީފް މުހައްމަދު އެވެ. އެ ގޮތުން، ގާނޫނު ނަމްބަރު 30/2015، ކުޅިވަރު ގާނޫނަށް ސަރުކާރުން ގެންނަން ހުށަހަޅާފައިވާ އިސްލާހުތައް ހިމެނޭ މި ބިލްގައި، 70 އަށް ވުރެ އިސްލާހެއް ވަނީ ހިމެނެ އެވެ.
ކުޅިވަރު ގާނޫނަށް ގެނެވޭ އިސްލާހުތަކުގެ ތެރެއިން، ކުޅިވަރު ލާމަރުކަޒީ ކުރުމަށް ދެން އަމަލުކުރެވޭ ކުޅިވަރު ގާނޫން ވަރަށް ބޮޑަށް ބާރު އަޅާއިރު، ޕެރަލިމްޕިކް ކޮމިޓީ އަށް ގާނޫނީ ގޮތުން ބާރު ލިބި، ނުކުޅެދުންތެރިކަން ހުންނަ ފަރާތްތަކުގެ ހައްގުތައް އެހެން އެންމެނެކޭ އެއްގޮތަށް ކުޅިވަރުގެ ތެރެއިން ކަށަވަރުވެގެންދާނެ އެވެ.
ރާފިއު ވިދާޅުވީ، ކުޅިވަރު ގާނޫނުގެ އިސްލާހުގެ ތެރެއިން، ކުޅިވަރުގެ ހިންގުމާއި މަސައްކަތްތައް ލާމަރުކަޒީ އުސޫލުން ގެންދިއުމުގެ ފުރުސަތު ވަރަށް ބޮޑަށް ހުޅުވިގެންދާނެ ކަމަށެވެ.
"މި ގާނޫނުގެ ސަބަބުން މުޅި ރާއްޖޭގެ ކުޅިވަރު، މުޅި ރާއްޖެ ހިމެނޭ ގޮތަށް، ރިޕްރެޒެންޓްވެގެން އައުން، ކުޅިވަރު ލާމަރުކަޒީ ވެގެން އައުން އެއީ އެންމެ ބޮޑު އެއް ބަދަލު. އައީމަ، އަޅުގަނޑުމެންގެ ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތިބި މޮޅެތި ކުޅުންތެރިން އަޅުގަނޑުމެންނަށް އައިޑެންޓިފައިވެ، އެ ކުޅުންތެރިންނަށް އިންވެސްޓްކުރެވޭނެ ގޮތް ވެސް ގާނޫނުގެ ތެރެއިން ފަންޑެއް ކްރިއޭޓްވެގެން ކުރެވޭނެ ނިޒާމް މިއޮތީ ވަށައިޖެހޭނެ ގޮތަކަށް އެކަން ކުރެވޭނެ ގޮތް ހާސިިލްވެފައި. ދެން، އޮތީ މިި މަސައްކަތް ކުރުން،" ރާފިއު ވިދާޅުވި އެވެ.
"މި މަސައްކަތް ކުރަން ވަރަށް އެފަޓް ލާންޖެހޭ، ހަމަ އެއްޗެއްގައި ލިޔެފައި އޮތަސް ކަމަކު ނުދާނެ. ލިޔެފައި އޮތް ގޮތުގެ މަތިން ރީޖަނަލް އެސޯސިއޭޝަންތައް ފޯމު ކުރުމާއި ސްޕޯޓްސް ސްކޫލް ސިސްޓަމް، އިންޓަ ސްކޮލާސްޓިކް ސިސްޓަމް ގާއިމްކުރުމާއި އެކަން ކަށަވަރުވާނެ ގޮތަށް ކުރިއަށްގެންދިއުން އެއީ އަޅުގަނޑުމެންނަށް މި ކަމުގެ ކާމިޔާބީގެ ފެށުމަކަށް ވާނީ،"
އެންމެ ފުރަތަމަ، 2015 އިން ފެށިގެން އަމަލުކުރަން ފެށި ކުޅިވަރު ގާނޫނުގައި ވެސް ކުޅިވަރުގެ މައްސަލަތައް ހައްލުކުރަން، ކުޅިވަރުގެ އާބިޓްރޭޝަނެއް އަންނަން ޖެހޭނެ ކަަމަށް އޮތްއިރު އެކަން އޮތީ ނުކުރެވި އެވެ.
އެކަމަކު، މި ފަހަރު އިސްލާހު ކުރެވިގެންދިޔަ، ކުޅިވަރު ގާނޫނުގެ ތެރެއިން، އާބިޓްރޭޝަންގެ ކަންކަން ވެސް ރޭވިގެންދާއިރު، މިއީ ކުޅިވަރުގެ ތެރެއިން އަންނަ މައްސަލަތައް އަވަހަށް ހައްލުކުރުމަށާއި ކުޅިވަރުގެ ތެރެއިން އިންސާފު ގާއިމްކުރަން ކުރެވޭ މަސައްކަތަށް ފަަހިވި ފުރުސަތެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ