އިސްރާއީލުން ޣައްޒާގައި ހިންގާ ލާއިންސާނީ ޖަރީމާތައް ކަަވަރުކުރާ ނޫސްވެރިއަކު ބަލި އެނދުގައި އޮށްވައި ޝަހީދުކޮށްލައިފި
ޣައްޒާ (12 މެއި 2025) : އިސްރާއީލުން ޣައްޒާގެ އާންމުންނާ ދެކޮޅަށް ހިންގާ ގަތުލުއާންމުތަކާއި ލާއިންސާނީ ޖަރީމާތަކުގެ ވީޑިއޯ އާއި ފޮޓޯތައް ނަގައި ޑޮކިއުމެންޓްކުރަމުން ގެންދިޔަ ފަލަސްތީނުގެ މަޝްހޫރު ނޫސްވެރިޔާ ހަސަން އިސްލީހު އިއްޔެ އިސްރާއީލުން ޝަހީދުކޮށްލައިފިއެވެ. އޭނާ ޝަހީދުކޮށްލީ ޣައްޒާގެ ދެކުނުގެ ޚާން ޔޫނުސްގައި ހުންނަ ނާސިރު ހޮސްޕިޓަލަށް އިއްޔެ އިސްރާއީލު ސިފައިން ދިން ހަމަލާތަކެއް ގައެވެ. އިސްރާއީލު ސިފައިން އިސްލީހުގެ ގަޔަށް ބަޑިޖަހައި ޝަހިދުކޮށްލީ މިމަހުގެ ހަތް ވަނަ ދުވަހު އިސްރާއީލު ދިން ޓެރަރިސްޓް ހަމަލާއެއްގައި އޭނާ ޒަޚަމްވެގެން ފަރުވާދިނުމަށް އެ ހޮސްޕިޓަލްގައި އޭނާ އެނދުމަތިކޮށްފައި އޮއްވައެވެ. އިސްރާއީލަކީ ފަލަސްތީނުގެ އާންމުންނާ އަދި މުޖާހިދުންނާ ދެކޮޅަށް އިސްރާއީލު ހިންގާ ލާއިންސާނީ ޖަރީމާތަކާއި ގަތުލުއާންމުތަކާ އަދި ހޮސްޕިޓަލްފަދަ ތަންތަނަށް ދޭ ހަމަލާތައް ކަވަރުކުރާ ނޫސްވެރިން މެރުމުގެ ޖަރީމާ ހިންގުމުގައި ދުނިޔެއަށް ނަން މަޝްހޫރު ޣައިރު ގާނޫނީ ޓެރަރިސްޓް އެންޓިޓީއެކެވެ. އިސްރާއީލުގެ އަނިޔާވެރިކަމާއި ލާއިންސާނިއްޔަތުގެ ހަގީގަތް ހާމަކުރާތީ އިސްރާއީލުން ވަނީ ޓެރަރިސްޓް ހަމަލާތައް ދީގެން ފަލަސްތީނުގެ އެތައް ނޫސްވެރިއަކު މީގެކުރިންވެސް ޝަހީދުކޮށްލާފައެވެ. މީގެތެރޭގައި ހިފާފައިވާ ގުދްސުގައި މަސައްކަތްކުރި އަލްޖަޒީރާގެ ނޫސްވެރިއެއް ކަމަށްވާ ޝީރީން އަބޫ އާގިލާ ހިމެނެއެވެ. އިސްރާއީލުން ވަރަށް ހީލަތްތެރި ގޮތަކަށް އޭނާ ޝަހީދުކޮށްލާފައިވަނީ 2022 ވަނަ އަހަރުއެވެ. ޣައްޒާގައި އިސްރާއީލު ހިންގާ ގަތުލުއާންމުތަކުގައިވެސް އިސްރާއީލު ވަނީ 150 އަށް ވުރެ ގިނަ ނޫސްވެރިން މަރާލާފައެވެ. މީގެތެރޭގައިވެސް ގިނައީ ފަލަސްތީނުގެ ނޫސްވެރިންނެވެ. ނަމަވެސް އިސްރާއީލު މެރި ނޫސްވެރިންގެ ތެރޭގައި ރޮއިޓާސް ފަދަ ބޭރުގެ ނޫސްއެޖެންސީތަކާއި ނޫސްތަކުގައި މަސައްކަތްކުރާ ނޫސްވެރިން ވެސް ހިމެނެއެވެ. ނޫސްވެރިންގެ ހައްގުތަކަށް މަސައްކަތްކުރާ އެޖެންސީއެއްކަމަށްވާ" ރިޕޯޓާސް ވިތައުޓް ބޯޑާސް" ބުނާގޮތުން ދުނިޔޭގައި ނޫސްވެރިންނާ ދެކޮޅަށް އެންމެ ބޮޑެތި ޖަރީމާތައް ހިންގާ ގައުމަކީ ޔަހޫދީ އިސްރާއީލެވެ. އަދި ހަގީގަތް ހާމަކުރާ ނޫސްވެރިންނަށާއި ތަހުގީގީ ނޫސްވެރިކަން ކުރާ ނޫސްވެރިންނަށްވެސް ހުރި އެންމެ ބޮޑު ބިރަކީ އިސްރާއީލެވެ. އިސްރާއީލުގެ ޓެރަރިސްޓް ހަރަކާތްތަކާއި ލާއިންސާނީ ޖަރީމާތަކަށް ވާގިވެރިވާ މައިގަނޑު ގައުމުތަކަކީ ނޫސްވެރިކަމުގެ މިނިވަންކަމުގެ ނަމުގައި ޕްރޮޕަގެންޑާކުރާ އެމެރިކާއާއި ޔޫރަޕްގެ ގައުމުތަކެވެ. އިސްރާއީލު ހިމާޔަތް ކުރަނީވެސް އެމެެރިކާއާއި ޔޫރަޕުންނެވެ. އިއްޔެ ޣައްޒާގެ ނާސިރު ހޮސްޕިޓަލްގެ ފޭލިގެއެއްގައި އެޑްމިޓްކޮށްފައި އޮއްވައި ވަރަށް އަނިޔާވެރި ގޮތަކަށް އިސްރާއީލުން ޝަހީދުކޮށްލި ފަލަސްތީނުގެ ނޫސްވެރިޔާ ހަސަން އިސްލީހު އަކީ އިސްރާއީލު ސިފައިން ޣައްޒާގެ ހޮސްޕިޓަލްތަކަށް އަރައިގަނެ ޑޮކްޓަރުންނާއި ނަރުހުންނާ އަދި ބަލިމީހުން މަރައި ލެބޯޓްރީތަކާއި އޮޕަރޭޝަން ތިއޭޓަރުތައް ތަޅައި ސުންނާފަތިކޮށް ބޭހުގެ ސްޓޮކްއާއި ޑިސްޕެންސަރީތައް އަންދާލުންފަދަ ނަސްލު ނައްތާލުމުގެ ޖަރީމާތައް ކަވަރުކުރި މަދު ނޫސްވެރިންގެ ތެރޭގައި ހިމެނުނު ނޫސްވެރިއެކެވެ. އަދި ޣާއްޒާގައި އިސްރާއީލު ބަނޑަށް ޖައްސައިގެން މަރަމުންދާ ފަލަސްތީނުގެ އާންމުންގެ ފޮޓޯތަކާ އަދި ހައިހޫނުކަން ތަހައްމަލުކުރާ ޣައްޒާގެ ކުޑަކުދިންގެ ފޮޓޯތައްވެސް ދުނިޔޭގެ އެކި ފަރާތްތަކާ ހިއްސާކޮށް ޣައްޒާގެ ރައްޔިތުންގެ ދިފާއުގައި މަސައްކަތްކުރާ މަދު ނޫސްވެރިންގެ ތެރޭގައި އޭނާ ހިމެނެއެވެ. އިސްރާއީލުގެ ޓެރަރިސްޓް ސިފައިން ވަނީ އެތައްފަހަރަކު ހަސަން އިސްލީހަށް ބިރުދައްކައި އޭނާގެ ކެމެރާތައްވެސް އަތުލައިގެންފައެވެ. އިސްރާއީލު ސިފައިން ގެންދަނީ މިފަދަ މިނިވަން ނޫސްވެރިން އަދި ޣައްޒާގައި އިސްރާއީލު ހިންގާ ގަތުލުއާމްތައް ކަަވަރުކުރާ ނޫސްވެރިން ފަހައި ދުވަމުންނެވެ. އިސްރާއީލުވަނީ ޣައްޒާގައި މަސައްކަތްކުރި އަލްޖަޒީރާގެ ހަތަރު ނޫސްވެރިއަކު ޝަހީދުކޮށްލާފައެވެ. އިސްރާއީލުން ވަނީ ޣައްޒާގައި މަސައްކަތްކުރާ އަލްޖަޒީރާގެ އިތުރު ތިން ނޫސްވެރިއެއްގެ މުޅި އާއިލާވެސް އެއްކޮށް ޝަހީދުކޮށްލާފައެވެ. ޝަހީދުކޮށްލި އެ ތިން ނޫސްވެރިންގެ އާއިލާ މެންބަރުންގެ ތެރޭގައި ހިމެނެނީ އެ ތިން މީހުންގެ އަނބިދަރިންނާއި މައިން ބަފައިންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ