ހައުސިން މިނިސްޓްރީ ވަކިން ހިންގިއިރު ކުރި ހަރަދުތައް މިހާރު ފެންނާކަށް ނެތް! ހައުސިން މިނިސްޓްރީ ވަކިން ހިންގިއިރު ކުރި ހަރަދުތައް މިހާރު ފެންނާކަށް ނެތް!

މި ސަރުކާރުގެ ކުރީކޮޅު، ވަކި މިނިސްޓްރީއެއްގެ ގޮތުގައި ހައުސިން މިނިސްޓްރީ ހިންގިއިރު، ކުރި ހަރަދުތަކުގެ ތަފުސީލު މިހާރު ފެންނާން ނެތް ކަމަށް ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީން ބުނެފި އެވެ.
މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ދަށުން އަމިއްލަ ފަރާތަކުން ހުށަހެޅި ސުވާލުތަކަށް ހައުސިން އެންޑް އިންފްރާސްޓްރަކްޗާ މިނިސްޓްރީން ޖަވާބު ނުދިނުމުން، އިންފޮމޭޝަން ކޮމިޝަނުން އިއްޔެ ބޭއްވި އަޑުއެހުމުގައި ވާހަކަދައްކަވަމުން އެ މިނިސްޓްރީގެ ލީގަލް އޮފިސަރު، ސަމާ އަލީ ވިދާޅުވީ ހައުސިން މިނިސްޓްރީ ވަކިން ހިންގިއިރު ކުރި ހަރަދުތަކުގެ ތަފުސީލު، ދެ މިނިސްޓްރީ އެއްކޮށްލިއިރު ލިބިފައި ނުވާ ކަމަށެވެ.
"މިކޮޅުން އަޅުގަނޑުމެންނަށް ހައުސިން ޕޯޓްފޯލިއޯ މިނިސްޓްރީއަށް ބަދަލުވެގެން އައިއިރުގައި އެބައި ތެރޭގައި ނުއެއް ހިމެނޭ އިނގޭތޯ ހަރަދުތަކާ ގުޅޭ ތަފުސީލެއް، އެބައިތައް މި އިންނަނީ ކޯޕަރޭޓުގެ ދަށުން ކޮންމެ މިނިސްޓްރީއަކުން ވެސް އެބައި ބަލަހައްޓަމުން ގެންދާނީ،" ސަމާ ވިދާޅުވި އެވެ.
"ދެން އެގޮތުން މިނިސްޓްރީއަށް ހައުސިން މިނިސްޓްރީގެ ހައުސިން ޕޯޓްފޯލިއޯގެ ހަރަދުތަކުގެ ތަފުސީލުތައް ނުއެއް އާދޭ ކަމަށް އަޅުގަނޑުމެންނަށް ކޯޕަރޭޓް ޑިޕާޓުމެންޓުން މައުލޫމާތު ދެއްވާފައި ވަނީ،"
ހައުސިން މިނިސްޓްރީ އާއި ޕްލޭނިން މިނިސްޓްރީ އާއި ކޮންސްޓަރަކްޝަން އަދި އިންފްރާސްޓްރަކްޗާ މިނިސްޓްރީ އެއްކޮށްލީ މިދިޔަ އަހަރުގެ ޑިސެމްބަރު 26، ގަ އެވެ. އޭގެ ކުރިން ހައުސިން މިނިސްޓަރަކަށް ހުންނެވީ މިހާރުގެ ހަޔާ އެޑިއުކޭޝަން މިނިސްޓަރު، ޑރ. އަލީ ހައިދަރު އެވެ.
އިއްޔެގެ އަޑު އެހުމުގައި ވާހަކަދައްކަވަމުން ސަމާ ވިދާޅުވީ ހައުސިން މިނިސްޓްރީ ވަކިން ހިންގިއިރު، ވެސް ހަރަދުތައް ކޮށްފައި ވާނީ ފިނޭންސް މިނިސްޓްރީން ހުއްދަ ދިނުމުން ކަމަށް ގަބޫލު ކުރެވޭ ކަމަށެވެ. އެހެންކަމުން އެ މައުލޫމާތު ފިނޭންސް މިނިސްޓްރީގައި ހުންނަނާ ކަމަށް ބެލެވޭ ކަމަށް ސަމާ ވިދާޅުވި އެވެ.
"އަޅުގަނޑުމެންނަށް ގަބޫލު ކުރެވެނީ ފިނޭންސް މިނިސްޓްރީން ކަމަށް އެ މައުލޫމާތު ބެލެހެއްޓިފައި އޮންނާނީ، މިނިސްޓްރީއަށް އޭގެ އެއްވެސް މައުލޫމާތެއް ލިބިފައި ނުވާކަމަށް ސެކްޝަނުން މައުލޫމާތު ދެއްވާފައި ވަނީ،" ސަމާ ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ