ފަނޑިޔާރުން ވަކިކުރުމުގެ މައްސަލަ މާދަމާގެ ޖަލްސާއަށް އެޖެންޑާކޮށްފި

މަގާމުން ވަކިކޮށްދިނުމަށް އެދި ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ) އިން ފޮނުވާފައިވާ ސުޕްރީމް ކޯޓުގެ ދެ ފަނޑިޔާރުންގެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ މާދަމާގެ ޖަލްސާއަށް އެޖެންޑާކޮށްފި އެވެ.
ވީ ކިހިނެއް؟ - ސުލޫކީ މައްސަލައެއް ބެލުމަށް ފަހު ފަނޑިޔާރުކަމުން ވަކިކޮށްދިނުމަށް އެދި މަޖިލީހަށް ޖޭއެސްސީން ހުށަހަޅާފައިވަނީ ޑރ. އަޒްމިރާލްދާ ޒާހިރާއި މަހާޒު އަލީ ޒާހިރު އެވެ.
މި ދެ ފަނޑިޔާރުން ވަކިކުރަން ޖޭއެސްސީން ނިންމީ އަޒްމިރާލްދާގެ ފިރިކަލުން އަދި އައިޖީއެމްއެޗުގެ ޑޮކްޓަރު އިސްމާއީލް ލަތީފް މަސާޖު ޕާލާއަކުން ހައްޔަރުކޮށް ބަންދާ މެދު ގޮތެއް ނިންމަން ބޭއްވި ކްރިމިނަލް ކޯޓުގެ އަޑުއެހުމަށް ނުފޫޒު ފޯރުވި ކަމަށް ބުނެ އެވެ.
ޖޭއެސްސީން އެ މައްސަލަ ބަލަން ނިންމީ ގާނޫނީ އިޖުރާއަތުތައް ފުރިހަމަނުކޮށް ކަމަށް މަޖިލީހުގެ ކައުންސެލް ޖެނެރަލް ފާތިމަތު ފިލްޒާ ލަފާ ދެއްވާފައި ވަނިކޮށް، މި މައްސަލަ ދިރާސާކުރި މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ވަނީ ޖޭއެސްސީގެ ނިންމުމުގައި ގޯހެއް ނެތް ކަމަށް ނިންމައި މަޖިލީހުގެ ތަޅުމަށް މިއަދު މައްސަލަ ފޮނުވާފަ އެވެ.
ތަފްސީލް - މި މައްސަލަ މާދަމާގެ ޖަލްސާއަށް އެޖެންޑާކޮށްފައިވާއިރު، ޖުޑިޝަރީ ކޮމިޓީގެ ރިޕޯޓަށް މަޖިލީހުގައި ކުރާ ބަހުސްގެ ވަގުތު ކަނޑައެޅުމަށް އާންމު ކޮމިޓީގެ ބައްދަލުވުމެއް މިރޭ 9 ޖަހާއިރު ބޭއްވުމަށް ވަނީ ނިންމައިފަ އެވެ. 
ފަނޑިޔާރުން ވަކިކުރުމުގައި ޖޭއެސްސީންނާއި މަޖިލީހުން އަމަލުކުރަމުންދާ ގޮތާ މެދު ގިނަ ފަރާތްތަކަކުން ދަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ. ޖުޑިޝަރީ ކޮމިޓީގައި މި މައްސަލަ ސިއްރުން ކުރިއަށް ގެންގޮސް، އެ ކޮމިޓީއަށް ޖަވާބުދާރީވާން އެދި އަޒްމިރާލްދާގެ ފަރާތުން އެދުމުން އެ ފުރުސަތު ދީފައެއް ވެސް ނުވެ އެވެ.
އަޒްމިރާލްދާ އާއި މަހާޒު ވަކިކުރުމުގެ މަަސައްކަތް ހިނގަމުން ދަނީ އިންސާފުން ބޭރުން ކަމަށް ބެލެވޭތީ، ހިއުމަން ރައިޓްސް ކޮމިޝަން (އެޗްއާރުސީއެމް) އިން ވަނީ މިއަދު ކަންބޮޑުވުން ފާޅުކޮށްފަ އެވެ. އަދި ފަނޑިޔާރުން ވަކިކުރުން ހުއްޓާލަން ބައިނަލްއަގުވާމީ ޖަމިއްޔާތަކުން ވެސް ވަނީ ގޮވާލާފަ އެވެ.
އެނގުން މުހިންމު - އަޒްމިރާލްދާ އާއި މަހާޒުގެ އިތުރުން، ފަނޑިޔާރުކަމުން އިސްތިއުފާ ދެއްވާފައިވާ ހުސްނުއްސުއޫދު 26 ފެބްރުއަރީއިން ފެށިގެން ވަނީ ސަސްޕެންޑްކޮށްފަ އެވެ.
ޖޭއެސްސީން އެ ފިޔަވަޅު އެޅީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކު ނިސްބަތްވާ ސިޔާސީ ޕާޓީ ބަދަލުކޮށްފި ނަމަ ގޮނޑި ގެއްލޭ އާ ހާލަތްތަކަށް އަމަލުކުރުން ފަސްކުރުމުގެ ވަގުތީ އަމުރަކާ ގުޅޭ އަޑުއެހުމެއް ފަށަން ވަގުތު ކުޑަތަން ވެފައި ވަނިކޮށެވެ. އަޒްމިރާލްދާ އާއި މަހާޒް ވެސް ވިދާޅުވެފައިވަނީ މިއީ އެ މައްސަލައަށް ނުފޫޒު ފޯރުވުމަށް ޖޭއެސްސީން އަޅާ ފިޔަވަޅުތަކެއް ކަމަށެވެ.
ތިން ފަނޑިޔާރަކު އޭރު ސަސްޕެންޑްކުރުމުން ދުސްތޫރީ މައްސަލަ ވަގުތީ ގޮތުން ހުއްޓިފައި އޮންނަތާ ދެ މަހަށް ވުރެ ގިނަ ދުވަސް ވަނީ ވެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ